ކުޅިވަރު

އެމްބައްޕޭ އެނބުރި އައިސް އަލޮންސޯއަށް އޮތް ޕްރެޝަރު ކުޑަކޮށްދީފި

އެމްބައްޕޭ އެނބުރި އައިސް އަލޮންސޯއަށް އޮތް ޕްރެޝަރު ކުޑަކޮށްދީފި

އަލާވޭސް ކޮޅަށް ޖެހި ގޯލަށްފަހު ވިނީސިއަސް އާއި އެމްބައްޕޭ އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

15 ޑިސެމްބަރު 2025، 07:27

15 ޑިސެމްބަރު 2025، 07:27

ސްޕެނިޝް ލަ ލީގާގައި ޑިޕޯޓިވޯ އަލާވޭސްއާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗަށް އަނިޔާއިން ފަސޭހަވި ކީލިއަން އެމްބައްޕޭ އެނބުރި އައިސް، ކޯޗު ޒަބީ އަލޮންސޯއަށް އޮތް ޕްރެޝަރު ކުޑަކޮށްދީފިއެވެ.

އެމްބައްޕޭ އާއި ރޮޑްރީގޯގެ ގޯލުތަކުން، މި މެޗު ރެއާލް ކާމިޔާބުކޮށްފައި ވަނީ 2-1އިންނެވެ. މި ނަތީޖާއާއެކު ދެވަނައިގައި އޮތް ރެއާލް މިވަނީ، އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަކޮށްފައެވެ.

އަދި މިއީ ރެއާލް އެންމެ ފަހުން ކުޅުނު 9 މެޗުގެ ތެރެއިން އެ ޓީމަށް ކާމިޔާބު ކުރެވުނު 3ވަނަ މެޗު ވެސް މެއެވެ.

މިދިޔަ ހަފްތާ ނިމެނިކޮށް އަމިއްލަ ދަނޑުގައި ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައި މެންޗެސްޓަރ ސިޓީ އަތުން 2-1އިން ބަލިވެފައިވާއިރު، އަލާވޭސް މެޗަކީ އަލޮންސޯގެ ވަޒީފާ ސަލާމަތް ކުރުމަށް މުހިންމު މެޗެއްކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. 

އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅު އެމްބައްޕޭ ވަނީ ރެއާލްއަށް ލީޑު ނަގައިދީފައެވެ. އަދި ދެވަނަ ހާފުގައި އަލާވޭސްގެ ފޯވާޑް، ކާލޯސް ވިސެންޓޭ ކާމިޔާބުކުރި ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަވެފައި ވަނިކޮށް، ރެއާލްގެ ލީޑު އަނބުރާ ހޯދައިދިނީ، ވިނީސިއަސް ޖޫނިއަރގެ އެހީތެރިކަމާއެކު ރޮޑްރީގޯއެވެ. 

ރެއާލް އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، އެމްބައްޕޭ ބޭނުންކޮށްފައި ނުވަނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، އަނިޔާއިން އަވަހަށް ރަނގަޅު ކުރުމަށް ބޭނުންވެގެންނެވެ. ނަމަވެސް އަލާވޭސްއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރީކޮޅުގައި ވެސް، ކަކުލަށް ތަދުވާތީ އުޅޭފަދަ ގޮތަކަށް އެމްބައްޕޭގެ ޢަމަލުތައް ފެނުނެވެ. އެހެންވިޔަސް، އޭނާ ފެނުނީ މެޗުގައި އެންމެ ނުފޫޒުގަދަ ކުޅުންތެރިޔާގެ ގޮތުގައެވެ. 

ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހު ބާސެލޯނާއިން އޮސާސޫނާގެ މައްޗަށް ހޯދި 2-0ގެ ކާމިޔާބަކީ، ލީގުގައި އެ ޓީމުން ޖެހިޖެހިގެން ހޯދި 7ވަނަ މޮޅެވެ. އަދި އެ ނަތީޖާއާއެކު އެ ޓީމު 2026ވަނަ އަހަރާ ކުރިމަތި ލާނީ އެއްވަނައިގައި އޮވެގެންކަން މިވަނީ ޔަޤީންވެފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން