ޚަބަރު
ފުވައްމުލަކުގައި 2 މެގަވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ފަށައިފި
ފުވައްމުލަކުގައި 2 މެގަވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމްކުރަނީ ފޮޓޯ: ވުޒާރާ
ޏ. ފުވައްމުލަކުގައި 2 މެގަވޮޓުގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބީ.އީ.އެސް.އެސް) ޤާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގައި އިއާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢެކެވެ.
މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ފުވައްމުލަކުގެ ކަރަންޓު ގްރިޑަށް ދެމިހުންނަނިވި ހަކަތަ ގުޅާލުމާއި، ކަރަންޓު ނިޒާމު އިތުރަށް ރަނގަޅުކުރުމެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ސިސްޓަމް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ކަރަންޓު ސްޓޭޝަން ހުންނަ ގޯތި ތެރޭގައެވެ. މި ސަރަހައްދުގައި ސްޓޭޝަން ޤާއިމުކުރުމުގެ ސަބަބުން ސިސްޓަމް ކަރަންޓު ގްރިޑަށް ގުޅާލަން ފަސޭހަވެ، ހަކަތަ މެނޭޖުކުރުމަށް އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ފުވައްމުލަކުގައި ޤާއިމްކުރެވޭ 2 މެގަވޮޓުގެ މި ބީ.އީ.އެސް.އެސް ސިސްޓަމަކީ، 2 މެގަވޮޓްގެ ސޯލާ ޕީ.ވީ (ފޮޓޯ ވޮލްޓައިކް) ސިސްޓަމްތަކަށް ބާރު ދިނުމަށް ބޭނުންކުރެވޭނެ ނިޒާމެކެވެ. މިކަމުގެ ސަބަބުން ފުވައްމުލަކުގެ ހަކަތަ ފޯރުކޮށްދޭ ނިޒާމުގައި ސޯލާ ހަކަތައިގެ ބައި އިތުރުކުރެވި، ސާފު ހަކަތައިގެ ބޭނުން އިތުރަށް ހިފުމަށް މަގުފަހިވާނެއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ "އެކްސަލަރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނަރޖީ" ޕްރޮޖެކްޓުގެ ދަށުންނެވެ. މި ޕްރޮޖެކްޓުގެ ދަށުން މި އަހަރު ވަނީ 18 ރަށެއްގައި އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސްއާއެކު 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމް ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ޙަވާލުކޮށްފައެވެ. މި 18 ރަށުގައި 500 ކިލޯވޮޓް އަވަރއިން ފެށިގެން 3000 ކިލޯވޮޓް އަވަރގެ ބެޓެރީ ސިސްޓަމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުކުރުމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް ބޭނުންވާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓު ކަމުގައި ހެދުމެވެ.
މި 38 މެގަވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ބެހެއްޓުމުގެ ސަބަބުން އަހަރަކު ގާތްގަނޑަކަށް 8.4 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، އަހަރަކު ގާތްގަނޑަކަށް 125 މިލިއަން ރުފިޔާގެ ތެލުގެ ޚަރަދު ސަލާމަތް ކުރެވޭނެ ކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވެ، އިޤްތިޞާދީ ގޮތުންނާއި ތިމާވެށީގެ ގޮތުންނާއި، އިޖުތިމާޢީ ގޮތުންވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.