Ads by Farudhun

ޚަބަރު

ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ޤާއިމްކުރާ ކެންސަރު ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފި

ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ޤާއިމްކުރާ ކެންސަރު ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފި

ކެންސަރު ސެންޓަރުގެ މަސައްކަތް ހަވާލުކުރުން / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2026، 10:14

28 އޮކްޓޯބަރު 2026، 10:14

ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާއެކު ރާއްޖޭގައި އަލަށް ޤާއިމްކުރާ ކެންސަރު ބަލީގެ ޚާއްޞަ ސެންޓަރުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށްޓަކައި މިއަދު ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި އެ ބައްޔަށް ފަރުވާދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. އެގޮތުން ރޭޑިއޭޝަން ތެރަޕީއަކީ މިވަގުތު ރާއްޖެއިން ކެންސަރު ބައްޔަށް ނުދެވޭ ހަމައެކަނި ފަރުވާއަށްވީއިރު، އެ ޚިދުމަތް ވެސް މި ސެންޓަރާއެކީ ލިބެން ފަށާނެއެވެ.

މި ސެންޓަރު ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓޮމް ހައިން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މަސައްކަތް ކުރިއަށްގެންދާނީ އިނގިރޭސިވިލާތުގެ ކުންފުންޏަކާއި އިންޑިއާގެ ކުންފުންޏެއް ގުޅިގެންނެވެ. މި އެއްބަސްވުމުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމްއެވެ. އަދި ކޮންޓޮމް ހައިންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރ އެންޑް ޑިރެކްޓަރ ޗިމްޓަން ސޯނީއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގައި ކެންސަރު ބައްޔަށް ދެވޭ ފަރުވާތައް ވަރަށް ބޮޑަށް ހަރުދަނާވެ، ރާއްޖެއިން ބޭރަށް ބަރޯސާވާންޖެހޭ މިންވަރު މަދުކުރެވިގެންދާނެ ކަމަށެވެ. އަދި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހުމަކީ އާއިލާތަކަށް މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ކުރިމަތިވާ ބޮޑު ގޮންޖެހުމެއްކަން ފާހަގަކުރައްވަމުން، މި މަރުކަޒާއެކު އާއިލާ ގާތުގައި ތިބެގެން، ބަލި އަވަހަށް ދެނެގަނެ، ކްލިނިކަލް މޮނިޓަރިންނާއި ފަރުވާ އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ލިބިގެންދާނެ އައު އުންމީދެކެވެ.

ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި މަރުކަޒުގައި ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް އެމަޖެންސީ ހާލަތްތަކުގައާއި ކްރިޓިކަލް ހާލަތްތަކުގައި ފަރުވާދެވޭނެ އެންމެހައި އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން، ބަލިމީހުން ބައިތިއްބައިގެން ފަރުވާދޭ ވޯޑުތަކާއި، ކެންސަރާ ގުޅޭ ސާޖަރީތައް ކުރުމަށް ޚާއްޞަ އޮޕަރޭޝަން ތިއޭޓަރުތަކާއި، ކީމޯތެރަޕީ ދިނުމަށް ޑޭކެއަރ ޔުނިޓްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ހަމައެއާއެކު، ސީޓީ ސިމިއުލޭޝަނާއި، ޕެތޮލޮޖީ ހިމެނޭހެން ޒަމާނީ ޑައިގްނޮސްޓިކް ޚިދުމަތްތަކުގެ އިތުރުން، ބަލިމީހުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ދޭ ސަޕޯޓިވް ކެއަރގެ ޚިދުމަތްތައްވެސް މި ސެންޓަރުން ފޯރުކޮށްދޭނެއެވެ.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކުރި ގޮތުގައި، މި މަޝްރޫޢު އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކުރިއަށްގެންގޮސް، 2028 ވަނަ އަހަރާ ހަމައަށް މަސައްކަތް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށުމަކީ އެ އިދާރާގެ އަމާޒެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450