ދީން
"ހަމަކަށަވަރުން މިއީ ފާޠިމަތުގެފާނުންގެ ޓަކިޖެއްސެވުމެވެ."
މާތް ﷲ އެ ކަމަނާއަށް ރުއްސުން ލެއްވި ފާޠިމަތުގެފާނުން.
"ހަމަކަށަވަރުން މިއީ ފާޠިމަތުގެފާނުންގެ ޓަކިޖެއްސެވުމެވެ." މިއީ ރެއިގަނޑުގެ ވަޤުތެއްގައި ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުންގެ އަރިއަހަށް، އައްސައްޔިދާ ފާޠިމަތުގެފާނުން ވަޑައިގެން ޓަކިޖެއްސެވުމުން، ޙަދީޘްކުރެއްވި ކަމަށް ރިވާވެގެންވާ ބަސްފުޅެކެވެ. (ކިތާބުއްދުޢާ، އައްޠަބަރާނީ). މީގެން ދޭހަވަނީ، ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން އެ ކަމަނާ ދެކިވަޑައިގެން ލޯބިފުޅުވެވަޑައިގަންނަވާ މިންވަރެވެ. މީހަކު ދެކި ޙަޤީޤީ ލޯބިވެ، އެ މީހަކަށް އަޅާލާ ނަމަ، އެ މީހެއްގެ އެންމެހައި ކަންކަން ތިމާއަށް ކަމުދާނެއެވެ. އެ މީހެއްގެ ކުދިކުދި ތަފްޞީލުތައް ވެސް ތިމާއަށް އެނގޭނެއެވެ.
އާދެ، މި ލިޔުމުގައި ދައްކާން މި އުޅެނީ އެ ޠާހިރު މާތް ކަމަނާގެ ވާހަކައެވެ. އެ ކަމަނާއަށްޓަކައި ސައްޔިދުލްކައުނައިނި ﷺ ގެ ހިތްޕުޅުގައި ޚާއްޞަކުރެވިފައިވީ މަތިވެރި މަންޒިލު ދޭހަވާ ދެ ތީން ކަމެއްގެ ވާހަކައެވެ.
"މިއީ ތިމަންގެ އަހުލުންނެވެ."
ފާޠިމަތުގެފާނުންގެ މާތްކަން ދޭހަވާ އެއް ކަމެއް ދަންނައެ. ކީރިތި ޤުރްއާނުގެ މުބާހަލާގެ އާޔަތް ބާވައިލެއްވުމުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާ، އެ ކަލޭގެފާނުންގެ މާތް ދަރިކަނބަލުން ފާޠިމަތުގެފާނާއި، އެ ކަމަނާގެ ފިރިކަލުން ޢަލީގެފާނާއި، އެ ދެކަނބަލުންގެ މާތް ދެ ދަރިކަލުން ޙަސަންގެފާނާއި ޙުސައިންގެފާނު ގެންނަވައި ޙަދީޘްކުރެއްވޫއެވެ: "އޭ ﷲއެވެ. މިއީ ތިމަންގެ އަހުލުންނެވެ." (ރިވާކުރެއްވީ މުސްލިމް)
މުބާހަލާގެ އާޔަތަކީ އާލިޢިމްރާން ސޫރަތުގެ 61ވަނަ އާޔަތެވެ. އެ އާޔަތުގެ މަޢުނައީ:
ފަހެ، ކަލޭގެފާނަށް ޢިލްމުގެ ތެރެއިން (ޢީސާގެފާނާމެދު) އައި އެއްޗެއްގެ ފަހުން، އެ ކަލޭގެފާނާ މެދުގައި ކަލޭގެފާނާ ޖަދަލުކުރި (ނަޞާރާއިންގެ) މީހުންނަށް ވިދާޅުވާށެވެ! އަހަރެމެންގެ ދަރީންނަށާއި، ތިޔަބައިމީހުންގެ ދަރީންނަށް އަދި، އަހަރެމެންގެ އަންހެނުންނަށާއި، ތިޔަބައިމީހުންގެ އަންހެނުންނަށް އަދި، އަހަރެމެންގެ އަމިއްލަ ނަފްސުތަކަށާއި، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް، އަހަރެމެން ގޮވައި އެއްކުރަމާ އަންނާށެވެ! ދެން، ދޮގުވެރީންގެ މައްޗަށް ﷲގެ ލަޢުނަތް ލެއްވުމަށް އެދި، އަހަރެމެން ދުޢާކޮށް އިބްތިހާލު ކުރާނީއެވެ.
މި ޙާދިޘާގައި ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެ ކަލޭގެފާނުންގެ އަނބިއަނބިކަނބަލުން ވެސް ހިމެނިވަޑައިގެންފައި ނުވާ އިރު، ފާޠިމަތުގެފާނުން ހިމެނިވަޑައިގެންފައިވުމީ، އެ ކަމަނާގެ އިތުރުކަން ހާމަވާ ހެއްކެކެވެ.
އަހުލުބައިތުން ޠާހިރުކުރެއްވުން
އަލްއިމާމް އަޙްމަދާއި އަލްއިމާމުއްތިރްމިޛީ ރިވާކުރައްވާ ގޮތުގައި، މާތް ﷲ އަލްއަޙްޒާބް ސޫރަތުގެ 33ވަނަ އާޔަތް ބާވައިލެއްވުމުން، ސަލާމާއި ޞަލަވާތް ލެއްވި އިތުރު މާތް ނަބިއްޔާ އެ ކަލޭގެފާނުން ތުރުކުރައްވައިގެން ހުންނެވި ފޭރާންކޮޅުގެ ބަޔަކުން ފާޠިމަތުގެފާނާއި، ޢަލީގެފާނާއި، ޙަސަންގަފާނާއި، ޙުސައިންގެފާނު ނިވައުކުރައްވައި، އުޑާ ދިމައަށް އަތްޕުޅު އުފުއްލަވައި ޙަދީޘްފުޅުކުރެއްވޫއެވެ: "އޭ ﷲއެވެ! މިއީ ތިމަންގެ އަހުލުބައިތުންނެވެ، ތިމަންގެ ޚާއްޞަ ބޭކަލުންނެވެ. ފަހެ އެ ބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވާނދޭވެ! އަދި އެ ބައިމީހުން ފުރިހަމަ ގޮތެއްގައި ޠާހިރުކުރައްވާނދޭވެ!" ދެން މި ފަދައިން އަނެއްކާ ވެސް ޙަދީޘްފުޅުކުރެއްވޫއެވެ.
ދަންނައެ. އަލްއަޙްޒާބް ސޫރަތުގެ 33ވަނަ އާޔަތުގެ ތަންކޮޅުގެ މަޢުނައީ: "ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރެއްވުމަށެވެ -އޭ އަހުލުބައިތުންނޭވެ!- އަދި ފުރިހަމަ ޠާހިރު ކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރު ކުރެއްވުމަށެވެ."
ޢަލީގެފާނުންގެ ދެވަނަ ކައިވެނި؟
މާތް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި ފާޠިމަތުގެފާނުންގެ ޚާއްޞަކަމުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ކަމަކީ، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނުން އެ ކަމަނާގެ ޙައްޤުގައި ކޯފާވެވަޑައިގަތް ކަމެވެ. އެހެނީ، އެ ކަމަނާގެ ފިރިކަލުން، މާތް ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި ޢަލީގެފާނުން، އަބޫ ޖަހުލުގެ އަންހެން ދަރިއާ ކައިވެނިކުރައްވާން އެދިވަޑައިގަތެވެ. އެ ކަމުގެ ޝަކުވާ ފާޠިމަތުގެފާނުން ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުންގެ އަރިއަހުގައި ދެންނެވުމުން، އެ ކަލޭގެފާނުން ކޯފާ އިސްކުރައްވައި ޙަދީޘްކުރެއްވޫއެވެ: "ހަމަކަށަވަރުން ފާޠިމަތުގެފާނަކީ ތިމަންކަލޭގެފާނުންގެ ހަށިކޮޅުންވާ ބަޔެކެވެ. އަދި ހަމަކަށަވަރުން އެ ކަމަނާއަށް ދަތިފުޅުވާ ކޮންމެ ކަމަކާ މެދު ތިމަންކަލޭގެފާނުން ނުރުހުންވެވަޑައިގަންނަވަމެވެ. ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ﷲގެ ރަސޫލާގެ ދަރިކަނބަލުންނާއި (އެ ބަހީ: ފާޠިމަތުގެފާނުންނާއި) ﷲގެ ދުޝްމަނުގެ (އެ ބަހީ: އަބޫ ޖަހުލުގެ) ދަރިއާއި އެއް ފިރިއެއްގެ ގާތުގައި އެކުނުވާ ހުއްޓެވެ." (ރިވާކުރެއްވީ: އަލްބުޚާރީ).
ރަސޫލުﷲ ﷺ ސުވަރުގެ ވަޑައިގަތުން
އަހަރެމެންގެ މާތް ޞާޙިބާ ﷺ ދެމިއޮންނަވި ގޮތުގައި އިލާހީ ޙަޟްރަތަށް އުފުއްލެވި ދުވަހު، އެ ކަމާ މުސްލިމުން ނުހަނު ހިތާމަ ފައުޅުކުރިކަމީ ސީރަތުގައި އެނގި މަޝްހޫރުވެފައިވާ ކަމެކެވެ. އެ ގޮތުން އެ ދުވަހު އެންމެ ބޮޑު ހިތްދަތިކަމަކާ ކުރިމަތިލެއްވި އެކަކީ، މާތް ﷲ އެ ކަމަނާއަށް ރުއްސުންލެއްވި އައްސައްޔިދާ ފާޠިމަތުގެފާނެވެ.
ކީރިތި މާތް ރަސޫލާ ﷺ އަށް މަރުގެ ސަކަރާތު ކުރިމަތިވި ހިނދުގައި، ފާޠިމަތުގެފާނުން ވިދާޅުވޫއެވެ: "އޭ ތިމަންގެ ބައްޕާފުޅުގެ މައްޗަށް ހުރި ތުރާފުޅެއްގެ ބޮޑުކަމާއެވެ." ދެން އިތުރު އެ ކަލޭގެފާނުން ޙަދީޘްފުޅުކުރެއްވޫއެވެ: "ކަމަނާގެ ބައްޕާގެ މައްޗަށް އަދަށް ފަހު އެއްވެސް ތުރާލެއް ނުވާނެތެވެ." ދެން މާ ގިނަ އިރުތަކެއް ނުވެ ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެ ކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމުން، ފާޠިމަތުގެފާނުން ހިތާމަފުޅުކުރައްވައި ވިދާޅުވޫއެވެ: "އޭ ބައްޕާފުޅާވޭ! ވެރިރަސްކަލާނގެ ދަޢުވަތަށް އިޖާބަދެއްވައިފޫއެވެ! އޭ ބައްޕާފުޅާވޭ! އެ ކަލޭގެފާނުންގެ ގޮވެއްޗަކީ ޖަންނަތުލްފިރްދައުސެވެ! އޭ ބައްޕާފުޅާވޭ! އެ ކަލޭގެފާނުންގެ ހިތާމައިގެ ޝަކުވާ އިއްވާނީ ޖިބްރީލްގެފާނަށެވެ!" ދެން ފަހެ، އިތުރު އެ ކަލޭގެފާނުންގެ މާތް ހަށިކޮޅު ފަސްދާނަލެއްވުމަށް ފަހު އަޞްޙާބު ބޭކަލުން އެނބުރި ވަޑައިގަތުމުން ފާޠިމާތުގެފާނުން ހަރުއަޑުފުޅުން ވިދާޅުވޫއެވެ: "އޭ އަނަސްގެފާނޭވެ! ﷲގެ ރަސޫލާގެ މައްޗަށް ހިރަފުސް އެޅުއްވުމަށް ތިޔަ ބޭކަލުންގެ ހިތްތަކަށް ހަމަޖެހުން ލިބުނު ހެއްޔެވެ؟" (ރިވާކުރެއްވީ: އަލްބުޚާރީ). މި ރިވާޔަތުން ވެސް ދޭހަވާ ގޮތުގައި، ގިނަ އަޞްޙާބު ބޭކަލުން ހިތާމަ ފައުޅުކުރެއްވި ލެކަށް ވުރެ ފާޠިމަތުގެފާނުން ފައުޅުކުރެއްވި ހިތާމަ މާ ބޮޑެވެ. އެހެން ނުވާންވީ ފަހެ ކިއެއްވެގެން ހެއްޔެވެ؟ އެ ކަމަނާއީ އެ ކަލޭގެފާނުންގެ ޙަޔާތްޕުޅުގައި ވެސް އެންމެ ލޯބިފުޅުވެވަޑައިގަތް ދަރިކަމަނާ ވިއްޔާއެވެ.
އަދިވެސް ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން ސުވަރުގެ ވަޑައިގަތުމާ ގުޅޭ ގޮތުން އަލްބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ގޮތުގައި، މާތް ﷲ އެ ކަމަނާއަށް ރުއްސުން ލެއްވި އުންމުލްމުއުމިނީން ޢާއިޝަތުގެފާނުން ވިދާޅުވޫއެވެ: ސަލާމާއި ޞަލަވާތް ލެއްވި އިތުރު ރަސޫލުﷲގެފާނުން ސުވަރުގެ ވަޑައިގަތް އާލާސްކަންފުޅުގައި، އެ ކަލޭގެފާނުންގެ އަރިއަހުގައި އެ ކަލޭގެފާނުންގެ އަނބިއަނބިކަނބަލުން ތިއްބަވަނިކޮށް، ފާޠިމަތުގެފާނުން ހިންގަވާފައި ވަޑައިގަތެވެ. އެ ކަމަނާގެ ހިންގެވުން ހީވަނީ ހަމަ ރަސޫލު ﷲ ﷺ ގެ ފައިންޕުޅު ބީއްސެވުން ހެނެވެ. ދެން ފާޠިމަތުގެފާނުން އިތުރު އެ ކަލޭގެފާނުންގެ އަރިއަހުގައި ބައިންދަވައި، އެ ކަމަނާއަށް ސިއްރުން ބަސްފުޅެއް ޙަދީޘްކުރެއްވޫއެވެ. ދެން އެ ކަމަނާ ކީރިތި ކުރެއްވޫއެވެ. ދެން ވެސް އެ ކަމަނާއަށް ސިއްރުން ބަސްފުޅެއް ޙަދީޘްކުރެއްވޫއެވެ. ދެން ފަހެ އެ ކަމަނާ ހިނިފުޅުވެޑުވޫއެވެ. ދެން އިތުރު އެ ކަލޭގެފާނުން ﷺ ސުވަރުގެ ވަޑައިގަތުމަށް ފަހު ޢާއިޝަތުގެފާނުން މި ކަމާ ގުޅޭ ގޮތުން ފާޠިމަތުގެފާނު ކުރެން އެއްސެވުމުން، އެ ކަމަނާ ކިޔައިދެއްވޫއެވެ: "އެ ކަލޭގެފާނުންގެ އެ އާލާސްކަންފުޅުގައި ސުވަރުގެ ވަޑައިގަންނަވާނޭ ވާހަކަ ތިމަންކަމަނާއަށް ރަސޫލުﷲ ﷺ ޙަދީޘްކުރެއްވުމުން ތިމަންކަމަނާއަށް ކީރިތިކުރެއްވުނީއެވެ. އަދި އެ ކަލޭގެފާނުންގެ އަހުލުންގެ ތެރެއިން އެންމެ ފުރަތަމަ އެ ކަލޭގެފާނަށް ތަބަޢަވާނީ (އެ ބަހީ: އެ ކަލޭގެފާނަށް ފަހުގައި އަވަހާރަވާނީ) ތިމަންކަމަނާ ކަމުގައި ޙަދީޘްކުރެއްވުމުން، ހިނިފުޅުވެޑުނުވީއެވެ." އެހެން ޞައްޙަ ރިވާޔަތެއްގައި އިތުރުކުރުމެއް ވެއެވެ. އެއީ: ކީރިތިކުރެއްވި ފަހަރު ކިޔައިދެއްވީ: "ޖިބްރީލްގެފާނުން ތިމަންކަލޭގެފާނާ އެކު ކޮންމެ އަހަރަކު ޤުރުއާން މުރާޖަޢާކުރައްވަތެވެ. އެހެނަސް މި އަހަރު ދެ ފަހަރު ކުރައްވައިފޫއެވެ. ފަހެ އެއީ ތިމަންކަލޭގެފާނުންގެ އަޖަލު ގާތްވުމުން ކަމުގައި ނޫނީ ދެކިވަޑައިނުގަންނަވަމެވެ." އަދި ހިނިފުޅުވެޑުވި ފަހަރު ޙަދީޘްކުރެއްވި ބަސްފުޅުގައި އިތުރަށް ވިދާޅުވޫއެވެ: "ކަމަނާ ޢާލަމްތަކުގެ އަންހެން ކަނބަލުންގެ ޞާޙިބާ ކަމުގައި ވުމުން އެ ކަމާ ރުހިވަޑައިނުގަންނަވަމުތޯއެވެ."
ދެން ދަންނާށެވެ. ކީރިތި މާތް ނަބިއްޔާ ﷺ ޙަދީޘްކުރެއްވި ފަދައިން، އެ ކަލޭގެފާނުންގެ މާތް އަހުލުންގެ ތެރެއިން އެ ކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އަވަހާރަވީ ފާޠިމަތުގެފާނެވެ. އެ ކަމަނާ އަވަހާރަވީ އިތުރު އެކަލޭގެފާނުން ﷺ ސުވަރުގެ ވަޑައިގަތުމުގެ ހައެއްކަ މަސް ފަހުންނެވެ. ވީމާ، މި ޙަދީޘްބަސްފުޅުގައި މުޢުޖިޒާތެއް ވެއެވެ. އެހެނީ، ޣައިބުގެ ކަމަކާ ގުޅޭ ގޮތުން ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނުން ޚަބަރުދެއްވި ކަމެއް، އެ ގޮތުގެ މަތީން ހިނގައިދިޔައީއެވެ.
ޢާއިޝަތުގެފާނުންގެ ހެކިބަސް
އިސްވެ ދެންނެވުނު ޙަދީޘްގައި ޢާއިޝަތުގެފާނުން ވިދާޅުވި ގޮތުގައި، ފާޠިމަތުގެފާނުންގެ ހިންގެވުން، ރަސޫލުﷲ ﷺ ގެ ފައިންޕުޅު ބީއްސެވުމާ ނުހަނު އެއްގޮތެވެ. ވީމާ، މި މަޤާމުގައި ޢާއިޝާތުގެފާނުން ރިވާކުރެއްވި މި ފަދަ އެހެން ވާހަކައެއް ނަންގަންނާނަމެވެ.
އަބޫ ދާވޫދު ރިވާކުރައްވާ ގޮތުގައި، ޢާއިޝަތުގެފާނުން ވިދާޅުވޫއެވެ: "ބަސް ވިދާޅުވުމުގައްޔާއި، ތެދުމަގު ކިޔައިދެއްވުމުގައްޔާއި، އަޚުލާޤުގައި، ފާޠިމަތުގެފާނަށް ވުރެ، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނާ އެއްގޮތްކަން ބޮޑު އެކަކު ވެސް ތިމަންކަމަނާ ނުދަންނަމެވެ. އެ ކަމަނާ އެ ކަލޭގެފާނުންގެ އަރިއަހަށް ވަޑައިގެންފި ނަމަ، އެ ކަލޭގެފާނުން ތެދުވެވަޑައިގެން، އެ ކަމަނާގެ އަތްޕުޅުގައި ހިއްޕަވައި، ބޮސް ދެއްވައި، އެ ކަލޭގެފާނުންގެ އަރިއަހުގައި ބައިންދަވަތެވެ. އަދި އެ ކަލޭގެފާނުން އެ ކަމަނާ އަރިއަހަށް ވަޑައިގެންފި ނަމަ، އެ ކަމަނާމެ ތެދުވެވަޑައިގެން، އެ ކަލޭގެފާނުންގެ އަތްޕުޅުގައި ހިއްޕަވައި ބޮސް ދެއްވައި، އެ ކަމަނާ އަރިއަހުގައި އެ ކަލޭގެފާނުން އިށީނދެވަޑައިގަތުމަށް އެދިވަޑައިގަންނަވަތެވެ."
މާތް ﷲ އެ ކަމަނާއަށް ރުއްސުން ލެއްވި ފާޠިމަތުގެފާނުންގެ މާތްކަމާ ބެހޭ ގޮތުން ދެއްކޭނޭ އެތައް ވާހަކަތަކެއް ވެއެވެ. ނަމަވެސް މި ޙިސާބުން މި ލިޔުން ކުރުކޮށްލާނަމެވެ. އެ މާތް ކަމަނާއަށް ރުއްސުން ލައްވައި، އެ ކަމަނާގެ ހެޔޮފުޅު މިޘާލުން އަދުގެ އަންހެން ދަރީން ނަމޫނާ ލިބިގަތުމަށް ތައުފީޤުދެއްވާށިއެވެ.