ޚަބަރު
އައްޑޫ ޑުރަގު އޮޕަރޭޝަނުން ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
އައްޑޫ ޑުރަގު އޮޕަރޭޝަނުގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދު އިތުރުކުރުން.
ފަރުދުން
10 ޑިސެމްބަރު 2025، 03:42
10 ޑިސެމްބަރު 2025، 03:42
އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މައްސަލައިގައި، މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހެއްގެ ބަންދުގެ މުއްދަތު ދަންމާލައިފިއެވެ.
"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނުގައި އައްޑޫ ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ: ސ. ހިތަދޫ، ކޮންމުލި، ޢަލީ ނަދީމް (30 އ)، ސ. ހިތަދޫ، ފަލާޙު، ޙާފިޡު ފައުޒީ (31 އ)، ސ. ހިތަދޫ، ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43 އ)، ސ. ހިތަދޫ، ދޮރުފޮތިމާގެ، ޙަސަން އަލްފާފް (28 އ)، އަދި ސ. ހިތަދޫ، ކެކުރިމާގެ، އަމީން މުޙައްމަދު (23 އ) އެވެ.
އައްޑޫގައި މަސްތުވާތަކެތީގެ ކަންކަމުގައި އެންމެ ޙަރަކާތްތެރިކޮށް އުޅޭ "މައިލޯ" ގްރޫޕަށް ނިސްބަތްވާ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން، ނަދީމު، ޙާފިޡު އަދި ސިރާޖުގެ ބަންދަށް ވަނީ 30 ދުވަސް ޖަހާފައެވެ. އަލްފާފާއި އަމީން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކުރީ އެންމެ ފަސް ދުވަހަށެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ޙާޟިރުކުރުމުން ވަނީ 15 ދުވަސް އިތުރުކޮށްފައެވެ.
ފުލުހުން ބުނީ، ފަސް މީހުން ހިމެނޭ އެ "ނެޓްވޯކް"ގެ މީހުންނަށް އަމާޒު ކޮށްގެން މަސްތުވާތަކެތި ޓްރެފިކް ކުރުމާއި، މަނީ ލޯންޑަރ ކުރުމުގެ ތަޙުޤީޤު މިދިޔަ މާރިޗު މަހު ފަށާފައިވާ ކަމަށެވެ. އަދި 2017ވަނަ އަހަރުން ފެށިގެން އެ "ނެޓްވޯކް"ގެ މީހުން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހާމަވެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީޑިޔާއާ ޙިއްޞާކުރި މަޢުލޫމާތުގައި ބުނީ، ހިތަދޫގެ މި ޑްރަގް ނެޓްވޯކްގެ ހަތަރު މީހެއްގެ އެކައުންޓުގައި މިދިޔަ ފަސް އަހަރު 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރު ކޮށްފައިވާ ކަމަށެވެ.