Ads by Stelco

ޚަބަރު

ބޭރު ފައިސާއިން ސަރވިސް ޗާޖު ދޭން ޖެހޭ ގޮތް ހެދުމަށް އިޞްލާޙެއް ހުށަހަޅައިފި

ބޭރު ފައިސާއިން ސަރވިސް ޗާޖު ދޭން ޖެހޭ ގޮތް ހެދުމަށް އިޞްލާޙެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޒާކިރު

farudhun logo

ފަރުދުން

08 ޑިސެމްބަރު 2025، 04:34

08 ޑިސެމްބަރު 2025، 04:34

ރިޒޯޓުތަކުގެ މުވައްޒަފުންނަށް ދިވެހި ރުފިޔާއިން ސަރވިސް ޗާޖު ދިނުން ހުއްޓާލައި، ބޭރު ފައިސާއިން ދިނުން މަޖުބޫރުވާ ގޮތަށް ވަޒީފާއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމަށް އަދު ބިލެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމް.ޑީ.ޕީ. މެންބަރު މަޢުރޫފް ޒާކިރު ހުށަހެޅުއްވި ބިލުގައި އޮތީ، ވަޒީފާއާ ބެހޭ ޤާނޫނުގެ 52ވަނަ މާއްދާ އިޞްލާޙުކޮށް، ސަރވިސް ޗާޖުގެ މުވައްޒަފުންނަށް ފައިސާ ދޭއިރު، ދިވެހި ރުފިޔާއަށް އެ ފައިސާ މާރުކޮށްގެން ނުވާނެ ކަމަށް ހަމަޖެއްސުމަށެވެ.

ވީމާ، ސަރވިސް ޗާޖުގެ ފައިސާ މުވައްޒަފުންނަށް ދޭން ޖެހެނީ އެ ފައިސާއެއް ލިބުނު ކަރަންސީއަކުން ކަމަށް އެ ބިލްގައި ވެއެވެ.

މީގެ އިތުރުން، ރިޒޯޓުތަކާއި ގެސްޓްހައުސްތަކާއި ހޮޓެލްތަކުގައި އައުޓްސޯސް ކޮށްގެން ދޭ ޚިދުމަތްތަކުގައި، އެހެން ކުންފުންޏެއްގެ ފަރާތުން މަސައްކަތްކުރާ މުވައްޒަފުންނަށް ވެސް ސަރވިސް ޗާޖް ދޭން ޖެހޭ ގޮތް ހެދުމަށް އެ ބިލުގައި ވަނީ ހުށަހަޅާފައެވެ.

އެ ބިލުގައި އިތުރަށް ވާ ގޮތުން، ޓޫރިސްޓް ފެސިލިޓީގައި އައުޓްސޯސް ކޮށްގެން ދޭ ޚިދުމަތުގައި ބައިވެރިވާ މުވައްޒަފުން ކުރަނީ ޓޫރިސްޓުންނަށް ސީދާ ގޮތެއްގައި ޚިދުމަތެއް ދިނުމުގެ މަސައްކަތެއް ނަމަ، އެ މުވައްޒަފަށް ވެސް ސަރވިސް ޗާޖު ދޭން ޖެހޭ ގޮތަށް ޤާނޫނަށް އިޞްލާޙު ގެންނަން ޖެހެއެވެ.

ރާއްޖޭގެ ރިޒޯޓުތަކުގައި ވޯޓަރސްޕޯޓްސްގެ ޚިދުމަތްދޭ ތަންތަނާއި، ޑައިވް ސެންޓަރުތަކާއި ސުވެނިއަރ ޝޮޕްތައް ހިންގަން އެހެން ބަޔަކަށް ދިނުމަކީ ވަރަށް ޢާންމު ކަމެކެވެ. ވުމާ އެކު، ރިޒޯޓު މުވައްޒަފުންނަށް ދޭ ސަރވިސް ޗާޖު އެ ފަދަ ތަންތަނުގެ މުވައްޒަފުންނަށް ނުލިބެއެވެ. އަދި އެ މީހުންނަށް މުސާރަ ދެނީ ވެސް ރިޒޯޓުތަކުންނެއް ނޫނެވެ.

މި ބިލު މަޖިލިހަށް ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި މަޢުރޫފް ވިދާޅުވެފައިވަނީ، ޓޫރިޒަމް އިންޑަސްޓްރީގައި ޚިދުމަތްދޭ ތަންތަނުން ސަރވިސް ޗާޖު ނެގުމަށް ފަހު މުވައްޒަފުންގެ މެދުގައި ބަހަން ޖެހޭ ގޮތަށް ޤާނޫނުގައި އޮތް ނަމަވެސް، އެ ގޮތަށް ނަގާ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ބަހާތީ އޭގެ މަންފާ މުވައްޒަފުންނަށް ލިބުމަށް ހުރަސް އެޅިގެން ދާ ކަމެވެ.

ވީމާ، އެ ބިލުގެ މަޤުޞަދަކީ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ޙައްޤު ފުރިހަމައަށް ލިއްބައިދެވޭ ގޮތަށް ޤާނޫނަށް އިޞްލާޙު ގެނައުން ކަމަށް އެ ބިލުގައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން