ޚަބަރު
ޔޫސީމާސް ބައިނަލްއަޤްވާމީ މުބާރާތުން ރާއްޖޭ ދަރިވަރުންނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް!
ޔޫސީމާސް މޯލްޑިވްސްގެ ފަރާޓުން މުބާރާތުގައި ބައިވެރިވި ބައެއް ކުދިން ފޮޓޯ: ޔުސީމަސް މޯލްޑިވްސް
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާއިމުކޮށްފައިވާ ޔޫސީމާސް ސެންޓަރުތަކުގެ ދަރިވަރުން ބައިވެރިވާ ޔޫސީމާސް އިންޓަރނޭޝަނަލް ކޮމްޕެޓިޝަނުން ރާއްޖޭ ދަރިވަރުންނަށް ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ލިބިއްޖެއެވެ. މި އަހަރުގެ މުބާރާތް ބޭއްވީ ޖޯޖިއާގެ ޓިބިލިސީގައެވެ.

ފަރުދުން މީޑިއާ އަށް މައުލޫމާތު ދެއްވަމުން ޔުސީމާސް މޯލްޑިވްސްއިން ބުނެފައިވަނީ މުޅި ދުނިޔެއަށް ހުޅުވާލައިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތަކީ، ޔޫސީމާސް ދަރިވަރުންގެ މެންޓަލް އެރިތްމެޓިކް އަދި ކޮގްނިޓިވް ހުނަރުތައް އިމްތިހާނުކުރުމަށް ބޭއްވޭ ވަރަށް ޝަރަފުވެރި މުބާރާތެއްކަމަށެވެ. މިފަހަރުގެ މުބާރާތުގައި ޔޫސީމަސް މޯލްޑިވްސްއިން ބައިވެރިވި 8 ދަރިވަރަކު ވަނީ އެކި ވަނަތައް ހޯދާފައެވެ.
މި މުބާރާތުގެ ފުރަތަމަ ރަނަރަޕްގެ މަގާމު ހޯދާފައިވަނީ ނޫރު ހަސަން ޒާހިދެވެ. ދެވަނަ ރަނަރަޕްގެ މަގާމު ރައްޔާން މުހައްމަދު ތަސްލީމް ހޯދިއިރު، ތިންވަނަ ރަނަރަޕްގެ މަގާމު ހޯދި ދަރިވަރުންގެ ތެރޭގައި ހާދީ ހިޝާން ޝާކިރު، ހަމްނާ މުހައްމަދު ތަސްލީމް، ލިއަމް އަބްދުﷲ ރަމީޒް، މަރިޔަމް ސޮފީއާ ހަމްޒަތު، މުހައްމަދު އިލްފް ޝިނާޒް، އަދި ޝާލިޝް ޝައިން ޝަރަފުﷲ ހިމެނެއެވެ.

މިއީ ރާއްޖޭ ދަރިވަރުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ސަބަބަކީ މިފަހަރުގެ މުބާރާތުގައި 20 ގައުމަކުން 1،200 އަށް ވުރެ ގިނަ ދަރިވަރުން ވާދަކޮށްފައިވާތީއެވެ. މި މުބާރާތުން ރާއްޖޭ ދަރިވަރުންނަށް ލިބުނު ކާމިޔާބީއަކީ އެ ދަރިވަރުންގެ ހުނަރާއި، ޔޫސީމާސް ޕްރޮގްރާމްގެ ފައިދާ ވަރަށް ރަނގަޅަށް ދައްކުވައިދޭ ކަމެކެވެ.
ޔޫސީމާސް އަކީ ކޮބާ؟
ޔޫސީމާސް އަކީ "ޔުނިވަރސަލް ކޮންސެޕްޓް އޮފް މެންޓަލް އެރިތްމެޓިކް ސިސްޓަމް" ގެ ކުރުނަމެވެ. މިއީ ޢިލްމީ ގޮތުން ސާބިތުވެފައިވާ، ހަތަރު އަހަރުން ފެށިގެން 14 އަހަރުގެ ކުދިންނަށް ޚާއްސަކޮށްގެން ސިކުނޑީގެ ހުނަރުތައް ތަރައްގީކުރުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ. އެބަކަސް ބޭނުންކޮށްގެންނާއި މެންޓަލް މެތް ބޭނުންކޮށްގެން ކިޔަވައިދޭ މި ޕްރޮގްރާމްގެ ސަބަބުން ކުދިންގެ ސަމާލުކަން ، ހަނދާން ، އީޖާދީ ގާބިލިއްޔަތު އަދި އަމިއްލަ އިތުބާރު އިތުރުވެގެންދެއެވެ.

ޔޫސީމާސްގެ މަގުސަދަކީ ހަމައެކަނި ކުދިން ހިސާބު ހެދުމުގައި އަވަސްކުރުން ނޫނެނެވެ. މިއީ ކުދިންގެ މުޅި ސިކުނޑި ތަރައްގީކުރުމެވެ. ތަފާތު މަރުހަލާތަކަށް ބަހާލެވިފައިވާ މި ޕްރޮގްރާމްގައި، އެބަކަސް ވިޝުއަލައިޒްކޮށްގެން ކޮމްޕްލެކްސް ހިސާބުތައް އަވަހަށް ހައްލުކުރަން ދަސްކޮށްދެއެވެ. މިއީ ދިރިއުޅުމަށް ބޭނުންވާ ތަޢުލީމީ ހުނަރުތައް ކުދިންގެ ކިބައިގައި އަށަގަންނުވައިދޭ ޕްރޮގްރާމެކެވެ.
ޔޫސީމާސް މޯލްޑިވްސްއިން މި ޕްރޮގްރާމް ރާއްޖޭގެ އެކި ސެންޓަރުތަކުގައި ހިންގަމުންދެއެވެ. މި ސެންޓަރުތަކުގެ ތެރޭގައި މާލެ، ހުޅުމާލެ، ހުޅުމާލެ ފޭސް 2، ޅ. ހިންނަވަރު، ޅ. ނައިފަރު، އަދި ސ. މީދޫ ހިމެނެއެވެ.