Ads by Stelco

ޚަބަރު

ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ކޯޓަށް ދިޔުމުން، ފޯނު އަނބުރާ ދީފި

ފުލުހުން ހިފެހެއްޓި ފޯނެއް ނުދީގެން ކޯޓަށް ދިޔުމުން، ފޯނު އަނބުރާ ދީފި

ފުލުހުން ހިފެހެއްޓި ފޯނެއް އަނބުރާ ނުދިން މައްސަލައެއްގެ މަޢުލޫމާތު ކްރިމިނަލް ކޯޓުން ހާމަކުރުން.

farudhun logo

ފަރުދުން

13 ޑިސެމްބަރު 2025، 05:03

13 ޑިސެމްބަރު 2025، 05:03

ތަޙުޤީޤީ ބޭނުމަށް ފުލުހުން ހިފެހެއްޓި ފޯނެއް ވެރިފަރާތަށް އަނބުރާ ނުދިން މައްސަލައެއް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، ފުލުހުން އެ ފޯނު އަނބުރާ އޭގެ ވެރިފަރާތާ ޙަވާލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ޝާއިޢުކުރި ޤަޟިއްޔާގައިވާ ގޮތުގައި، ކޯޓު އަމުރުގެ ދަށުން ފުލުހުން ގއ. ކަނޑުހުޅުދުއަށް ނިސްބަތްވާ ފިރިހެނެއްގެ ފޯނު އަތުލީ މިދިޔަ އޮކްޓޫބަރު މަހުގެ 21ވަނަ ދުވަހުގަވެ. އަދި އެ ފޯނު އެ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތުމުން، އެ ފިރިހެން މީހާ އެ މައްސަލަ ކޯޓަށް ހުށަހެޅީ ކަމަށް ޤަޟިއްޔާގައި ވެއެވެ. ނަމަވެސް އޭނާގެ ފޯނު ހިފަހައްޓައިފައިވަނީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ކޯޓުން މި ކަމުގައި ފުލުހުންގެ ޖަވާބަކަށް އެދުމުން، އެ މުއައްސަސާއިން ވަނީ ފޯނު އަނބުރާ ރައްދުކޮށްދީފައިވާ ކަމަށް ކޯޓުން ބުނެއެވެ. ފުލުހުން ފޯނު އަނބުރާ ރައްދުކޮށްދީފައިވަނީ މިދިޔަ މަހުގެ 10ވަނަ ދުވަހު ކަމަށް ޤަޟިއްޔާގައި ވަނީ ބަޔާންކޮށްފައެވެ.

ވީމާ، އަމުރަށް އެދުނު މައްސަލަ ބާޠިލް ކޮށްދޭން މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާތީ، ކޯޓުން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.

މީގެ ކުރީން ވެސް ފުލުހުން ހިފެހެއްޓި ފޯނެއްގެ މައްސަލައެއްގައި، ފުލުހުންނާ ދެކޮޅަށް ކޯޓުން އަމުރު ނެރެފައިވެއެވެ. އެ ގޮތުން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވީ ފޯނެއް ހިފަހައްޓާފައި އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ފަސް ދުވަހުގެ ތެރޭގައި އެ ފޯނު ވެރިމީހާއަށް ޙަވާލު ކުރުމަށް މިދިޔަ އަހަރުގެ ޖުލައި މަހު ތެރޭ ކްރިމިނަލް ކޯޓުން އަމުރުކުރިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން