ކުޅިވަރު

އިޓަލީ ލީގު: ޖަޕޯލީއިން ޔުވެންޓަސް ބަލިކޮށް އަނބުރާ ލީގުގެ އެއްވަނައަށް

އިޓަލީ ލީގު: ޖަޕޯލީއިން ޔުވެންޓަސް ބަލިކޮށް އަނބުރާ ލީގުގެ އެއްވަނައަށް

ޖުވެންޓަސް ކޮޅަށް ގޯލު ކާމިޔާބުކުރުމަށްފަހު ހޮއިލަންޑް އުފާފާޅުކުރަނީ / ފޮޓޯ: ރޮއިޓާސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

08 ޑިސެމްބަރު 2025، 09:12

08 ޑިސެމްބަރު 2025، 09:12

އިޓާލިއަން ސެރީ އޭގައި އާދީއްތަ ދުވަހުގެރޭ ނަޕޯލީއިން ޔުވެންޓަސް ބަލިކޮށް، އަނބުރާ ލީގުގެ އެއްވަނަ މަޤާމަށް އަރައިފިއެވެ.

މި މެޗުގެ އެންމެ ފުރަތަމަ ފުރުސަތު ލިބުނީ ނަޕޯލީގެ ސްކޮޓް މެކްޓޮމިނޭއަށެވެ. ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލު ކައިރިން ބޭރަށެވެ. 

ނަމަވެސް އޭގެ ދެ މިނެޓު ފަހުން، މެޗުގެ 7ވަނަ މިނެޓުގައި ނަޕޯލީގެ ފޯވާޑް ރަސްމުސް ހޮއިލަންޑް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ކަނާތް ފަރާތުން ތިރިތިރިން ޖުވެންޓަސްގެ ގޯލް އޭރިއާ ތެރެއަށް ޑޭވިޑް ނެރޭސް ހުރަސްކޮށްދިން ބޯޅައެއް، ގޯލުގެ ކައިރި ދަނޑި ކައިރީގައި ހުރެފައި ހޮއިލަންޑު ކާމިޔާބުކުރި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ، ކީޕަރުގެ ބަނޑުދަށުން ގޮހެވެ.

އޭގެ ފަހުން ފުރަތަމަ ހާފުގައި މެކްޓޮމިނޭ ފޮނުވާލި އިތުރު ހަމަލާއެއް އަމާޒުވީ ގޯލުގެ ދަނޑިއާއެވެ. 

ނަޕޯލީއަށް ލިބުނު ފުރުސަތުތަކުން ލީޑު ފުޅާ ނުކުރެވުމުގެ ނަތީޖާއަކަށްވީ ޔުވެންޓަސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އެގޮތުން މެޗުގެ 59ވަނަ މިނެޓުގައި އެ ޓީމުގެ ގޯލު ކާމިޔާބުކުރީ ކެނަސް ޔިލްޑިޒްއެވެ. 

ނަމަވެސް ނަޕޯލީއިން ވަނީ، ހޮއިލަންޑުގެ އިތުރު ގޯލަކާއެކު ޔުވެންޓަސް ބަލިކޮށް، އަނބުރާ ލީގުގެ އެއްވަނައަށް އަރާފައެވެ. އެ ޓީމަށް ވަނީ ސެރީ އޭގައި މި ސީޒަނުގައި މިހާތަނަށް ކުޅުނު 14 މެޗުން 31 ޕޮއިންޓު ލިބިފައެވެ. ދެވަނައިގައި އޮތް އިންޓަރ މިލާނަށް 30 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސްއަށް ލިބިފައިވާ 23 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ ހަތްވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން