ޚަބަރު
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނުހަދާ ހުރި މަގުތައް އަންނަ އަހަރު ތަރައްޤީކުރުމަށް ނިންމައިފި
ހުޅުމާލެ ފޭސް ދޭއްގެ މަގުތަކުގައި ތާރުއަޅަނީ ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރުވެސް ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަކޮށްފިއެވެ. އެޗްޑީސީން ވިދާޅުވީ، އަންނަ އަހަރުވެސް އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އަލީ ޒުހައިރު ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހި މިހާރަށް ވުރެ ބޮޑަށް ތަރައްޤީކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. ޚާއްސަކޮށް ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އިތުރުކޮށް، އެ ސަރަޙައްދު މިހާރަށް ވުރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި މަސައްކަތުގެ ތެރެއިން، ދެވަނަ ފިޔަވަހީގައި ނުހަދާ ހުރި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ހުޅުމާލޭގައި ހުއްޓިފައި ހުރި ބައެއް މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ޒުހައިރު ވިދާޅުވީ، އެ މަޝްރޫޢުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކަކީ ކޯޓު މަރުހަލާގައި ހުރި މަޝްރޫޢުތަކެއް ކަމަށެވެ. އެހެންކަމުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ފޭސް 1 އަދި ފޭސް 2 ވެސް ތަރައްޤީވަމުން އަންނައިރު މި ދެންނެވި ގޮތަށް ފުރިހަމަވެގެންދާނެ. ހުއްޓިފައި ހުރި މަޝްރޫޢުތަކުގެ ތެރެއިން އެސްޓީއޯ ހޮޓެލް ފާހަގަކޮށްލެވޭ. ނަމަވެސް އެ މަޝްރޫޢުވެސް މިހާރު އަލުން ކުރިއަށް އެ ގެންދަނީ ޒުހައިރު
މީގެއިތުރުން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބައެއް މަގުތަކާއި، ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގެއް ތަރައްޤީކުރުމަށް ޗައިނާގެ ކުންފުންޏަކާ މި މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑާއެވެ. މި މަސައްކަތުގެ ދަށުން ފޭސް 1 ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރާނެއެވެ. ޖުމްލަ 1.1 ކިލޯމީޓަރުގެ މަގުގެ ސަރަޙައްދުގައި ތާރު އަޅައިގެން ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކުންފުންޏާ ހަވާލުކުރެވުނު އަނެއް މަސައްކަތަކީ، ހުޅުމާލޭގައި މީގެ ކުރިން ހަދާފައިވާ މަގުތަކުގެ ތެރެއިން ހަލާކުވެފައިވާ މަގުތައް މަރާމާތުކުރުމެވެ. އެގޮތުން ހުޅުމާލޭގެ ފިތުރޯނު މަގާއި އެހެން ބައެއް މަގުތައް މަރާމާތުކުރެވޭނެއެވެ. މި މަޝްރޫޢުގެ ތެރެއިން ފޭސް 1 ގައި މިހާރު ތާރު އަޅާފައި ނެތް ހުރިހާ މަގެއް ތަރައްޤީކުރެވޭނެއެވެ. ފޭސް 1 އަދި 2 ގެ މަގުތައް ހެދުމުގެ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.