ދުނިޔެ

ސޫދާންގައި ދިން ޑްރޯން ހަމަލާއެއްގައި އ.ދގެ ޞުލްޙަ ބަލަހައްޓާ ހަ އޮފިޝަލަކު މަރުވުމުން އ.ދ އިން އެކަން ކުށްވެރިކޮށްފި

ސޫދާންގައި ދިން ޑްރޯން ހަމަލާއެއްގައި އ.ދގެ ޞުލްޙަ ބަލަހައްޓާ ހަ އޮފިޝަލަކު މަރުވުމުން އ.ދ އިން އެކަން ކުށްވެރިކޮށްފި

އ.ދގެ ސިފައިން ސޫދާނުގައި

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 ޑިސެމްބަރު 2025، 12:36

14 ޑިސެމްބަރު 2025، 12:36

ސޫދާނުގެ ހަނގުރާމަވެރި ސަރަހައްދެއްގައި ހުންނަ އދ.ގެ މަރުކަޒަކަށް ދިން ޑްރޯން ހަމަލާއެއްގައި ޞުލްޙަ  ބަލަހައްޓާ ހަ އޮފިޝަލެއް މަރުވެފައިވާ ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވެއްޖެއެވެ.

މި ހަމަލާގައި 8 މީހުން ޒަޚަމްވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ މެދުތެރޭ ކޮރްޑޮފާން ސަރަހައްދުގެ ކަޑޫގްލީ ސިޓީގައި ހުންނަ ޞުލްޙަ ބެލެހެއްޓުމުގެ ލޮޖިސްޓިކްސް ބޭސް އަށެވެ. ހަމަލާގެ ޝިކާރައަކަށް ވެފައިވާ ހުރިހާ ފަރާތްތަކަކީ ވެސް އދ.ގެ އިންޓަރިމް ސެކިއުރިޓީ ފޯސް ފޯ އެބްޔޭ (ޔޫއެންއައިއެސްއެފްއޭ) ގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނެވެ.

ގުޓެރޭސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، "ސޫދާނުގެ ކަޑޫގްލީގައި ހުންނަ އދ.ގެ ޞުލްޙަ ބެލެހެއްޓުމުގެ ލޮޖިސްޓިކްސް ބޭސްއަށް އަމާޒުކޮށް ދިން ބިރުވެރި ޑްރޯން ހަމަލާތައް އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރިކުރަން،" ކަމަށެވެ.

އަދި އޭނާ އިތުރަށް ވިއްދާޅުވީ، "އދ.ގެ ޞުލްޙަ ބަލަހައްޓާ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ހަނގުރާމައިގެ ކުށަކަށް ވެދާނެ. ދެކުނު ކޮރްޑޮފާންގައި މިއަދު ޞުލްޙަ ބަލަހައްޓާ ފަރާތްތަކަށް ދިން މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން. މިކަމަށް ޖަވާބުދާރީވާން ޖެހޭނެ،" ކަމަށެވެ.

ސޫދާނުގެ ސިފައިން ވަނީ މި ހަމަލާ ދިނީ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރުއެސްއެފް) އިން ކަމަށް ބުނެފައެވެ. ސިފައިންނާއި އާރުއެސްއެފް އާ ދެމެދު ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީ ދާޚިލީ ހަނގުރާމައެއ ްދަނީ ކުރަމުންނެވެ. ނަމަވެސް މި ހަމަލާއާ ގުޅިގެން އާރުއެސްއެފް އިން ވަގުތުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސޫދާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ހަމަލާއިން "ބަޣާވާތްތެރި މިލިޝިއާގެ ނުބައި ގޮތާއި އެކަމުގެ ފަހަތުގައި ތިބި ފަރާތްތައް ސާފުކޮށް ހާމަވާ" ކަމަށެވެ. އަދި ސިފައިން ވަނީ ސޯޝަލް މީޑިއާގައި ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަނީ އެއީ އދ.ގެ މަރުކަޒު ކަމަށް ބުނާ ތަނެއްގެ މަތިން ކަޅު ދުން އަރަމުންދާ މަންޒަރެވެ.

ބަންގްލަދޭޝްގެ ވަގުތީ ލީޑަރު، މުހައްމަދު ޔޫނުސް، ވަނީ ބަޔާނެއް ނެރުއްވައި، މި ހަމަލާއާ ގުޅިގެން "ވަރަށް ބޮޑަށް ހިތާމަ ކުރައްވާ" ކަމަށް ވިދާޅުވެފައެވެ. އަދި އޭނާ ވަނީ އދ. އިން ބަންގްލަދޭޝްގެ މުވައްޒަފުންނަށް "އެހީތެރިކަން ބޭނުންވާ ކޮންމެ ޙާލަތެއްގައި ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް" އެދިފައެވެ. "މި ދަތި ވަގުތުގައި ބަންގްލަދޭޝްގެ ސަރުކާރުން އެ އާއިލާތަކާ އެކުގައި ވާނެ،" ޔޫނުސް ވިދާޅުވިއެވެ.

ތެލުގެ މުއްސަނދިކަން އޮތް އެބްޔޭއަކީ ސޫދާނާއި ދެކުނު ސޫދާނާ ދެމެދު ދެބަސްވެފައިވާ ސަރަހައްދެކެވެ. ދެކުނު ސޫދާނަށް 2011 ވަނަ އަހަރު ސޫދާނުން މިނިވަންކަން ލިބުނު ފަހުން އދ.ގެ މި މިޝަން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދެއެވެ.

ގުޓެރޭސް ވަނީ ސޫދާނުގެ ހަނގުރާމަ ހައްލުކުރުމަށްޓަކައި "ފުރިހަމަ، ހުރިހާ ފަރާތްތަކަށް ހިމެނޭ އަދި ސޫދާނުގެ އަމިއްލަ ސިޔާސީ މަސައްކަތަކަށް" މަގުފަހިކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވެސް ގޮވާލައްވާފައެވެ.

ސޫދާން ހަލަބޮލިކަމުގެ ތެރެއަށް ވެއްޓުނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހު، އަސްކަރިއްޔާއާއި އާރުއެސްއެފްއާ ދެމެދު ބާރަށް ވާދަކުރުމުގެ ސަބަބުން ވެރިރަށް ޚާރްތޫމް އަދި އެހެން ތަންތަނުގައި ހަނގުރާމަ ފެށުމުންނެވެ.

މި ހަނގުރާމައިގައި 40،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނާ ގޮތުގައި އެ އަދަދަކީ ވަރަށް ބޮޑަށް މަދުކޮށް އަންދާޒާކުރެވިފައިވާ އަދަދެކެވެ.

މި ހަނގުރާމައިގެ ސަބަބުން ރަށްފުށުގެ ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ޚާއްސަކޮށް ދާރްފޫރުގައި ބޮޑެތި ޖަރީމާތަކާއި، ޖިންސީ ގޯނާކުރުމާއި، މީހުން މެރުން ފަދަ ކަންކަން ހިނގާފައިވާ ކަމަށް އދ. އާއި ހިއުމަން ރައިޓްސް ގްރޫޕްތަކުން ބުނެއެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އިންސާނީ ކާރިސާ އުފެދި، ޤައުމުގެ ބައެއް ސަރަހައްދުތަކަށް ވަނީ ބަނޑުހައި ހޫނުކަން ކުރިމަތިވެފައެވެ. މި ހަމަލާ އައިސްފައި މިވަނީ އދ.ގެ ސެކިއުރިޓީ ކައުންސިލުން ޔޫއެންއައިއެސްއެފްއޭގެ ޞުލްޙަ ބެލެހެއްޓުމުގެ މިޝަން އިތުރު އެއް އަހަރަށް އާކުރުމަށް ވޯޓު ދިނުމަށްފަހު އެންމެ މަހެއް ވެފައި ވަނިކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450