ކުޅިވަރު

އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލުން ރަށުން ބޭރުގައި އިންޓަރ ބަލިކޮށްފި

އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލުން ރަށުން ބޭރުގައި އިންޓަރ ބަލިކޮށްފި

ސެން ސީރޯގައި ކުޅުނު މެޗުން މޮޅުވުމަކީ މިވަގުތު ލިވަޕޫލްއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ޑިސެމްބަރު 2025، 07:14

10 ޑިސެމްބަރު 2025، 07:14

ޔޫއެފާ ޗެމްޕިއަންސް ލީގު މެޗަށް ދަތުރުކުރިއިރު އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލުން، ރަށުން ބޭރުގައި އިންޓަރ މިލާން ބަލިކޮށްފިއެވެ. 

މިލާންގެ ސެންސީރޯގައި ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 1-0އިންނެވެ. މި ނަތީޖާއާއެކު، ލިވަޕޫލުން މިވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު 4 މެޗުން ބަލިނުވެ ސަލާމަތްވެފައެވެ. ފާހަގަކޮށްލެވޭ ކަމަކީ، އެ ޓީމު ބަލިނުވެ ސަލާމަތްވި މި މެޗުތަކަކީ، އެ ޓީމުގެ ތަރި މުޙައްމަދު ސަލާޙްއަށް ކުޅުމުގެ ފުރުސަތު ނުލިބުނު މެޗުތައް ކަމެވެ. ނަމަވެސް އޭގެ ކުރިން އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން 9 މެޗުން ވަނީ ބަލިވެފައެވެ. 

ކަން މިހެން އޮތްއިރު، ސަލާޙްއަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ އެކަމާ ހިތްހަމަ ނުޖެހިގެން އޭނާ ވަނީ މީޑިއާ އިންޓަވިއުއެއް ދީފައެވެ. މި އިންޓަވިއުގައި، އޭނާ ލިވަޕޫލުން ބާކީ ކޮށްލާފައިވާ ކަމަށާއި، ކޯޗާއި އޮތް ގުޅުން އެއްކޮށް ހީނަރުވެފައިވާކަމަށާއި އަދި ޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގެ ޒިންމާ އޭނާގެ ބޮލުގައި އެޅުވުމަށް މަސައްކަތްކުރާކަމަށް ވަނީ ބުނެފައެވެ. ސަލާޙްގެ މި އިންޓަވިއުއާ ގުޅިގެން ލިވަޕޫލުން ނިންމީ އިންޓަރ މެޗުގެ ސްކޮޑުގައި އޭނާ ނުހިމެނުމަށެވެ. 

ޕެނަލްޓީ ކާމިޔާބުކުރުމަށްފަހު އިންޓަރ އުފާފާޅުކުރަނީ / ފޮޓޯ: ޕީއޭ

ލިވަޕޫލުން އިންޓަރ ބަލިކުރީ މެޗު ނިމެން 2 މިނެޓަށް ވެފައިވަނިކޮށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ސީޒަނުގައި މިހާތަނަށް ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާ، ޑޮމިނިކް ސޮބޯޒްލާއީއެވެ. 

މިއީ މި ސީޒަންގައި ލިވަޕޫލް މޮޅަށް ކުޅުނު މަދު މެޗުތަކުގެ ތެރެއިން މެޗެކެވެ. އެގޮތުން ލިވަޕޫލުން ނިމުމަކަށް މި ގެނައީ، މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅުނު އިންޓަރއިން، މި މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗަކުން ސެން ސީރޯގައި ބަލިނުވެ ދަމަހައްޓަމުން އައި 18 މެޗުގެ ރެކޯޑެވެ.

އަދި މި މެޗުގައި ލިވަޕޫލުން މިވަނީ އިޓަލީ ލީގުގައި މިހާތަނަށް އެންމެ ގިނަ ގޯލުޖަހާފައިވާ ކުޅުންތެރިޔާއާ ދެކޮޅަށް ކުޅެ، "ކްލީން ޝީޓް"އަކާ އެކު މެޗު ނިންމާލާފައެވެ. 

މި ނަތީޖާއާއެކު އިންޓަރ އޮތީ ކުޅުނު 6 މެޗުން ހޯދި 12 ޕޮއިންޓާއެކު 5ވަނައިގައެވެ. އަދި ލިވަޕޫލްއަށް ވެސް ލިބިފައި ވަނީ 12 ޕޮއިންޓެވެ. ނަމަވެސް ގޯލު ތަފާތާއެކު އެ ޓީމު އޮތީ 8ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން