Ads by Stelco

ޚަބަރު

ރައްޔިތުންގެ މަޖިލިހުގެ ޢިމާރާތަކީ ރާއްޖެއާއި ޕާކިސްތާނުގެ ވަރުގަދަ ގުޅުމުގެ ނިޝާނެއް: މަޖިލިސް ރައީސް

ރައްޔިތުންގެ މަޖިލިހުގެ ޢިމާރާތަކީ ރާއްޖެއާއި ޕާކިސްތާނުގެ ވަރުގަދަ ގުޅުމުގެ ނިޝާނެއް: މަޖިލިސް ރައީސް

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވުން.

farudhun logo

ފަރުދުން

17 ޑިސެމްބަރު 2025، 05:13

17 ޑިސެމްބަރު 2025، 05:13

ރައްޔިތުންގެ މަޖިލިހުގެ ޢިމާރާތަކީ ޕާކިސްތާނާއި ރާއްޖޭގެ ވަރުގަދަ ގުޅުން ރަމްޒުކޮށްދޭ ނިޝާނެއް ކަމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިހުގެ ރައީސް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ޢަބްދުއްރަޙީމްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައެވެ.

ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހުގެ ރައީސް ސަރްދާރް އަޔާޒް ޞާދިޤް، ރާއްޖެ ވަޑައިގަތީ، ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމްގެ ދައުވަތަކަށެވެ. މި ދަޢުވަތުގައި އެ މަނިކުފާނު ވަޑައިގަތީ 3 ދުވަހުގެ ދަތުރުފުޅެއްގައެވެ.

ޕާކިސްތާނުގެ ޤާނޫނުހަދާ މަޖިލިހުގެ ރައިީސް، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ކުރެއްވި އިޙުތިރާމުގެ ޒިޔާރަތުގައި، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދުގައިވާ ޒަމާންވީ އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގެ ތަޢުލީމާއި ޞިއްޙީ ދާއިރާއަށް ޕާކިސްތާނުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި، ޢަބްދުއްރަޙީމް ވަނީ އެ ކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިހަށް ޕާކިސްތާނުން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ވެސް މަޖިލިހުގެ ރައީސް ފާހަގަކުރެއްވިއެވެ. އެ ގޮތުން، މަޖިލިހުގެ ޢިމާރާތަކީ ދެ ޤައުމުގެ ވަރުގަދަ ގުޅުމުގެ ރަމްޒެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމަށް ފަހުގައި، ރައްޔިތުންގެ މަޖިލިހާއި ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލިހާ ދެމެދު އެއްބާރުލުން ދިނުމާ ބެހޭ ފަހުމުނާމާއެއްގައި ވަނީ  ސޮއިކުރެވިފައެވެ. އެ އެއްބަސްވުމުގެ ދަށުން، ރައްޔިތުންގެ މަޖިލިހުގެ މެންބަރުންނާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ މުވައްޒަފުންގެ ޤާބިލިއްޔަތު އިތުރުކުރުމުގެ ޕްރޮގްރާމްތައް ފެށުމާ އެކު، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަން މަޖިލިހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން