ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި އިތުރު ޚިދުމަތްތަކާއެކު ޒަމާނީ ޖީޕީ ކްލިނިކެއް ހަދަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގައި އިތުރު ޚިދުމަތްތަކާއެކު ޒަމާނީ ޖީޕީ ކްލިނިކެއް ހެދުމަށް ސޮއިކުރުން ފޮޓޯ: ފަހި ދިރިއުޅުން
ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ބޮޑުވަމުންދާ ސަރަހައްދަށް އަމާޒުކޮށް، ޒަމާނީ އާބަން ޕްރައިމަރީ ހެލްތު ކެއަރ ނުވަތަ ޖެނަރަލް ޕްރެކްޓިސް (ޖީޕީ) ކްލިނިކެއް ތަރައްޤީކުރުމަށް ނިންމައިފިއެވެ. މި ކްލިނިކް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 4،000 ފުލެޓުގެ ތެރެއިން އަމާން އުދަރެހުގެ ޓަވަރެއްގައެވެ. މިކަމުގެ އެއްބަސްވުމެއްގައި ހުޅުމާލެ ހޮސްޕިޓަލާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ، އަމާން އުދަރެސް ޓަވަރު ހަޔެއްގައި ޤާއިމުކުރެވޭ މި އާބަން ޕްރައިމަރީ ހެލްތު ކެއަރ ކްލިނިކުން އެ ސަރަހައްދުގެ ރައްޔިތުންނަށް އިތުރު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ. މިހާރުވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުމާލެ ހޮސްޕިޓަލުން ޖީޕީ ކްލިނިކެއް ހިންގަމުންދާ ނަމަވެސް، އަލަށް ތަރައްޤީކުރާ ކްލިނިކުން ޚާއްސަކޮށް ކުޑަކުދިންނަށް ވެކްސިން ދިނުމާއި، ބަރުދަން ބެލުމާއި، ކައުންސެލިންގެ ޚިދުމަތް ލިބޭނެއެވެ. މީގެ އިތުރުން އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓްމަންޓް ލިބޭނެ ގޮތްވެސް ހަމަޖެހޭނެކަމަށް ސީއީއޯ ވިދާޅުވިއެވެ.
މީގެ ފައިދާ ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް ވަރަށް ބޮޑަށް ކުރާނެ. އެއީ، ހޮސްޕިޓަލްތަކަށް ޖީޕީ ސަރވިސް ހޯދަން ވަޑައިގަތުމުގެ ބަދަލުގައި ޖީޕީ ކްލިނިކުން މި ޚިދުމަތް ހޯދާފައި އިތުރު ސްޕެޝަލިސްޓުންނަށް ދައްކަން ބޭނުންވެއްޖެ ހާލަތެއްގައި ޖީޕީ ކްލިނިކު މެދުވެރިކޮށް އަވަހަށް އެޕޮއިންޓުމަންޓް ލިބޭނެ ގޮތް ވެސް ހަމަޖެހޭނެ،
އިބްރާހީމް އަބްދުއްރައްޒާގް ހަލީމް
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލެ ސަރަހައްދުގައި ޖުމްލަ 6 ޖީޕީ ކްލިނިކް (މާލޭގައި 4، ހުޅުމާލޭގައި 2) ގާއިމުކުރުމުގެ މަސައްކަތުގެ ބައެކެވެ. މާލޭގެ ހެންވޭރުގައިވެސް ޖީޕީ ކްލިނިކެއް ގާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށާއި، މި ދެ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 16 ގައި ހުޅުމާލެ ހޮސްޕިޓަލުން ހިންގާ ޖީޕީ ކްލިނިކުން 24 ގަޑިއިރަށް ޚިދުމަތް ދޭން ފަށާފައިވެއެވެ. އަދި ޢާންމު ޞިއްޙަތުގެ ނިޒާމު ވަރުގަދަކުރެއްވުމުގެ ގޮތުން އަދުގެ ސަރުކާރުން މާލެ ސަރަޙައްދުގައި ޤާއިމުކުރެއްވި ފުރަތަމަ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރު ހުޅުވާފައިވަނީ މިދިޔަ މަހުގައެވެ.
މާލޭގައި ހުޅުވުނު ފުރަތަމަ ޖީޕީ ކްލިނިކުން ޞިއްޙީ އާންމު މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެޑިކަލް ޗެކަޕްތައް ހެދުމާއި، އާންމު ބަލިތަކަށް ބޭސްފަރުވާ ކުރުމުގެ ޚިދުމަތްތައް ދެމުންދެއެވެ. މި ސެންޓަރުގައި އާންމު ބަލިތަކަށް ފަރުވާ ދިނުމަށް ޖީޕީ ކްލިނިކަކާއި، ކުޑަކުދިންގެ ހެލްތު ކްލިނިކާއި، ވެލްނެސް ކްލިނިކެއް ވަނީ ގާއިމްކޮށްފައެވެ. އެ ސެންޓަރުން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދޭއިރު، ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 10 އާ ހަމައަށް ޚިދުމަތް ދެއެވެ.
މި ސެންޓަރުގެ ޚިދުމަތް މައިގަނޑު ގޮތެއްގައި ބެހިފައި ވަނީ އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް ދެއްކުމާއި، އިތުރުފަރުވާ ބޭނުންވާ ހާލަތްތަކުގައި ޚާއްޞަ ޑޮކްޓަރުންގެ ލަފާ ހޯދުމާއި، ފަސޭހައިން ދެއްކޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމް ހަމަޖައްސައިދިނުމުގެ މައްޗަށެވެ. ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ގާތަށް ގެނެސް، ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާއިރު، މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ޖީޕީ ކްލިނިކްތަކުގެ އިތުރަށް އަތޮޅުތެރޭގައިވެސް އެފަދަ ސެންޓަރުތައް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.