ޚަބަރު
އުކުޅަހުން ރަޝިޔާ ފަތުރުވެރިއަކު ގެއްލިގެން ހޯދަނީ
އުކުޅަހުން ގެއްލިގެން ހޯދާ ރަޝިޔާ ފަތުރުވެރިޔާ.
ފަރުދުން
17 ޑިސެމްބަރު 2025، 03:36
17 ޑިސެމްބަރު 2025، 03:36
އއ. އުކުޅަހުން ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. އެ ރަށުން ގެއްލިގެން ހޯދަމުން ދަނީ ރަޝިޔާއަށް ނިސްބަތްވާ ފިރިހެން މީހެކެވެ.
އެ ރަށުގެ ގެސްޓްހައުސް "ލަ ޕަލްމާ ސޫޓްސް"ގައި ހުރި އެ މީހާ، ރަށުން ފުރަން އޮތީ މިއަދު ހެނދުނެވެ. ނަމަވެސް އޭނާ ފުރަން ބަނދަރަށް އަތުވެފައެއް ނުވެއެވެ. އަދި އޭނާގެ މޯބައިލްފޯނާއި، އެހެނިހެން ސާމާނުތައް އޭނާ އުޅުނު ކޮޓަރި ތެރޭގައި ހުއްޓެވެ.
ހެނދުނު ލޯންޗަކުން އޭނާ ނުފުރާ. ދެން މިއަދު ހެނދުނު 11 ޖަހާއިރު އޭނާ ޗެކްއައުޓްވާން ޖެހޭތީ ކޮޓަރިއަށް ދިޔުމުން އެނގުނީ އެތަނުގައި ވެސް އޭނާ ނެތްކަން. އެކަމަކު ހުރިހާ ސާމާނު ހުރި. އޭނާ އެންމެ ފަހުން ފެނުނީ އިއްޔެ ހަވީރުގެ ވަޤުތެއްގައި.
ލަ ޕަލްމާ ސޫޓްސްގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިއެވެ.
ގެސްޓްހައުސްގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، 48 އަހަރުގެ އެ ފިރިހެން މީހާ އުކުޅަހަށް ދިޔައީ، މީގެ ތިން ދުވަސް ކުރީން އެ އަތޮޅު ރަސްދުއިންނެވެ. ރަސްދޫގައި އޭނާ ހުރީ ކިހައި ދުވަހަކު ކަމެއް ނޭނގެއެވެ. އޭނާ އުކުޅަހަށް ދިޔައީ އެކަނި ކަމަށް މަޢުލޫމާތު ލިބެއެވެ.
ގެއްލުނު ފަތުރުވެރި ފިރިހެން މީހާ ހޯދުމުގެ މަސައްކަތް، ގެސްޓްހައުސް އާއި އެ ރަށު ކައުންސިލާއި ފުލުހުން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ.