ޚަބަރު
އަންނަ އަހަރުގެ ބަޖެޓުން އެންމެ ބޮޑު އިސްކަމެއް ދޭނީ މަޝްރޫޢުތަކުގެ 70 އިންސައްތަ އެއްކޮށް ނިންމުމަށް
ނޭޝަން ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް
އަންނަ އަހަރަށް އެކުލަވާލާ ދަޢުލަތުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ފެށިފައިވާ މަޝްރޫޢުތަކުގެ ތެރެއިން މަދުވެގެން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމައި ރައްޔިތުންނާ ޙަވާލުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ސަރުކާރުން ގެނެސްދޭ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދަވާ އެއްވެސް މަޝްރޫޢެއްގެ ސަބަބުން ދަޢުލަތުގެ ބަޖެޓަށް ދަރަނި ބޮޑުވެގެން ނުދާނެ ކަމަށެވެ. މިގޮތުން ސަރުކާރުގެ އެންމެ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކަމުގައިވާ ރަސްމާލެ މަޝްރޫޢަކީވެސް މި އުޞޫލުން ކުރިއަށްގެންދެވޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ރަސްމާލެ މަޝްރޫޢަށް ގެންނަ އިންވެސްޓްމަންޓަކީ ސަރުކާރުގެ ބޮލުގައި އިތުރު ދަރަންޏެއް ނުވަތަ ލޯނެއް އެޅޭނެ ކަމެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ މަސައްކަތް ކުރިއަށްދަނީ ފިއުޗަރ ރެވެނިއު (މުސްތަޤުބަލުގައި ލިބޭނެ އާމްދަނީ) އިން ކެނޑޭ ގޮތަށް ކަމަށްވާތީ، ދައުލަތުގެ ބަޖެޓަށް އޭގެ ސަބަބުން އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެ ކަމަށެވެ.
ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށްޓަކައި ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، އޭގެ ހެޔޮ ނަތީޖާވެސް މިހާރު ފެންނަމުންދާނެ ކަމަށެވެ.
އެގޮތުން، ރާއްޖޭގެ ތާރީޚުގައި މުޅިން އަލަށް ސަރުކާރަކުން ރައްޔިތުންގެ ގެދޮރުވެރިކަން ޔަޤީންކޮށްދިނުމަށްޓަކައި ހިލޭ އިކުއިޓީ ދިނުމަށް ނިންމާފައިވާކަން އެމަނިކުފާނު އިޢުލާނުކުރެއްވިއެވެ. މި މަޝްރޫޢަށް ޚާއްޞަކޮށްގެން އަންނަ އަހަރުގެ ބަޖެޓުގައި 750 މިލިއަން ރުފިޔާގެ ފަންޑެއް ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުން ހަމަޖައްސައިދޭ މި އިކުއިޓީގެ ސަބަބުން، މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ގެދޮރު ނޭޅިފައި ތިބި އެތައް ރައްޔިތުންނަކަށް އަމިއްލަ ގެދޮރު ބިނާކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހަމައެއާއެކު، ސިއްޙީ ދާއިރާގެ ޚަރަދުތައް ކުޑަކުރުމަށާއި ޚިދުމަތްތައް ހަރުދަނާކުރުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، މާލޭގެ ހޮސްޕިޓަލްތަކާއެކު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަރައްޤީކުރަމުންދާ ޓަރޝަރީ ހޮސްޕިޓަލްތައް އެއް ވިއުގައަކުން ގުޅުވާލުމަށް ނިންމަވާފައިވާ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ބަދަލާއެކު، ސިއްޙީ ނިޒާމުގެ ހިންގުން ހަރުދަނާވެ، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ޓެކްސް އާމްދަނީއަށް ނޭދެވޭ އަސަރުތަކެއް ކުރި ނަމަވެސް، ޙިކުމަތްތެރިކަމާއެކު ކަންކަން މެނޭޖްކޮށްގެން ބަޖެޓުގެ ތެރެއިން މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. އަދި ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރެވޭނެ އައު ވަސީލަތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ބަޖެޓުގެ ޑެފިސިޓް ނުވަތަ ދަރަނި ކުޑަކުރުމަކީ މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދީގެން ކުރަމުން އަންނަ މުހިންމު މަސައްކަތެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.