ޚަބަރު
ކުރިއަށްއޮތް 5 ދުވަހު ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ: މެޓް
މާލެއަށް ވާރޭވެހެނީ. ފޮޓޯ: ސަން
ކުރިއަށްއޮތް ފަސް ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ. އެ އިދާރާއިން ވިދާޅުވި ގޮތުގައި މޫސުން ގޯސްވާނީ މާދަމާއިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އަދި ބައެއް ސަރަޙައްދުތަކަށް ވިއްސާރަ ވިލާގަނޑުގެ އަސަރު ކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވި ނަމަވެސް އާންމުކޮށް ވައި ގަދަވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. އެގޮތުން އާންމު ވައި ހުންނާނީ ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވަނީ ލަފާކޮށްފައެވެ.
ވައިގެ މިސްރާބަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން، އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ވައިޖެހޭނެ ކަމަށް ލަފާކުރެވެއެވެ. ރާޅުގެ އުސްމިން 2 ފޫޓާއި 4 ފޫޓާ ދެމެދުގައި ހުންނައިރު، ކަނޑުތައް އާންމު ގޮތެއްގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ބެލެވުނު ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ހާދިސާތައް ދާދިފަހުން ވެސް ވަނީ ހިނގާފައެވެ. އެހެންކަމުން ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތުތައް މެޓް އޮފީހުން މެދުނުކެނޑި ހިއްސާކުރަމުން ގެންދާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.