Ads by Farudhun

ޚަބަރު

ވަކި ގައުމުގެ ޕަޕެޓަކަށް ވުމަކީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ ގޮތެއް ނޫން: ރައީސުލްޖުމްހޫރިއްޔާ

ވަކި ގައުމުގެ ޕަޕެޓަކަށް ވުމަކީ ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާ ގޮތެއް ނޫން: ރައީސުލްޖުމްހޫރިއްޔާ

"ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑު / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

28 އޮކްޓޯބަރު 2026، 10:33

28 އޮކްޓޯބަރު 2026، 10:33

ވަކި ގައުމެއްގެ ޕަޕެޓަކަށް ވެގެން އުޅުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ޤަބޫލުކުރާނެ ގޮތެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރުކާރުގެ ޚާރިޖީ ސިޔާސަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، "ނޭޝަން ޗެޓް" ސިލްސިލާ ޕޮޑްކާސްޓުގެ 6 ވަނަ އެޕިސޯޑުގައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމަށްފަހު، މި ސަރުކާރު އައުމާ ހަމައަށް ރާއްޖޭގެ ޚާރިޖީ ސިޔާސަތު ރަނގަޅު ގޮތުގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ. އަދި އޭގެ ފަހުން އައި ސަރުކާރުތަކުން މަސައްކަތްކޮށްފައިވަނީ ވަކި ޤައުމެއްގެ ކޮންޓްރޯލް މާބޮޑަށް އޮވެގެން ކަމަށާއި، މި ސަރުކާރުން އެކަން ބަދަލުކޮށް، ހުރިހާ ޤައުމަކާ އެކުވެސް ހަމަހަމަ ޚާރިޖީ ސިޔާސަތެއް ގެންގުޅެމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު އައުމުގެ ކުރިން އަޅުގަނޑުމެންނަށް ފެނިގެން ގޮއްސި، ރާއްޖެއަށް ނުރައްކާވާގޮތަށް ޚާރިޖީ ސިޔާސަތު ތަންފީޒުކުރިތަން.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަކީ ޚާއްޞަ ގޮތެއްގައި ޢަރަބި އިސްލާމީ ޤައުމުތަކާ އޮންނަ ގުޅުން ބަދަހިކުރުމަށް އިސްކަންދޭ ޤައުމަކަށް ވާންޖެހޭނެ ކަމަށެވެ. އަދި މި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަށް ޚާރިޖީ ސިޔާސަތު ތަންފީޒުކުރުން ކަމަށާއި، އެހެން ދެ ޤައުމެއްގެ ދެމެދުގައި އޮންނަ މައްސަލަތަކުގެ ތެރެއަށް ރާއްޖެއިން ނުވަންނާނެ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ޤައުމީ ސަލާމަތާއި މިނިވަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި މިހާރު ބޭރު ޤައުމެއްގެ އެއްވެސް ސިފައިންގެ މީހަކު ނުހުންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަޙައްދު އަމިއްލައަށް ނުބެލެހެއްޓޭ ކަމަށްވާނަމަ، ހަޤީޤީ މިނިވަންކަމެއް ނޯންނާނެ ކަމަށާއި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން މި ސަރުކާރުން ކުރަމުންދަނީ އެ ފުރިހަމަ މިނިވަންކަން ޤައުމަށް ހޯދައިދިނުމުގެ މަސައްކަތް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޮޑު ކަނޑުގެ ސަރަޙައްދު އަމިއްލައަށް ނުބެލެހެއްޓެންޏާ ހަޤީޤީ މިނިވަންކަމެއް ނޯންނާނެ. ފުރަތަމަ ދުވަހުން ފެށިގެން މި ކުރަނީ އެ މިނިވަންކަން ހޯދައިދިނުމުގެ މަސައްކަތް.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކުގެ ސަބަބުން ދެ ޤައުމަށްވެސް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އިޤްތިޞާދީ ދާއިރާއިން އެންމެ ފުރަތަމަ ކަމަކަށް، ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެ އާއި ޕާކިސްތާން ގުޅުވާލުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި މިހާރު ދެ ޤައުމުގެ އެންމެ އިސް އަމާޒަކީ ދަތުރުފުޅުގެ ތެރޭގައި ސޮއިކުރެވުނު ފަހުމުނާމާތައް ތަންފީޒުކޮށް، ހަޤީޤަތަކަށް ހެދުން ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޕާކިސްތާނަށް ކުރެއްވި މި ދަތުރުފުޅަކީ އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ގިނަގުނަ މުހިންމު ނިންމުންތަކެއް ނިންމިގެންދިޔަ ކާމިޔާބު ދަތުރުފުޅެއް ކަމަށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450