ކުޅިވަރު
ސްޕެނިޝް ލީގު: މެޑްރިޑުގައި ސެލްޓާއިން ރެއާލް ބަލިކޮށްފި
ސެލްޓާގެ ދެވަނަ ގޯލު ވިލިއޮޓް ސްވެބާރގް ކާމިޔާބުކުރަނީ / ފޮޓޯ: ގެޓީ އިމޭޖަސް
ސްޕެނިޝް ލަ ލީގާގައި ސެލްޓާ ވީގޯއިން 2-0އިން ރެއާލް މެޑްރިޑު ބަލިކޮށްފިއެވެ. ދެ ރަތްކާޑާ ގުޅިގެން 9 ކުޅުންތެރިންނާއެކު، ޝޮކެއްގައި މެޗު ނިންމާލަން ޖެހުނު ރެއާލް ކޮޅަށް ދެ ގޯލު ވެސް ކާމިޔާބުކުރީ، ސްވިޑަންއަށް ނިސްބަތްވާ އެ ޓީމުގެ ޒުވާން ފޯވާޑް، ވިލިއޮޓް ސްވެބާރގްއެވެ.
ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ވިލިއޮޓް އޭނާގެ ފުރަތަމަ ގޯލު ކާމިޔާބުކުރީ މެޗުގެ 53ވަނަ މިނެޓުގައެވެ. މިއީ ބްރްޔަން ޒަރަގޯޒާ ރެއާލްގެ ގޯލު ކުރިމައްޗަށް ވާތްފަރާތުން ހުރަސްކޮށްދިން ބޯޅައެއް، ކަނާތު ފައިން ބޫޓުގެ ބޭރު އަރިމަތިން ޖައްސާލައި، ދުރުކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އަދި އޭނާގެ ދެވަނަ ގޯލު އިތުރު ވަގުތުގެ 3ވަނަ މިނެޓުގައި ކާމިޔާބުކުރީ، ފަސޭހަ ކަމާއެކު ރެއާލްގެ ގޯލްކީޕަރު، ތިއާބަތު ކޯޓްވާ ކައިރިން ނައްޓާލުމަށްފަހުއެވެ.
މި މެޗުގައި ސެލްޓާގެ ގޯލްކީޕަރު، އިއޯނަޓް ރަޑޫ ވަނީ ރެއާލްގެ ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށް، އެ ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ގޯލާ ކައިރިން އާރދާ ގޫލާ އަދި ޖޫޑް ބެލިންގްހަމް ފޮނުވާލި ހަމަލާތައް ހުއްޓުވުމަށް ކުރި މަސައްކަތް ފާހަގަކުރެވެއެވެ.
ސެލްޓާގެ ގޯލްކީޕަރު، އިއޯނަޓް ރަޑޫ އެ ޓީމުގެ ގޯލަށް ފޮނުވާލި ހަމަލާއެއް ދިފާއުކުރަނީ / ފޮޓޯ: ގެޓީއިމޭޖަސް
މެޗަށްފަހު ވާހަގަ ދައްކަމުން ސެލްޓާގެ ކޯޗު، އިގްލެސިއާސް ބުނީ، މި ނަތީޖާ ހޯދުމަށް ޑިފެންޑަރުން މޮޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި ރެއާލްއާ ދެކޮޅަށް މިފަދަ ނަތީޖާއެއް ނެރެވުމަކީ ފަސޭހަކަމެއް ނޫންކަމަށް އޭނާ ފާހަގަކުރިއެވެ.
އަނެއްކޮޅުން ރެއާލްގެ ކޯޗު، ޒަބީ އަލޮންސޯ ބުނީ، އޭނާގެ ޓީމުން އެކަށީގެންވާ މިންވަރަށް މަސައްކަތް ކުރިތަން ނުފެންނަ ކަމަށެވެ. އަދި ދެ ރަތްކާޑާ ގުޅިގެން އޭނާ ވަނީ ރެފްރީންނަށް ފާޑު ކިޔާފައެވެ.
މި ނަތީޖާއާއެކު އަމިއްލަ ދަނޑުގައި ރެއާލްއިން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑު މިވަނީ، 6 މެޗަށްފަހު ނިމުމަކަށް އައިސްފައެވެ. އަދި އެ ޓީމަށް، ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ފަރަގު ޕޮއިންޓަކަށް ކުޑަކުރުމަށް ލިބުނު ފުރުސަތު ވެސް މިވަނީ ގެއްލިފައެވެ.
އަނެއްކޮޅުން، ރެއާލްއާ ދެކޮޅަށް ހޯދި މި ތާރީޙީ ކާމިޔާބާއެކު 14ވަނައިގައި އޮތް ސެލްޓާ ވަނީ 10ވަނައަށް ކުރިޔަށް ޖެހިލާފައެވެ.
ލީގުގައި މިފަހުން ރެއާލްއަށް ނެރެވިފައި ވަނީ ދަށް ނަތީޖާ ތަކެކެވެ. އެގޮތުން އެންމެ ފަހުން ކުޅުނު 5 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާއިރު، ކުރިޔަށް އޮތީ ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ.