Ads by Stelco

ޚަބަރު

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %10.1 އިތުރުވެފަ

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %10.1 އިތުރުވެފަ

ވެސްޓިން މޯލްޑިވްސް ފޮޓޯ: ވެސްޓިން މޯލްޑިވްސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ޑިސެމްބަރު 2025، 10:22

08 ޑިސެމްބަރު 2025، 10:22

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ދެ މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައި ކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަނީ %10.1 އިތުރުވެފައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 2,059,962 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 1,871,368 ފަތުރުވެރިންނާ އަޅާބަލާއިރު %10.1 ގެ ކުރިއެރުމެކެވެ. މީގެ އިތުރުން، މިމަހުގެ ފުރަތަމަ 6 ދުވަހު ރާއްޖެއަށް 37,901 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %12.4 އިތުރު އަދަދެކެވެ.

މިދިޔަ ޖަނަވަރީ މަހުން ފެށިގެން ނޮވެމްބަރު މަހާ ހަމައަށް ކޮންމެ މަހަކު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ތިރީގައި މިވަނީއެވެ.

  • ޖަނަވަރީ: 214,863 ފަތުރުވެރިން
  • ފެބްރުއަރީ: 214,091 ފަތުރުވެރިން
  • މާރޗް: 203,468 ފަތުރުވެރިން
  • އޭޕްރީލް: 198,322 ފަތުރުވެރިން
  • މެއި: 135,614 ފަތުރުވެރިން
  • ޖޫން: 141,772 ފަތުރުވެރިން
  • ޖުލައި: 186,738 ފަތުރުވެރިން
  • އޮގަސްޓް: 192,058 ފަތުރުވެރިން
  • ސެޕްޓެމްބަރ: 149,563 ފަތުރުވެރިން
  • އޮކްޓޯބަރ: 190,445 ފަތުރުވެރިން
  • ނޮވެމްބަރ: 195,127 ފަތުރުވެރިން

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި 5 ޤައުމުންވެސް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއީ:

  • ޗައިނާ: 316,147 ފަތުރުވެރިން
  • ރަޝިއާ: 258,253 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 184,785 ފަތުރުވެރިން
  • ޖަރުމަނުވިލާތް: 155,309 ފަތުރުވެރިން
  • އިޓަލީވިލާތް: 134,455 ފަތުރުވެރިން

ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1.5 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. މިއީ ރާއްޖެއަށް އައި ފަތުރުވެރިންގެ %73.6 އެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ. އަދި ހޮޓެލްތަކުގައި 53,000 އަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމަށްޓަކައި މުޅި ޖުމްލަ 1313 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 66,805 އަކަށް އަރައެވެ. މި ތަފާސްހިސާބުތަކުން ދައްކައިދެނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ހަލުވިކަމާއެކު ކުރިއަރަމުން ކަމާއި، މުޅި ދުނިޔޭގައިވެސް ރާއްޖެއަކީ އަބަދުވެސް މަގުބޫލު މަންޒިލެއްގެ ގޮތުގައި ދެމިއޮތްކަމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން