ޚަބަރު
"ހެލްތު އެންޑް ފެމެލީ އެކްސްޕޯ" ބުރާސްފަތީގައި ފަށަނީ
"ހެލްތު އެންޑް ފެމެލީ އެކްސްޕޯ"---
ސިއްހީ ދުޅަހެޔޮކަމާއި އާއިލީ ގުޅުންތައް ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ "ހެލްތު އެންޑް ފެމެލީ އެކްސްޕޯ" މި ހަފުތާގެ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. ޖެހިޖެހިގެން މި އެކްސްޕޯ ބާއްވާ މިއީ ތިންވަނަ އަހަރެވެ.
މި އަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ "ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުންނެވެ. މި އެކްސްޕޯ ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މި ނޮވެންބަރު މަހުގެ 5 އިން 7 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި އެކްސްޕޯގެ މައިގަނޑު މަގުސަދަކީ ސިއްހީ، އިޖުތިމާއީ އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް އާންމުން ހޭލުންތެރިކުރުވުމެވެ. މީގެއިތުރުން ދެޖިންސުގެ ހަމަހަމަކަމާއި، މުޖުތަމައުގައި ނާޒުކު ހާލަތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ މައުލޫމާތާއި، ގައުމީ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ވެސް މި އެކްސްޕޯގައި ކުރިއަށްދާނެއެވެ.
މި ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުން ފޯރުކޮށްދޭ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން މި އެކްސްޕޯ މެދުވެރިކޮށް ލިބިގެންދާނެއެވެ. އަދި ހިދުމަތްދޭ މުއައްސަސާތަކާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ލިބިގެންދާއިރު، މުޅި އެކްސްޕޯ ފަރުމާކޮށްފައިވަނީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ފަދަ ގޮތަކަށެވެ.
މިގޮތުން ކުޑަކުދިންނަށް ޚާއްސަކޮށްގެން ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާއި، ކުދިން ހެދިބޮޑުވުމާ ގުޅޭ މައުލޫމާތާއި، ވެކްސިން އަދި އެހެނިހެން ސިއްހީ މައުލޫމާތު ދިނުމުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތައް ވަނީ ރޭވިފައެވެ. އަދި ބިދޭސީންނަށް ޚާއްސަކޮށްގެން ސިއްހަތާ ގުޅޭ މުހިންމު މައުލޫމާތާއި ހެލްތު ސްކްރީނިންގ ހެދުމުގެ ފުރުސަތު ވެސް އޮންނާނެއެވެ.
ޒުވާނުންނަށް ޚާއްސަ ހަރަކާތްތަކާއި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ މައުލޫމާތު ދިނުމާއި، ސިއްހަތަށް ފައިދާހުރި ކާނާ ލިބޭނެ "ހެލްތީ ފުޑް ސްޓޯލް" ތަކާއެކު ދުޅަހެޔޮ ކެއުންބުއިމުގެ އާދަތަކަށް އަހުލުވެރިކުރުމުގެ ސެޝަންތައް ވެސް ކުރިއަށްދާނެއެވެ. މީގެއިތުރުން، އާންމުން ޝައުގުވެރިވާނެ ފަދަ މިއުޒިކް ޝޯތަކާއި، "ބިރުވެރި ހޮހޮޅަ" ހިމެނޭހެން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް މި އެކްސްޕޯގެ ތެރެއިން ތަޖުރިބާކޮށްލުމުގެ ފުރުސަތު ޒިޔާރަތްކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.