ޚަބަރު
ރަސްމާލެ މަޝްރޫޢާ ގުޅިގެން އިދިކޮޅުން ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް: ރައީސުލްޖުމްހޫރިއްޔާ
ނޭޝަން ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ބިޔަ މަޝްރޫޢާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ އެއްވެސް އިޚްލާޞްތެރި ނިޔަތެއް ނެތެވެ.
ރާއްޖޭގެ އިދިކޮޅު ފަރާތްތަކަކީ އިދިކޮޅުވުމުގެ ގޮތުން އިދިކޮޅުވާ ބައެއް. އެމީހުން އިދިކޮޅު ވާނެ ކިތަންމެ ރަނގަޅު ކަމެއް ކުރިމަތީގައި އޮތަސް، އެކަމަކީ އިދިކޮޅު ވާންޖެހޭ ކަމެއްގެ ގޮތުގައި އެ ފަރާތްތަކުން ދެކޭނީ.
ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢަކީ ދެފުށް ފެންނަ ގޮތެއްގައި ކުރިއަށްދާ ކަމެއް ކަމަށެވެ. އެގޮތުން، ހާއްސަކޮށް މި މަޝްރޫޢާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ރިއަލް އެސްޓޭޓާ ގުޅޭ ބިލެއް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، އެ ބިލު ރައްޔިތުންނަށް ފެންނާނެހެން މަޖިލީހުން ޢާންމުކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި އޭގެ އިތުރުން މި މަޝްރޫޢުގެ އެއްބަސްވުން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން އެ އެގްރީމެންޓް ދިރާސާކޮށް ބަލާނެ ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އަޅުގަނޑުގެ އެއްވެސް ފަރުވާލެއް ނެތް. އެ ވާހަކަތައް ބަދަލުކުރާކަށް ވެސް ބޭނުމެއްނޫން. ނަމަވެސް އިޚްލާސްތެރިކަމާއެކީ ޤައުމުގެ ކަންކަމާ ދޭތެރޭ ވިސްނާ މީހުންނަށް، މި މަޝްރޫޢާ ގުޅޭ އެންމެހާ ކަންކަމެއް ބެލުމުން އެނގޭނެ މީ ރައްޔިތުންނަށް ފައިދާހުރި މަޝްރޫޢެއްކަން.
ރައީސް ވިދާޅުވިއެވެ.
އިދިކޮޅުން ދައްކާ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިގެން މި އިންވެސްޓްމަންޓް ހުއްޓުވަން ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރަސްމާލޭގައި ރަލާއި އޫރުމަސް ނުހުންނާނެ ކަމަށާއި، އެތަނުގައި ފަސްވަގުތު ބަންގިގޮވާނެ މިސްކިތްތައް ހުންނާނެ ކަމަށެވެ. އަދި މި މަޝްރޫޢަކީ އެއްވެސް ގޮތަކަށް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، މީގެ ސަބަބުން ރައްޔިތުންނަށް ލިބޭނީ ހަމައެކަނި ފައިދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިޒްރޭލުގެ ރައްޔިތުންނަށް ރަސްމާލެއިން އެއްވެސް ފުރުޞަތެއް ނޯންނާނެކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ އެކި ގޮތްގޮތުން އެކަން ބަލައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި އިޒްރޭލު ޕާސްޕޯޓު މަނާކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ހީނަރުކަމެއް އައިސްދާނެކަމަށްކަމަށް ސަރުކާރުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ކުރިން ވިދާޅުވި ކަމަށާއި، ނަމަބެސް އެ ރައްޔިތުންގެ ވިންދާ އެއްގޮތަށް އިޒްރޭލް ޕާސްޕޯޓު މަނާކުރުމުން އިޤްތިޞާދު ވީ އިތުރަށް ފުޅާ ކަމަށްވެސް ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޒަޔަނިޒަމާ ދެކޮޅަށް ފާޅުގައި އެމަނިކުފާނު މަސައްކަތްކުރެއްވި މިންވަރަށް މަސައްކަތްކުރަން ކެރުނު ވެރިއަކު ރާއްޖޭގެ ތާރީޚުގައި ވެސް އަދި ނުހުންނާނެ ކަމަށެވެ.