Ads by Stelco

ޚަބަރު

ޙައްޖު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ޚާއްސަ އެވޯޑެއް ތަޢާރަފްކުރަނީ

ޙައްޖު ޢުމްރާގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ޚާއްސަ އެވޯޑެއް ތަޢާރަފްކުރަނީ

އުމްރާވެރިން އުމްރާގެ އަޅުކަން އަދާކުރުމުގައި ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ޑިސެމްބަރު 2025، 06:15

11 ޑިސެމްބަރު 2025، 06:15

ރައްޔިތުންނަށް ޙައްޖު އަދި ޢުމްރާގެ ޚިދުމަތްތައް އުސޫލާ އެއްގޮތަށް، އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ކުންފުނިތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ޚާއްސަ އެވޯޑެއް ތަޢާރަފްކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ. މި އެވޯޑު އަންނަ އަހަރުން ފެށިގެން ދެމުންދާނެ ކަމަށް ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ކުރިން ރާއްޖޭގައި ޙައްޖު އަދި ޢުމްރާގެ ކަންތައްތައް ކުރަމުން އައީ ސަރުކާރާއި އަމިއްލަ ކުންފުނިތަކުންނެވެ. ނަމަވެސް، ކޯވިޑް-19 އަށްފަހު ޙައްޖަށް މީހުން ގެންދިޔުމުގައި ގިނަ ދަތިތަކެއް ކުރިމަތިވެ، ޙައްޖަށް ދާން ބޭނުންވެ ފައިސާ ދައްކާފައިވާ މީހުންގެ ކިޔު ދިގުވުމުގެ ޝަކުވާ ވަރަށް ބޮޑަށް އިތުރުވިއެވެ. މިކަން ހައްލުކުރުމަށްޓަކައި، 2023 ވަނަ އަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ މަސައްކަތް ހަމައެކަނި ޙައްޖު ކޯޕަރޭޝަންގެ ދަށުން ކުރިއަށްގެންދިޔުމަށް ސަރުކާރުން ނިންމެވިއެވެ.

ނަމަވެސް، ޢުމްރާއަށް މީހުން ގެންދިޔުމުގެ ފުރުސަތު މިހާރުވެސް އަމިއްލަ ކުންފުނިތަކަށް އޮވެއެވެ. މިހާލަތުގައި ޙައްޖު ޢުމްރާގެ ކަންކަމުގައި ވާދަވެރި މާޙައުލެއް ބިނާކޮށް، ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ލިބޭނެ މަގުފަހިކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މިގޮތުން، ޙައްޖު އަދި ޢުމްރާއަށް މީހުން ގެންދާ ގްރޫޕްތަކުގެ ތެރެއިން އެންމެ ރަނގަޅު ޚިދުމަތްފޯރުކޮށްދޭ ފަރާތްތަކާއި، ވުޒާރާގެ އުސޫލުތަކަށް އެންމެ ފުރިހަމައަށް ތަބާވާ ގްރޫޕްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްސަ އެވޯޑެއް ދިނުމަށް ވަނީ ނިންމަވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިކަމަށްޓަކައި ބޭނުންވާ އުސޫލު މިހާރު އެކުލަވާލާފައިވާ ކަމަށެވެ. އަދި، ޙައްޖު ޢުމްރާ ކޮންފަރެންސްގެ ތެރެއިން ގްރޫޕްތަކާއެކު މިކަމުގެ މަޝްވަރާތައް ކުރިއަށްދާނެ ކަމަށާއި، އެއަށްފަހު އުސޫލު ފައިނަލްކޮށް ޢަމަލުކުރަން ފަށާނެ ކަމަށް އެވުޒާރާއިން ހާމަކުރެއްވިއެވެ.

ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށްދާ ދިވެހީންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް، އެ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި އަދި ރަނގަޅު ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގްރޫޕްތަކާއެކު އިސްލާމީ ވުޒާރާއިން ދަނީ ޙައްޖު ޢުމްރާ ކޮންފަރެންސްތައް ބާއްވަމުންނެވެ. މިފަދަ ދެވަނަ ކޮންފަރެންސް އިސްލާމީ ވުޒާރާގެ އިންތިޒާމުގެ ދަށުން މިދިޔަ ހަފްތާގައި އިސްލާމީ މަރުކަޒުގައި ވަނީ ބާއްވާފައެވެ. މި އެވޯޑާއެކު ޙައްޖު ޢުމްރާގެ ޚިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު އިތުރަށް މަތިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން