Ads by Farudhun

ޚަބަރު

ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަނީ

ނޭޝަން ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

29 އޮކްޓޯބަރު 2026، 07:57

29 އޮކްޓޯބަރު 2026، 07:57

ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކޮށް، ޚަރަދުތައް ކުޑަކުރުމުގެ ގޮތުން، "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް" އުވާލައި "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" އުފައްދަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓްގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، މީގެ ސަބަބުން ޚިދުމަތް ދިނުން ހަލުވިވެ، ޚިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށް ވިދާޅުވެފައެވެ.

ރާއްޖެއިން ބޭރަށް ނުގޮސް، ޤައުމުގައި ތިބެގެން އިތުބާރުހުރި ގޮތެއްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭ މުހިންމު ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ލަނޑުދަނޑި ހާސިލުކުރުމަށް ޓަކައި ބޭނުންވާ ޢުމްރާނީ ވަސީލަތްތަކާއި، ޒަމާނީ ސާމާނުގެ އިތުރުން ފަންނީ އިންސާނީ ވަސީލަތްތައް ހަމަކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެއާއެކު، ސިއްޙީ ޚިދުމަތްތައް ދިނުމުގައި ހިނގާ ބޭކާރު ޚަރަދުތައް ހުއްޓުވައި، ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި ނިޒާމެއް ޤާއިމުކުރުމަކީ އެންމެ މުހިންމު އެއް އަމާޒެވެ. އެހެންކަމުން މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައި ޤާއިމުކުރެވޭ ޓާރޝަރީ ފެންވަރުގެ ހުރިހާ ހޮސްޕިޓަލެއްގެ ހިންގުން އެއް ވިއުގައެއްގެ ދަށަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.

މި ބަދަލުގެ ސަބަބުން މަރުކަޒުތަކުގެ މެދުގައި އޮންނަ އިދާރީ ގުޅުން ބަދަހިވެ، މަސައްކަތްތަކުގެ ހަލުވިކަމާއި ފުރިހަމަކަން އިތުރުވެގެންދާނެ ކަމަށާއި، ބޭކާރު ޚަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުޅި ނިޒާމުގެ ތެރެއިން ފުރިހަމަ، ވަށާޖެހޭ ސިއްޙީ ފަރުވާއެއް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ހުރިހާ ޓާރޝަރީ ހޮސްޕިޓަލްތައް އެއް ގްރޫޕަކަށް ހަދާނީ. އެއް ވިއުގައަކުން ގުޅާލެވޭނެ. އެކި ހޮސްޕިޓަލްތަކުން އެކި އަގުގައި މިހާރު ތަކެތި ގަނޭ. ރީއެޖެންޓްސް، ކޮންސިއުމަބަލްސް އުކާލަންޖެހޭ ޙާލަތު ވެސް އެބަ އާދޭ." 

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އޭގެ ބަދަލުގައި އެތަކެތީގެ ބޭނުން ޖެހިފައިވާ އެހެން ހޮސްޕިޓަލަކަށް އެ ތަކެތި ފޮނުވޭނެ ފަސޭހަ ނިޒާމެއް އޮތް ނަމަ، ކުރަންޖެހޭ ހޭދަ ކުޑަވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ދެވޭ ޚިދުމަތްތައް ހަރުދަނާވެ، އޭގެ ފެންވަރު ރަނގަޅުވެގެން ދިއުމުގެ އިތުރުން، ބޭކާރު ޚަރަދުތައް ވެސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

 ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު މަސްދުވަހުގެ ތެރޭގައި މި ބަދަލާއެކު ހޮސްޕިޓަލްތައް އެއް ނެޓްވޯކަކުން ގުޅުވާލެވޭނެ ކަމަށާއި، މި މަސައްކަތަށް އިތުރު މުވައްޒަފުން ނަގަން ނުޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، މީގެ ސަބަބުން، ރާއްޖެއަށް ފެންވަރު ރަނގަޅު ޑޮކްޓަރުން ގެނެސް، އެކި ދަނޑިވަޅުތަކުގައި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ރަށްތަކަށް މި ޓީމުތައް ފޮނުވައިގެން ފަރުވާ ދެވޭނެއެވެ. މި ނިޒާމު ހިންގުމަށް ހަމަޖެހިފައިވަނީ "މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕް" ގެ ނަމުގައި އަލަށް އުފައްދާ އޮނިގަނޑެއްގެ ދަށުންނެވެ. މި ގްރޫޕުގެ ދަށުން މާލޭ ސަރަޙައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން ލ. ގަމާއި، ފުވައްމުލަކާއި، ތިނަދުއާއި، އައްޑުއާއި، ކުޅުދުއްފުށި އަދި އުނގޫފާރު ހޮސްޕިޓަލް އެއްވިއުގައަކުން ގުޅިގެންދާނެއެވެ.

މި ޚިދުމަތް ފަށައިގަންނަ މަރުޙަލާގައި ބޭރު ޤައުމުތަކުން ޑޮކްޓަރުން ވަގުތީގޮތުން ގެނައި ނަމަވެސް، ސަރުކާރުގެ އަމާޒަކީ ދޫކުރެވޭ ސްކޮލަރޝިޕްތަކުގެ އެހީގައި ޞިއްޙީ ދާއިރާގެ އެކި ޚާއްޞަ ރޮނގުތަކުން ދިވެހިން ތަމްރީނުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން، ވީހާވެސް ދިގު މުއްދަތަކަށް އަދި މެދުކެނޑުމެއްނެތި ޚިދުމަތް ފޯރުކޮށްދެވޭނޭ ފަދަ ގޮތަކަށް ޤައުމީ ޞިއްޙީ ނިޒާމު ބައްޓަންކުރުމަކީ ވެސް ސަރުކާރުގެ ވިސްނުމެކެވެ.

މި އިންތިޒާމުތައް ފުރިހަމަކުރުމަށް ޓަކައި އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450