Ads by Stelco

ޚަބަރު

ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް ޑިޒައިންކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށްފި

ދަރަވަންދޫ އެއަރޕޯޓުގެ ޓާމިނަލް ޑިޒައިންކުރުމުގެ މަސައްކަތް އަމިއްލަ ކުންފުންޏަކަށް ހަވާލުކޮށްފި

ބ.ދަރަވަންދޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 ޑިސެމްބަރު 2025، 12:42

15 ޑިސެމްބަރު 2025، 12:42

ބ. ދަރަވަންދޫ އެއާޕޯޓުގެ ޓާމިނަލް އިތުރަށް ތަރައްޤީކުރުމުގެ ޑިޒައިން އަދި ކޮންސަލްޓެންސީގެ މަސައްކަތްތައް ކުރުމަށް އަމިއްލަ ކުންފުންޏެއް ކަމަށްވާ އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ.

މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް އިޔާސްއެވެ. އަދި އީޕޯޗް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޢާވިޔަތް އަބްދުއްސައްތާރުއެވެ. އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ޑިޒައިންގެ މަސައްކަތް އީޕޯޗްއާ ހަވާލުކޮށްފައިވަނީ 45 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި، ޑިޒައިން އެންޑް ކޮންސެޕްޓްގެ މަސައްކަތް ނިމުމާއެކު އެއާޕޯޓު ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

އިޔާސް ފާހަގަކުރެއްވި ގޮތުގައި، އެއާޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، އެރައިވަލް ހޯލް މިހާރަށްވުރެ ބޮޑު ކުރުމާއި، ޗެކިން އަދި އެރައިވަލް ބެލްޓް އިތުރުކުރެވޭނެއެވެ. އަދި ޑިޕާޗަރ ހޯލުގައި ކެފޭ ޖާގައެއް އިތުރު ކުރުމާއި ޑިޕާޗަރ ގޭޓް އިތުރު ކުރުމަށްވެސް މަޝްރޫޢުގައި ހިމަނާފައިވެއެވެ. މި މަޝްރޫޢުގެ ދަށުން މިހާރު ހުރި ޓަރމިނަލަށް ބޮޑު ބަދަލެއް ގެނެސް، ޖުމްލަ 814 އަކަމީޓަރުގެ ޖާގައިގައި އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އަލީ ސަލީމް ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓު ތަރައްޤީވެގެންދިއުމާއެކު ބ. އަތޮޅުގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ، "ބ. އަތޮޅުގެ އިޤްތިޞާދަށް ވަރަށް ބޮޑު ފައިދާތަަކެއް ކުރާނެ. އެއީ ބައިނަލްއަޤުވާމީ އެއަރޕޮޓެއްގައި ދެވޭ ފެންވަރުގެ ޚިދުމަތް މި އެއަރޕޯޓު ތަރައްޤީވެގެންދާއިރު ޚިދުމަތް ދެވިގެންދާނީ. ވުމާއެކު، މި އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަތީ ފެންވަރުގެ ޚިދުމަތެއް ދެވެންފެށުމާއެކު އަސލު ގިނަ ގެސްޓުން އެ ސަރަހައްދަށް ދާން ބޭނުންވާނެ. މިއާއެކު އެ ސަރަހައްދުގެ ފަތުރުވެރިކަންވެސް ވަރަށް ބޮޑަށް ފަހި އަސަރުތަކެއް ކުރާނެ."

ބ. ދަރަވަންދޫ އެއާޕޯޓު ތަރައްޤީ ކުރުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ އިންތިޚާބުގެ ތެރޭގައި ވެވަޑައިގެންފައިވާ ވަޢުދެކެވެ. މި މަސައްކަތް އައިލޭންޑް އެވިއޭޝަނާއި ހަވާލުކުރަން ނިންމާފައިވާކަން އެމަނިކުފާނު ހާމަކުރެއްވީ މިދިޔަ އޮގަސްޓް މަހު ދަރަވަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ދަރަވަންދޫގައި އެއާޕޯޓެއް ތަރައްޤީކޮށް، ޚިދުމަތް ދޭންފެށިތާ މިހާރު 14 އަހަރުވެފައިވާއިރު، ބ. އަތޮޅަކީ ރިސޯޓުތައް ގިނަ އަދި ލޯކަލް ޓޫރިޒަމްވެސް ފުޅާވަމުންދާ ސަރަހައްދަކަށް ވުމާއެކު، މި އެއާޕޯޓުގެ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން