ޚަބަރު
ރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި
ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ: ޕޮލިސް
ދިވެހިރާއްޖޭގެ ރިސޯޓެއްގައި އެއްޖިންސުން ކައިވެނިކޮށްދޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ އެއީ ގާނޫނީ ގޮތުން ހުއްދަ ނޫން އަމަލަކަށް ވާތީ، އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށެވެ.
ދިވެހިރާއްޖޭގެ ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށްވާއިރު، އެފަދަ އަމަލުތަކަކީ ދީނީ އަދި ޝަރުއީ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަންކަން ކަމަށް ފުލުހުން ފާހަގަކުރެއެވެ. އަދި އެއީ ރާއްޖޭގެ ގާނޫނުތަކާއި އާންމު އިޖުތިމާއީ އަދި އަޚުލާގީ މިންގަނޑުތަކާ ވެސް ޚިލާފު އަމަލުތަކެއް ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.
އެހެންކަމުން އެއްވެސް ފަރާތަކުން އެފަދަ އަމަލުތައް ނުހިންގުމަށާއި، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގެ އިތުރުން އެހެނިހެން ވަޒީފާތަކުގައި އުޅޭ ބިދޭސީ މުވައްޒަފުން ވެސް މިފަދަ ކަންކަން ހިންގިޔަ ނުދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ފުލުހުން އިތުރަށް ހަނދާންކޮށްދީފައިވަނީ، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފަށް މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.