ދީން / ޚަބަރު

އިންސާނާގެ ނަފުސަކީ އަމާނާތެއް، އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ: ޚުޠުބާ

އިންސާނާގެ ނަފުސަކީ އަމާނާތެއް، އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެނެއް ނުވޭ: ޚުޠުބާ

އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ އިއްވަނީ. ފޮޓޯ:އިސްލާމިކް މިނިސްޓްރީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2026، 01:43

06 ނޮވެމްބަރު 2026، 01:43

އިންސާނާގެ ނަފުސަކީ މާތް ﷲ ޙަވާލުކުރައްވާފައިވާ މަތިވެރި އަމާނާތެއް ކަމަށާއި، ހިތް އެދޭހާ ގޮތަކަށް އެ އަމާނާތް ނަގައިލުމުގެ ޙައްޤެއް އެއްވެސް މީހަކަށް ލިބިގެން ނުވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ޞިއްޙަތަށް ފަރުވާތެރިވުން" މި މަޢުޟޫޢަށް ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ފާހަގަކުރެއްވި ގޮތުގައި، ދުޅަހެޔޮ ޞިއްޙަތަކީ މާތް ﷲ ދެއްވާފައިވާ މަތިވެރި ނިޢުމަތެކެވެ. އެގޮތުން އެއްވެސް އިޚުތިޔާރަކާ ނުލައި ހަށިގަނޑުގެ އެތައް މަސައްކަތްތަކެއް ހުއްޓުމެއް ނެތި ހިނގަމުންދާ ކަމަށާއި، އޭގެ އަގު ވަޒަންކުރެވެނީ އެއިން ކަމަކަށް ބުރޫއަރައި ނުވަތަ އުނިކަމެއް އައުމުން ކަމަށް ޚުޠުބާގައި ބަޔާންކުރެއްވިއެވެ. އަދި ޝުކުރުވެރިވުމަކީ އަބަދުވެސް މާތް ﷲ ހަނދުމަކޮށް، ކިޔަމަންތެރިކަމުގައި ދެމިތިބުން ކަމުގައި ވެސް ވިދާޅުވިއެވެ.

ނަފުސު ރައްކާތެރިކުރުމާ ގުޅޭގޮތުން ޚުޠުބާގައި ވިދާޅުވީ، ދުޅަހެޔޮކަމުގެ ނިޢުމަތް ދެއްވުމަށް ފަހު އެ ނިޢުމަތާ މެދު ރައްކާތެރިވުމުގެ ޒިންމާ މާތް ﷲ އިންސާނާއާ ޙަވާލުކުރައްވާފައިވާ ކަމަށެވެ.

"ގަސްދުގައި ހަށިގަނޑަށް ގެއްލުންދިނުމާއި، ނުރައްކާތަކަށް ނަފުސު ހުށަހެޅުމާއި، ޞިއްޙަތަށް އިހުމާލުވެ ބޭނުންވާ ޒަރޫރީ ފަރުވާ ދޫކޮށްލުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫނެވެ،" ކީރިތި ޤުރްއާނުގެ އާޔަތެއްގެ މާނަ ބަޔާންކުރައްވަމުން ޚުޠުބާގައި ވިދާޅުވިއެވެ.

މީގެ އިތުރުން، މިއަދު ލިބިފައިވާ ބާރާއި ޒުވާންކަމަކީ އަބަދު ދެމިއޮންނާނެ ކަމެއް ނޫން ކަމަށާއި، ހަށިގަނޑުގެ ބާރުދެރަވެ އެހެން މީހުންގެ އެހީއަށް ބޭނުންވާނެ ދުވަހެއް އަންނާނެކަން ހަނދާންކޮށްދެއްވިއެވެ.

ޞިއްޙަތު ރައްކާތެރިކުރުމަކީ ޒިންމާއެއް ނަމަވެސް، މުސްކުޅިވުމާއި ބަލިމަޑުކަން ހުއްޓުވުމުގެ ބާރެއް އިންސާނާއަށް ލިބިގެން ނުވާކަން ފާހަގަކުރެއްވިއެވެ. އަދި ބަލިތަކާއި ހިތާމަތައް ކުރިމަތިވާ ހިނދު މުއުމިނު އަޅާގެ ޙާލަތު އޮންނަންވީ ގޮތް ބަޔާންކުރައްވަމުން ވިދާޅުވީ، އީމާންކަމަކީ ތަދު އިޙުސާސްނުވުން ނޫން ކަމަށާއި، މުއުމިނު އަޅާގެ ޙަޤީޤީ ބާރަކީ ދަތި ޙާލަތްތަކުގައި ވެސް މާތް ﷲ އާ އޮންނަ ގުޅުން ނުކެނޑި ދެމިއޮތުން ކަމަށެވެ.

ޚުޠުބާގައި އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ހަމައެކަނި ބޭނުމަކީ ބަލިތަކުން ދުރުވެހުރުމެއް ނޫނެވެ. އެއީ މާތް ﷲ އަށް ކުއްތަންވުމަށާއި ހެޔޮ ޢަމަލުކުރުމަށް ދެއްވާފައިވާ ފުރުޞަތެކެވެ. އެގޮތުން ނަމާދުގައި ކޮޅަށް ހުރުމާއި، މިސްކިތަށް ހިނގާފައި ދިޔުމާއި، މައިންބަފައިންނަށް އޯގާތެރިވުމާއި، ބަލިމީހުންނަށް ޒިޔާރަތްކުރުމާއި، ޙަލާލު ރިޒުޤު ހޯދުމަކީ މާދަމާ ގެއްލިގެން ހިނގައިދާނެ އަގުހުރި ފުރުޞަތުތަކެއް ކަމަށް ވިދާޅުވިއެވެ.

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ގިނަ ބަޔަކު ޣާފިލުވެފައިވާ ދެ ނިޢުމަތަކީ ޞިއްޙަތާއި ހުސްވަގުތުކަން ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ. އަދި މިއަދު ފުރިހަމަ ޞިއްޙަތެއްގައި ހުރެ، ހެޔޮ ޢަމަލުކުރުމަށް ލިބިފައިވާ ކުޑަ ވަގުތުކޮޅުގެ ބޭނުން ނުހިފައި ދޫކޮށްލުމަކީ އަތުގައިވާ މުހިންމު ރައުސްމާލެއް ގެއްލުވައިލުން ފަދަ ކަމެއް ކަމަށާއި، މާދަމާ މާތް ﷲ ގެ ޙަޟްރަތުގައި އެ ކަންކަމާ މެދު ސުވާލުވެވޭނެކަން ދަނެ، އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަޞޭޙަތްތެރިވެވަޑައިގެންފައެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450