ޚަބަރު
ޅަކުދީންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ: ތަޢުލީމީ ވަޒިރު
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު. ފޮޓޯ: ދައުލަތުގެ މީޑިޔާ.
ފަރުދުން
11 ޑިސެމްބަރު 2025، 05:24
11 ޑިސެމްބަރު 2025، 05:24
ތުއްތު ކުދީންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރުމަށް އެކަށީގެންވާ މިންވަރަކަށް މަސައްކަތްކުރެވިފައި ނެތް ކަމަށް، ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ޅަ ޢުމުރުގެ ކުދީންގެ ދިވެހިބަހުގެ ހުނަރު ތަރައްޤީކުރުމަށް އަލަށް ފެށި ނެޝަނަލް އަރލީ ލަރނިންގ ޕްރޮގްރާމް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، މުޖުތަމަޢުގައި އެންމެ ގިނަގިނައިން ދެކެވޭ އެއް ވާހަކައަކީ، ތުއްތު ކުދީންގެ ދިވެހިބަހުން ވާހަކަދެއްކުމުގެ ހުނަރު އަދި ކިޔުމުގެ ނުހަރު ދަށްވަމުންދާ ވާހަކަ ކަމަށެވެ. ނަމަވެސް އެ ކުދީންގެ ދިވެހިބަހުގެ ފެންވަރު މަތިކުރުމަށް އެކަށީގެންވާ ފެންވަރެއްގައި މަސައްކަތްކުރެވިފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ. ޝަފީޢު ވިދާޅުވީ، ތުއްތު ކުދީންނަށް ބޭނުންވާ ދިވެހި ފޮތްތަކާއި، އެ ކުދީން ބަލައިލުމަށް ޚާއްޞަ ދިވެހި ފިލްމުތަކާއި، އަދި އަޑު އަހާލަން ރަނގަޅު ދިވެހި އޯޑިއޯފޮތްތައް އަދު ލިބެން ނެތް ކަމަށެވެ. އެހެންކަމުން، ތުއްތު ކުދީންގެ ދިވެހިބަހުގެ ފެންވަރު ރަނގަޅުކުރެވޭނީ، އެ ކުދީންނަށް ދިވެހި އުނގަންނައިދިނުމަށް ބޭނުންވާ ވަސީލަތްތައް ތަރައްޤީކޮށްގެން ކަމަށާއި، އިންސާނާގައި ބަސްމޮށުންތެރިކަމުގެ ހުނަރު އަށަގަތުމުގެ އެންމެ މުހިންމު މަރުޙަލާއަކީ ޅަފަތުގެ ދުވަސްވަރު ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ވިސްނުމުގެ އެންމެ މުހިންމު އަސާސަކީ ކިޔުމުގެ ޢާދަ ކުދީންގެ ކިބައިގައި އަށަގެންނެވުން. މި ޢާދަ ކުދީންގެ ކިބައިގައި އަށަގެންނެވޭނީ، އެ ކުދީން ބަލާހިތްވާ ފަދަ، ކިޔާހިތްވާ ފަދަ، އެ ވާހަކައިން އެ ލިޔުމެއް ކިޔުމުން އެ ކުދީން އެ ކަމަށް ޝައުޤުވެރިވާ ފަދަ ކްރިއޭޓިވް ލިޔުންތަކެއް އަޅުގަނޑުމެންނަށް ދިވެހިބަހުން ނެރެދީގެން.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
ވަޒީރު ވިދާޅުވީ، ރާއްޖޭގައި ހުނަރުވެރި ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، އެހެންކަމުން، ފެށިގެން ދިޔަ މަސައްކަތުގައި އެ ވުޒާރާއާ ގުޅިގެން ރަނގަޅު އުފެއްދުންތަކެއް ނެރުމުގެ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މި ދާއިރާއަކީ ދިވެހި ކުންފުނިތަކުން ވެސް އިންވެސްޓުކުރުން މުހިންމު ދާއިރާއެއް ކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
ތަޢުލީމީ ވުޒާރާގެ ކޯޕަރޭޓިވް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީ.އެސް.އާރް.) ޕްރޮގްރާމަކީ، ބޯއިންގގެ އެހީތެރިކަމާ އެކު، ރޫމްޓުރީޑްއިން އަދި ދިވެހިރާއްޖޭގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން (އެން.އައި.އީ.)އާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހިބަހުން ކިޔެވުމާއި އިބުތިދާއީ (ޕްރައިމަރީ) ތަޢުލީމު ހަރުދަނާކުރުމަށްޓަކައި، ދިވެހިބަހުން ލިޔެވިފައިވާ ކުޑަކުދީންގެ ފޮތްތަކެއް ސުމޭކު (ޑިޖިޓަލް) ވަސީލަތްތަކުން ކިޔޭ ގޮތް ހަދައި، އަދި އެ ފޮތްތައް ޗާޕުކުރުމަށް ފަހު ހުރިހައި އިބުތިދާއީ މަދަރުސާތަކަށް ޤައުމީ ފެންވަރުގައި ވަނީ ބަހާފައެވެ. މި ޕްރޮގްރާމުގެ ދަށުން، ދިވެހިބަހުން ލިޔެވިފައިވާ 15 ފޮތެއް ވަނީ ތަޢާރަފުކޮށްފައެވެ.