ދުނިޔެ

ދެ އާފަލާއި ސެނަޓައިޒަރ ފުޅި ގެއްލުން: "ޕާކިސްތާނުގެ އެންމެ ބޮޑު ވައްކަމުގެ މައްސަލަ"؟

ދެ އާފަލާއި ސެނަޓައިޒަރ ފުޅި ގެއްލުން: "ޕާކިސްތާނުގެ އެންމެ ބޮޑު ވައްކަމުގެ މައްސަލަ"؟

ޕާކިސްތާނުގެ ފަނޑިޔާރެއްގެ ދެ އާފަލަކާއި ސެނެޓައިޒަރ ފުޅިއެއް ވަގަށް ނެގި މައްސަލަ.

farudhun logo

ފަރުދުން

11 ޑިސެމްބަރު 2025، 03:14

11 ޑިސެމްބަރު 2025، 03:14

މިދިޔަ ހަފުތާގެ ފަހުކޮޅު ޕާކިސްތާނުގެ ފަނޑިޔާރެއްގެ ދެ އާފަލަކާއި ސެނަޓައިޒަރ ފުޅިއެއް ވަގަށް ނެގި މައްސަލަ އިންޓަރނެޓުގައި މަޝްހޫރުވެފައިވަނިކޮށް، ފުލުހުން އެ މައްސަލަ ބެލުން ހުއްޓާލައިފިއެވެ.

އެޑިޝަނަލް ސެޝަންސް ފަނޑިޔާރު ނޫރް މުޙައްމަދް ބިސްމިލްގެ ޚާއްޞަ ޗޭމްބަރުން ދެ އާފަލަކާއި ސެނަޓައިޒަރ ފުޅިއެއް ގެއްލުނު މައްސަލައިގައި، މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުގެ ފުލުހަށް ޝަކުވާ ހުށަހަޅާފައިވަނީ، ފަނޑިޔާރުގެ ކާތިބެވެ. ކާތިބު ބުނި ގޮތުގައި، މައްސަލަ ފުލުހަށް ރިޕޯޓުކުރުމުގެ އިރުޝާދު އޭނާއަށް ދެއްވީ، އެ ތަކެތީގެ ވެރިފަރާތް، ޤާޟީ ބިސްމިލެވެ. ފުލުހަށް މި މައްސަލަ ހުށަހެޅުމުން، ވަޤުތުން ވަނީ ފަރސްޓް އިންފޮރމޭޝަން ރިޕޯޓެއް އެކުލަވާލައި، މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން، އެ ދެ އާފަލާއި ސެނަޓައިޒަރ ފުޅީގެ ޖުމުލަ އަގަކީ ގާތްގަނޑަކަށް 1،000 ޕާކިސްތާނު ރުޕީޒް (ދިވެހި ރުފިޔާއިން ނަމަ 55 ރުފިޔާ) އެވެ.

ލާހޯރް ފުލުހުން މި މައްސަލަ އޭރު ބަލައިގަތީ، ޕާކިސްތާނުގެ ޤާނޫނުލްޢުޤޫބާތުގެ 380ވަނަ މާއްދާއާ މުޠާބިޤުވާ ގޮތުގެ މަތީންނެވެ. ފޭރުމާއި ވައްކަމުގެ ޙުކުމްތައް ބަޔާންކޮށްފައިވާ އެ މާއްދާއާ އެއްގޮތަށް، ކުށް ޘާބިތުވެއްޖެ ނަމަ 7 އަހަރުގެ ޖަލު ޙުކުމެއްގެ އިތުރުން، ޖޫރިމަނާ ވެސް ދައްކާން ޖެހެއެވެ.

މި މައްސަލައިގެ ވާހަކަތައް މި ހަފުތާ ތެރޭގައި އިޖުތިމާޢީ މަންސަތަކުގައި ފުޅާ ދާއިރާއެއްގައި އައީ ދެކެވެމުންނެވެ. ގިނަ ބަޔަކު މި މައްސަލައިގައި ޙައިރާންކަން ފާޅުކޮށްފައިވާ އިރު، އެ ފަދަ މީހުން ދެކޭ ގޮތުގައި، މިހައި ކުޑަ މައްސަލައެއް މިހައި ސީރިޔަސްކޮށް ނަގައި، ބޮޑެތި މައްސަލަތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުން ދޭހަވަނީ، ޕާކިސްތާނު ފުލުހުންގެ ޢަދުލުވެރިކަން ޤާއިމުކުރުމުގެ މަސައްކަތުގައި ޢަދުލުވެރިކަމެއް ނުގެންގުޅޭ ކަމެވެ. މި މައްސަލައިގައި ޚިޔާލު ފާޅުކުރި ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ޢާންމު ރަޢިއްޔަތުން ހުށަހަޅާ މައްސަލަތައް ރަޖިސްޓްރީކުރާން އެތައް ދުވަހެއްގެ މުއްދަތެއް ހޭދަވެއެވެ. ނަމަވެސް ފަނޑިޔާރެއްގެ މައްސަލައަކަށް ވީތީ، އެއްވެސް އަގެއް ނެތް ދެ އާފަލުގެ ވައްކަމަކަށް ވެސް ވަޤުތުން ސަމާލުކަން ލިބުނީއެވެ.

ޢާންމުންގެ މި އިދިކީލި ރައްދުތަކާ ގުޅިގެން، ޕާކިސްތާނު ފުލުހުން އިއްޔެ ޢާންމުކުރި ބަޔާނެއްގައި ބުނީ، ޕާކިސްތާނުގެ ޤާނޫނުލްޢުޤޫބާތުގެ 95ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، މި މައްސަލަ ބެލުން މިހާރު ހުއްޓާލައިފިން ކަމަށާއި، މި މައްސަލައިގައި ވައްކަން ކޮށްފައިވާ މުދަލަކީ މުޢުތަބަރު އަގެއް ހުރި މުދަލެއް ކަމުގައި ނުވާތީ، ކުރީން މި މައްސަލަ އެ ޤާނޫނުގެ 380ވަނަ މާއްދާގެ ދަށަށް ފެއްތި ފެއްތުން ނާމުނާސިބު ކަމުގައި ކަނޑައަޅައިފިން ކަމުގައެވެ.

މި މައްސަލައާ ގުޅިގެން ޢާންމުން އިންޓަރނެޓުގައި ޙިއްޞާކުރި ކޮމެންޓުތަކުގެ ތެރެއިން އެއް ކޮމެންޓަކަށް ޚާއްޞަ މަޤުބޫލުކަމެއް ލިބުނެވެ. އެއީ، މި މައްސަލައަކީ "ޕާކިސްތާނުގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ވައްކަމުގެ މައްސަލަ" ކަމަށް ބުނާ ކޮމެންޓެވެ. މި ޢިބާރާތް އެކި މަންސަތަކުގައި ފެތުރި، މި މައްސަލައަށް ކިޔޭ ނަމެއްގެ ގޮތުގައި ހަރުވެގެން ދިޔައެވެ. ޢާންމުން ދަޢުވާކުރާ ގޮތުގައި، ބޮޑެތި އަނިޔާތައް ލިބޭ އެކްސިޑެންޓުތަކުގެ މައްސަލަތަކުގައި ވެސް ފުލުހުން މިހައި ބޮޑު "ޝައުޤެއް" ނުބަހައްޓައެވެ.

މި ކަމުގައި ޕާކިސްތާނުގެ ޢާންމުން ފާޅުކުރި ޚިޔާލުތަކުގެ އިތުރުން، ޝަރުޢީ ދާއިރާގެ ބައެއް މާހިރުން ވެސް ވަނީ ކޮމެންޓުކޮށްފައެވެ. ޝަރުޢީ ދާއިރާގެ ޢިލްމު ހުރި ބޭފުޅުން ކިޔައިދެއްވި ގޮތުގައި، މީހެއްގެ މުދަލެއް ވަގަށް ނަގައިފި ނަމަ، އެ މުދާ ކިތަންމެ އަގުކުޑަ ނަމަވެސް، ފުލުހުން އެ މައްސަލަ ތަޙުޤީޤުކުރުމަކީ ޕާކިސްތާނުގެ ޤާނޫނުން ލާޒިމުކުރާ ކަމެކެވެ. ވީމާ، އިސްޓާކީނެއް ނުވަތަ އަރިދަފުސް ރުމާލެއް ވަގަށް ނެގި ނަމަވެސް ފުލުހުން އެ ހޯދައިދޭން މަސައްކަތްކުރާން ޖެހޭނޭ ކަމަށް މާހިރުންގެ ކޮމެންޓުތަކުގައި ވެއެވެ. ނަމަވެސް ޢާންމުން ފާހަގަކުރާ ފަދައިން، ފުލުހުންގެ ކުށަކީ ކުދިކުދި މައްސަލަތައް ބަލައިގަތުމެއް ނޫނެވެ. ފުލުހުންގެ ކުށަކީ، ބޮޑެތި ސިންގާ ޖަރީމާތަކުގެ ޝަކުވާތައް ހުށަހަޅާފައި ހުރެމެ، އެއަށް ފުރަގަސް ދިނުމާ އެކު ކޫސަނި މައްސަލަތަކައިގެން މަޝްޣޫލުވުމެވެ.

މި ކޭސް ފުލުހުން މިހާރު ބަންދުކޮށްފައިވީ ނަމަވެސް، މި ކޭހުގެ ސަބަބުން ޕާކިސްތާނުގެ ތަންފީޛީ ނިޡާމުގެ ޢަދުލުވެރިކަމާ މެދު ބޮޑެތި ސުވާލުތަކެއް އުފެދުމަށް މަގު ފަހިވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން