Ads by Stelco

ޚަބަރު

މާލެ ސަރަޙައްދުގެ އުޅަނދުތަކަށް ޚާއްޞަކޮށްގެން 1،200 ޖާގައިގެ ޕާކިންގއެއް ހުޅުވައިފި

މާލެ ސަރަޙައްދުގެ އުޅަނދުތަކަށް ޚާއްޞަކޮށްގެން 1،200 ޖާގައިގެ ޕާކިންގއެއް ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަދު ހުޅުވި ޕާކިންގ ޒޯން. / ތަޞްވީރު: ދައުލަތުގެ މީޑީޔާ

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 03:46

07 ޑިސެމްބަރު 2025، 03:46

މާލެ ޒޯންގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް ޚާއްޞަކޮށްގެން ތައްޔާރުކުރި ވަގުތީ ޕާކިންގ ފެސިލިޓީއެއް ޢާންމުންނަށް ހުޅުވާލައިފިއެވެ.

މި ކަމަށްޓަކައި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ގުޅިގެން ތަރައްޤީކޮށްފައިވާ ފެސިލިޓީއެކެވެ.

މި ޕާކިންގ ޒޯން ތަރައްޤީކޮށްފައިވަނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ "އޮޅުހިޔާ"އާ ޖެހިގެންނެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްތައް ޕާކުކުރާނެ ތަނެއް ނެތިގެން، މަގުތަކާއި ޢާންމު ތަންތަނުގައި، މީހުންނަށް އުނދަގޫވާ ގޮތަށް ވެހިކަލްތައް ޕާކުކޮށްފައި ހުންނަ ކަމަށެވެ. ނަމަވެސް މި ޕާކިންގ ޒޯނާ އެކު، މާލެ ސަރަޙައްދުގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޕާކިންގ ސަރަޙައްދެއް ތަރައްޤީކުރި ނަމަވެސް، މަގުތަކުގެ ތޮއްޖެހުން ކުޑަވެގެންދާނީ، ޕާކިންގއަށް ހުޅުވާލާފައިވާ ސަރަޙައްދުތަކުގައި ޢާންމުން ޕާކުކުރުމުން ކަމަށާއި، އެހެންކަމުން މި ސަރަޙައްދުގައި ޕާކުކުރެވޭ އުޅަނދުތައް ޕާކުކުރަން ފެށުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ވަގުތީ ގޮތުން އަޅުގަނޑުމެން މި ގޮތަށް ކަންތައްތައް ކުރަމުން މި ގެންދަނީ. ޕާކިންގ ބިލްޑިންގ އެޅި، ދާއިމީ ޙައްލެއް ލިބެންދެކަށް ވެސް މިހާރުން މިހާރަށް މި ކަމަށް ޙައްލެއް ގެންނަން ޖެހޭތީ. ރައީސްގެ އިރުޝާދުފުޅުން އަޅުގަނޑުމެން މި ކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބޭތޯ މި މަސައްކަތް ކުރަނީ، ޕާކިންގ މައްސަލަތަކުގައި ހުރި ދަތިތައް އެ މަނިކުފާނަށް އެނގިވަޑައިގަންނަވާތީ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން

އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު ވިދާޅުވީ، ވަގުތީ އިތުރު ޕާކިންގއެއް ހުޅުވާލީ، ޕާކިންގ މައްސަލަ ޙައްލުކުރުމުގެ މުހިންމުކަމުގެ ސަބަބުން ކަމަށެވެ. މީގެ އިތުރުން، ޕާކިންގ މައްސަލައަށް ޙައްލެއް ގެނައުމަށް ޕާކިންގ ބިލްޑިންތަކެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ޒުހައިރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިހާރު ވެސް ޕާކިންގ ބިލްޑިންގތަކެއް އެޅުމުގެ މަސައްކަތްތަކެއް ވެސް ދަނީ، މިނިސްޓްރީއާއި އެޗް.ޑީ.ސީ.އާއި ގުޅިގެން ކުރިއަށް ގެންދަމުން. މި ކަންތައްތަކަށް ޙައްލެއް ހޯދުމަށް އަޅުގަނޑުމެން މި ދަނީ، ސަރުކާރުގެ މެންޑޭޓާ އެއްގޮތަށް މަސައްކަތް ކުރަމުން.

އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޒުހައިރު

ދަތުރުފަތުރާ ބެހޭ ވުޒާރާއިން ބުނީ، މި ޕާކިންގއާ އެކު މި ހުޅުވިގެންދިޔައީ ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ޕާކުކުރާނެ އިތުރު ޖާގައެއް ކަމަށެވެ. މި ތަނުގައި 1،200އަށް ވުރެ ގިނަ ވެހިކަލް ޕާކުކުރެވޭހައި ޖާގަ ހުންނައިރު، މި ތަނުގައި ޕާކުކުރެވޭނީ ހަމައެކަނި 4 ފުރޮޅު ލީ އުޅަނދުތައް ކަމަށް ވުޒާރާއިން ބުނެއެވެ.

މީގެ ކުރީން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ޕާކިންގ ސަރަޙައްދުތަކާ އެކު މިހައިތަނަށް 2،500 ވެހިކަލް ޕާކުކުރެވޭނެ ޖާގަ ތަނަވަސްކޮށްދީފައިވާ ކަމަށް ވެސް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ. 



Ads by MSS

މި ލިޔުން ކިޔާލުމުން