ޚަބަރު
ސްޓެލްކޯ މަސައްކަތު މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގޮވާލައިފި
ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ވާހަކަފުޅު ދައްކަވަނީ.
ފަރުދުން
17 ޑިސެމްބަރު 2025، 03:23
17 ޑިސެމްބަރު 2025، 03:23
ސްޓެލްކޯގެ މަސައްކަތު މާޙައުލަކީ މުވައްޒަފުންނަށް ސަލާމަތްތެރި ރައްކާތެރި މާޙައުލެއްތޯ، ރައްޔިތުންގެ މަޖިލިހުގެ އެސް.އޯ.އީ. ކޮމެޓީ މެދުވެރިކޮށް ކަށަވަރުކޮށްދިނުމަށް، މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގައި މިދިޔަ މަހުގެ 26ވަނަ ދުވަހު ހިނގި ޙާދިސާއެއްގައި ކަރަންޓުގައި ޖެހުނު މުވައްޒަފަކު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ، ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އެ ކުންފުނީގެ ޚަރަދުގައި ތައިލެންޑަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށެވެ.
އެ ޙާދިސާ އާ ގުޅިގެން، ކުންފުނީގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ރައްކާތެރިކަން ކަށަވަރުވެފައި ހުރިތޯ ބަލައިދިނުމަށް އެދި މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲއަށް މެންބަރު މުޙައްމަދު އިބްރާހީމް ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
އެ ސިޓީގައި މެންބަރު ވަނީ، ސްޓެލްކޯ މުވައްޒަފުން މަސައްކަތްކުރާ މާޙައުލަކީ ސަލާމަތީ ކަންތައްތައް ފުރިހަމަވެފައި ހުންނަ ތަނެއްތޯ އެ ކުންފުނީން ބަލާތޯ އައްސަވާފައެވެ. އަދި އެ ކަމަށް އުޞޫލުތަކެއް ހެދިފައި ހުރިތޯ އާއި، ހުރި ނަމަ އެ އުޞޫލުތައް މަޖިލިހާ ޙިއްޞާކޮށްދިނުމަށް ވެސް މެންބަރު މުޙައްމަދު އިބްރާހީމް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ޙާދިސާގެ ތަޙުޤީޤެއް ހިންގާފައިވޭތޯ އާއި، ވާނަމަ އޭގެ ތަފްޞީލު މަޖިލިހާ ޙިއްޞާކޮށްދިނުމަށާއި، ޙާދިސާ ހިނގަން މެދުވެރިވި ސަބަބު އޮޅުން ފިލާފައިވާ ނަމަ އެ ސަބަބު ކިޔައިދިނުމަށާއި، އެއްވެސް ފަރާތެއްގެ އިހުމާލެއް ވާ ނަމަ ކުންފުނީން ކަންކުރާނީ ކިހިނަކުން ކަން ކިޔައިދިނުމަށް ވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމްގެ ސިޓީގައި އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ސްޓެލްކޯއިން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއި، އަދި ނިޔާވި މީހާއަށް ބަދަލު ހަމަޖައްސައިދިނުމާއި، ޢާއިލާއަށް އެހީތެރިވެދިން ގޮތްތައް ވެސް މަޖިލިހަށް އޮޅުން ފިލުވައިދޭން ވާނެއެވެ.
ސްޓެލްކޯ ހުޅުމާލެ ބާ އިންޖީނުގޭގެ މީޑިއަމް ވޯލްޓޭޖް ޕެނަލަކަށް ދިމާވި މައްސަލައަކާ ގުޅިގެން ހިނގި ޙާދިސާގައި ނިޔާވީ، ސުޕަވައިޒަރެއްގެ މަޤާމުގައި ހުރި އަޙުމަދު އަޒްމީލް (43އ) އެވެ. ތައިލެންޑުގައި ނިޔާވި އަޒްމީލުގެ ހަށިގަނޑު މާލެ ގެނެސް، ރޭ ވަނީ ކަށުކަމާކެމީގެ ކަންކަން ނިންމައި، ޖަނާޒާއަށް ފަހުގައި ވަޅުލައިފައެވެ.