Ads by Stelco

ޚަބަރު

ރާއްޖޭގެ ދެވަނަ ޙައްޖު ޢުމްރާ އެގްޒިބިޝަން މާދަމާ ބާއްވަނީ

ރާއްޖޭގެ ދެވަނަ ޙައްޖު ޢުމްރާ އެގްޒިބިޝަން މާދަމާ ބާއްވަނީ

މިދިޔަ އަހަރު ބޭއްވި ޙައްޖު ޢުމްރަ ކޮންފަރެންސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 ޑިސެމްބަރު 2025، 03:41

10 ޑިސެމްބަރު 2025، 03:41

ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025 މާދަމާ، ޑިސެންބަރު 11 ވާ ބުރާސްފަތި ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި ކޮންފަރެންސް އާއި އެގްޒިބިޝަން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، ބުރާސްފަތި ދުވަހު ހެނދުނު 8:30 އިން ފެށިގެން ހަވީރު 17:00 އާ ހަމައަށެވެ. މިއީ ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ޢާއްމު ރައްޔިތުންނާ ދެމެދު ސީދާ ގުޅުމެއް ޤާއިމުކޮށް، މުހިއްމު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށް ބާއްވާ ހަރަކާތެކެވެ.

މި އަހަރުގެ ކޮންފަރެންސް ކުރިޔަށްދާނީ މައުރަޒަކާވެސް އެކުގައެވެ. މިގޮތުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑާއި، ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތަކާއި، ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އިން ބައިވެރިވެ، އެ ކުންފުނިތަކުންދޭ ޚިދުމަތްތައް ޢާއްމުންނަށް އިސްތިހާރުކުރުމަށް ސްޓޯލުތައް ބެހެއްޓިފައި ހުންނާނެއެވެ. މިކަމުގެ މައިގަނޑު ބޭނުމަކީ، ޙައްޖާއި ޢުމްރާގެ ޚިދުމަތަކީ ނުހަނު މާތް އަޅުކަމަކާ ގުޅުންހުރި ޚިދުމަތަކަށްވާތީ، ރައްޔިތުންނަށް ބޭނުންވާ ސާފު މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމެވެ.

ސްޓޯލު ޙަރަކާތްތައް ބުރާސްފަތި ދުވަހު ހެނދުނު 9:00 އިން ހަވީރު 5:00 ގެ ނިޔަލަށް ކުރިއަށްދާނެއެވެ. އަދި ހުކުރުދުވަހުވެސް މި ޙަރަކާތްތައް ހަވީރު 4:00 އިން ރޭގަނޑު 7:00 އާ ހަމައަށް ކުރިއަށް ގެންދެވޭނެއެވެ. މި ކޮންފަރެންސަށް ވަޑައިގަންނަވާ ބައިވެރިންނަށް ޚިދުމަތްދޭ ފަރާތްތަކުގެ މަޢުލޫމާތު އެއްތަނަކުން ލިބިގެންދާނެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ އައްޞަފްވާ ފައުންޑޭޝަނުގެ ބައިވެރިވުން

މި ކޮންފަރެންސުގައި ސަޢޫދީޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ބޭންކުގެ ދަށުން ދީނީ އަދި ދަރުމަވެރި މަސައްކަތްތައް ހިންގާ އައްޞަފްވާ ފައުންޑޭޝަނުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންގެ ފަރާތުންވެސް ކޮންފަރެންސްގެ ތެރޭގައި ޚާއްޞަ ސެޝަންތައް ނަންގަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ޙައްޖާއި ޢުމްރާގެ ޚިދުމަތާ ގުޅުންހުރި އިދާރީ އިންތިޒާމްތައް ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، އެކަމާ ގުޅުންހުރި ދީނީ މުހިއްމު މަޢުލޫމާތުތައް ޚިދުމަތްދޭ ކުންފުނިތަކަށް މި ކޮންފަރެންސުގެ ތެރެއިން ލިބިގެންދާނެއެވެ.

މި ސެޝަންތައް ނަންގަވައިދެއްވާނީ ދާއިރާއިން ފުންނާބު އުސް ޢިލްމުވެރިންނާއި، ޚިދުމަތާ ގުޅުންހުރި އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ ތަޖުރިބާކާރު ބޭފުޅުންނެވެ. މި ކޮންފަރެންސުން ޙައްޖާއި ޢުމްރާގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ޢާއްމު ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން