ޚަބަރު
ޔުނެސްކޯގެ ބައިނަލްއަޤްވާމީ ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
ވަޒީރުންގެ މަޖިލިސް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މަތީ ތަޢުލީމުގެ ދާއިރާއިން އދ. ގެ ތަޢުލީމީ، ސައިންޓިފިކް އަދި ސަގާފީ ޖަމްޢިއްޔާ (ޔުނެސްކޯ) އިން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުހިންމު ދެ މުއާހަދާއެއްގައި ރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމަށް ނިންމެވީ މި ހިނގާ މަހުގެ 1 ވީ އާދިއްތަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސަތުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
ރާއްޖެއިން ބައިވެރިވުމަށް ނިންމި ދެ މުއާހަދާއަކީ "އޭޝިއާ ޕެސިފިކް ރީޖަނަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް އިން ހަޔަރ އެޑިއުކޭޝަން" (ޓޯކިޔޯ ކޮންވެންޝަން) އަދި ޔުނެސްކޯގެ "ގްލޯބަލް ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އޮފް ކޮލިފިކޭޝަންސް ކޮންސަރނިންގ ހަޔަރ އެޑިއުކޭޝަން" އެވެ.
މި ދެ މުއާހަދާގައި ބައިވެރިވުމާ ގުޅޭގޮތުން ޔުނެސްކޯއިން ވަނީ "ނޭޝަނަލް އެސެސްމަންޓް އޮފް ދަ ބެނެފިޓްސް އެންޑް އިމްޕްލިކޭޝަންސް އޮފް ރެޓިފައިންގ ދަ ގްލޯބަލް ކޮންވެންޝަން އެންޑް ޓޯކްޔޯ ކޮންވެންޝަން" ގެ ނަމުގައި ހާއްސަ ޤައުމީ އެސެސްމަންޓެއް ހަދާފައެވެ. މީގެއިތުރުން، ޔުނެސްކޯއާއި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ގުޅިގެން ވަނީ މިކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ހާއްސަ މިޝަނެއް ކުރިއަށްގެންގޮސް، ދާއިރާގެ އެކިއެކި ފަރާތްތައް ހިމެނޭ ފޯކަސް ގްރޫޕް ބައްދަލުވުންތަކެއްވެސް ބާއްވާފައެވެ.
ޔުނެސްކޯގެ މި އެސެސްމަންޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި މުއާހަދާތަކުގައި ރާއްޖެއިން ބައިވެރިވުމަކީ ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ބައިނަލްއަޤްވާމީ ފެންވަރަށް ގެންދިއުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންނާއި ތަޢުލީމީ ދާއިރާގެ މުވައްޒަފުން ރާއްޖެއައުމަށް މަގުފަހިވެގެންދާނެއެވެ.
ހަމައެއާއެކު، މަތީ ތަޢުލީމު ހާސިލުކުރުމަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ދިވެހި ދަރިވަރުންނަށް ފަސޭހަކަމާއެކު އެ ފުރުޞަތު ފަހިވެ، ބޭރުގެ ޤަބޫލުކުރެވޭ މުހިންމު ސަނަދުތަކާއެކު އެނބުރި ޤައުމަށް ޚިދުމަތްކުރަން އައުމުގެ ދޮރުވެސް މި ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުޅވިގެންދާނެ ކަމަށް ވަނީ ފާހަގަކޮށްފައެވެ.