ޚަބަރު
އެއްމެދު ޢިމާރާތްތަކުގެ ވަށައިގެން އޮންނަ ހުސްޖާގަ ފަރުމާކުރުމުގައި ޢާންމުންގެ ޚިޔާލަށް އެދި ހުޅުވާލައިފި
ދުވާރު މަތީގައި އެޗް.ޑީ.ސީ.ގެ ހުއްދަ ނެތި ގޮނޑިމޭޒު ނުބަހައްޓަން އަންގާފައިވޭ / ފޮޓޯ: އެޗް.ޑީ.ސީ.
ފަރުދުން
11 ޑިސެމްބަރު 2025، 05:25
11 ޑިސެމްބަރު 2025، 05:25
އެއްމެދު ޢިމާރާތްތަކުގެ ވަށައިގެން އޮންނަ ހުސްޖާގަ ފަރުމާކުރުމުގައި ޢާންމުންގެ ޚިޔާލަށް އެދި ހުޅުވާލައިފިއެވެ.
ހުޅުމާލޭގެ ނެއިބަރހުޑްތަކުން ދިރިއުޅުމަށް ދޫކުރާ އެއްމެދު ޢިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް ބޭނުންކުރެވޭނެ ފައިދާހުރި ގޮތްތައް ކަނޑައެޅުމަށްޓަކައި، ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ވަނީ އާ އުޞޫލެއް އެކުލަވާލައިފައެވެ. މި އުޞޫލުގެ މައިގަނޑު މަޤްޞަދަކީ، މި ފަދަ ހުސްޖާގަތައް އެ ޢިމާރާތެއްގައި ދިރިއުޅޭ އެންމެނަށް ހަމަހަމަކަމާ އެކު ބޭނުންކުރެވޭ ގޮތް ފަހިކޮށްދިނުމެވެ.
މި އުޞޫލުގެ ދަށުން، އެއްމެދު ޢިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް ބޭނުންކުރެވޭނެ ވަކި ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އޭގެ ތެރޭގައި: ޕޮޓުގައި ގަސް އިންދުމަށް ފަހު ބެހެއްޓުމާއި، އަދި ވަރޓިކަލް ގާޑަނިންގ ކުރިޔަށް ގެންދިއުމަށްޓަކައި ޚާއްޞަ ހަރު ފަދަ ތަކެތި ބެހެއްޓުން ހިމެނެއެވެ. ނަމަވެސް، މި ފަދަ ހަރުތަކުގެ އުސްމިން ބިމުން ފެށިގެން 2 ފޫޓު 4 އިންޗިއަށް ވުރެ އުސްވެގެން ނުވާނެއެވެ. މީގެ އިތުރުން، އެއްވެސް ޢާންމު ސަރަޙައްދެއް ބަންދުވާ ފަދަ ގޮތަކަށް، ފެންސެއްގެ ގޮތުގައި ގަސް ޕޮޓާއި ހަރު ފަދަ ތަކެތި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫން ކަމަށް އެޗް.ޑީ.ސީ.ގެ އުޞޫލުގައި ވެއެވެ.
އުޞޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ބިންމަތީގައި އިންދާ ގަސްތައް ފިޔަވައި، ހުސްޖާގަތަކުގައި ބަހައްޓާ ތަކެއްޗަކީ އެއް ތަނުން އަނެއް ތަނަށް ފަސޭހައިން ނަޤުލުކުރެވޭ ތަކެތި ކަމުގައި ވާން ޖެހެއެވެ. އަދި ބިންމަތީގައި ގަސް އިންދާ ނަމަ، އެ ގަސްތައް ޢިމާރާތުގެ އިންފާރުން ފެށިގެން 1.8 މީޓަރު ދުރުގައި އިންދަން ވާނެއެވެ. އަދި ޕޮޓުގައި ހައްދާ ގަސްތަކުގެ އުސްމިން ބިމުން ފެށިގެން 1 މީޓަރަށް ވުރެ އުސްވެގެން ނުވާނެއެވެ. އެ ޢިމާރާތެއްގައި ދިރިއުޅޭ އެންމެނަށް އެ ސަރަޙައްދު ހަމަހަމަކަމާ އެކު ބޭނުންކުރުމަށް މި އުޞޫލުގައި ވަރަށް ބޮޑަށް ވަނީ ބާރުއަޅާފައެވެ.
މި ހުސްޖާގަތަކުގައި ބައެއް ޙަރަކާތްތައް ހިންގުމަށް އެޗް.ޑީ.ސީ.ގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ވަނީ ހަދާފައެވެ. މި ގޮތުން، އެ ކޯޕަރޭޝަނުގެ ހުއްދަ ހޯދަން ޖެހޭ ކަންކަމުގެ ތެރޭގައި: އިޖުތިމާޢީ ޙަފްލާތައް ނުވަތަ އެއްވުންތައް ބޭއްވުމާއި، ކުޑަކުދީން ކުޅޭ ތަންތަން ނުވަތަ ކަސްރަތުކުރާ ތަންތަން ހެދުމާއި، ގޮނޑި، ޖޯލި އަދި މޭޒު ފަދަ ތަކެތި ބެހެއްޓުމާއި، އަދި ބިންމަތީގައި ގަސް އިންދުން ހިމެނެއެވެ. މި ފަދަ ބޭނުންތަކަށް ހުއްދަ ދެވޭނީ، މެނޭޖްމަންޓް ކޯޕަރޭޝަން ނުވަތަ ކަނޑައެޅިފައިވާ އިންސައްތައެއްގެ ވެރިފަރާތްތަކުގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުމަކާ އެކު ޕްރޮޕޯޒަލެއް ހުށަހެޅުމުން ކަމަށް އެޗް.ޑީ.ސީ.އިން ބުނެއެވެ. ހުއްދަ ލިބުނު ކަމުގައިވީ ނަމަވެސް، އެ ތަންތަނަކީ އަބަދު ވެސް ޢާންމު ތަންތަން ކަމުގައި ބެލެވޭނެއެވެ.
އެޗް.ޑީ.ސީ.އިން އެކުލަވައިލި އާ އުޞޫލުގެ ދަށުން، ހުސްޖާގަތަކުގައި ހާމަކޮށް އަލިފާން ބޭނުންކޮށްގެން ކުރާ ކަންކަން ކުރުމާއި، ވަކި ފަރާތެއްގެ އަމިއްލަ ބޭނުމަށް ހުސްޖާގަ ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. އަދި ޢިމާރާތްތަކަށާއި ޢާންމުނަށް ނުރައްކާވާ ފަދަ ބާވަތުގެ ގަސްތައް ބިންމަތީގައި އިންދުން ވެސް މަނާކުރުމަށް ވަނީ ނިންމާފައެވެ.
ޚިޔާލު ހުށަހެޅުމަށް: https://shorturl.at/fQS3F
އިތުރު މަޢުލޫމާތު: http://hdc.mv/downloads
ހުޅުމާލެއަކީ ހިތްފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް އެޗްޑީސީއާއި ބައިވެރިވެލަމާ!
— Housing Development Corporation (@hdcmaldives) December 10, 2025
އެއްމެދު އިމާރާތްތަކުގެ ވަށައިގެންވާ ހުސްޖާގަތައް އެންމެންނަށް ހަމަހަމައަށް ބޭނުންކުރެވޭނެހެން ފަރުމާކުރުމަށް އާންމުންގެ ހިޔާލު ވަރަށް މުހިއްމު.
ހިޔާލު ހުށަހަޅާލައްވާ:… pic.twitter.com/kEbAW9uP58