ޚަބަރު
ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށް: އެމްޓީސީސީ
މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: އެމްޓީސީސީ
ބ. ދަރަވަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ، ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ބްރޭކް ވޯޓާ ޕްރޮފައިލިންގެ މަސައްކަތާއި ބަނދަރުގެ ޕޭވިންގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 30،504 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 1843 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. ހަމަ އެހެންމެ، 4126 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ރޭމްޕް އޭރިއާ ފުންކުރުމާއި، 2301 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 352 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
Project Update: Design and Build of B. Dharavandhoo Harbor Upgrade
— MTCC Plc (@MTCCPlc) December 6, 2025
Breakwater profiling works and harbor paving works ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/AIco96qsGW
މީގެ އިތުރުން، 83 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 248 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 24 މީޓަރުގެ ސަރަހަޙަދެއްގައި ގްރޮއިން ޖެހުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމަށް އެމްޓީސީސީން ވަނީ ނިންމާފައެވެ. ހަމަ އެއާއެކު، 140 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއި، 2104 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ.
މި މަޝްރޫޢަކީ، 55.48 މިލިއަން ރުފިޔާއަށް ސަރުކާރުގެ ޚަރަދުގައި ހިންގުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެއްކަން ފާހަގަކޮށްލެވެއެވެ.