ދުނިޔެ

ފަލަސްޠީނާއި ސޫރިޔާ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި

ފަލަސްޠީނާއި ސޫރިޔާ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

farudhun logo

ފަރުދުން

17 ޑިސެމްބަރު 2025، 05:36

17 ޑިސެމްބަރު 2025، 05:36

ފަލަސްޠީނާއި ސޫރިޔާގެ ރައްޔިތުން އެމެރިކާއަށް އެތެރެވުން މަނާވާ ގޮތަށް ހެއްދެވުމަށް، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފިއެވެ. އެމެރިކާއަށް ވަނުން މަނާ ޖިންސިއްޔަތުތަކުގެ ލިސްޓަށް ގެނެވުނު މި "އިޞްލާޙު"ގައި ފަލަސްޠީނާއި ސޫރިޔާ ހިމެނިފައިވާއިރު، މި ބަދަލު ގެންނެވުމަށްޓަކައި ޓްރަމްޕް ސޮއިކުރައްވާފައިވާ ރިއާސީ ޤަރާރު، އިއްޔެ ވައިޓް ހައުސްއިން ވަނީ ޝާއިޢުކޮށްފައެވެ. އެމެރިކާގެ ހިޖުރަކުރުމާއި ޤައުމިއްޔަތާ ބެހޭ ޤާނޫނުގެ 212ވަނަ މާއްދާގެ (ބ)އާ އެއްގޮތްވާ ގޮތުގެ މަތީން، މި ފަދަ ނިންމުންތައް މިނިވަންކަމާއެކު ފައިޞަލާކުރުމުގެ ބާރު އެ ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ.

ޓްރަމްޕްގެ ޤަރާރުގައި ބަޔާންވެގެންވާ ގޮތުގައި، މި ނިންމުމަށް ޢަމަލުކުރަން ފަށާނީ 2026ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުގައެވެ. ޓްރަމްޕްގެ ނިންމެވުމާ ގުޅޭ ގޮތުން ވައިޓް ހައުސްއިން ބުނީ، ޓްރަމްޕްގެ ނިންމެވުމުގައި އެމެރިކާއަށް ވަނުން މަނާކޮށްފައިވަނީ، ޕާސްޕޯޓު ދޫކުރުމުގައި އެމެރިކާއިން ޤަބޫލުކުރާ ފެންވަރަށް ނުފެތޭ ޤައުމުތަކުގެ ރައްޔިތުން ކަމަށެވެ. މިއީ އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރަމްޕް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް ވެސް ވައިޓް ހައުސްއިން ދަޢުވާކުރެއެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި، ފަލަސްޠީނު ރައްޔިތުން އެމެރިކާއަށް ވަނުން މަނާކުރުމަށް ނިންމި ޤަރާރުގައި، "ފަލަސްޠީނު މީހުން"ގެ ނަން ބޭނުންކޮށްފައެއް ނުވެއެވެ. އެހެނީ، ފަލަސްޠީނަކީ ދައުލަތެއްގެ ގޮތުގައި އެމެރިކާއިން ބަލައެއްނުގަނެއެވެ. ވީމާ، ފަލަސްޠީނު ރައްޔިތުންނަށް ނިސްބަތްކޮށް ޓްރަމްޕްގެ ޤަރާރުގައި ބޭނުންކޮށްފައިވާ ޢިބާރާތަކީ "ޕަލަސްޓިނިއަން އޮތޯރިޓީގެ ލިޔެކިޔުންތައް ބޭނުންކުރާ މީހުން" އެވެ. ޕަލެސްޓިނިއަން އޮތޯރިޓީއަކީ ފަލަސްޠީނުގެ މީހުންނަށް ދަތުރުފަތުރާއި އެހެނިހެން ކަންކަމުގައި ރަސްމީ ލިޔެކިޔުންތައް ފޯރުކޮށްދޭ އިދާރާއެވެ. ނަމަވެސް ފަލަސްޠީނަކީ މުޢުތަބަރު ދައުލަތެއް ކަމުގައި ޓްރަމްޕް ޤަބޫލުފުޅު ނުކުރައްވާތީ، އެ އިދާރާއިން ދޭ ޕާސްޕޯޓަކީ ފަލަސްޠީނުގެ "ޤައުމީ" ޕާސްޕޯޓެއް ކަމަށް ޓްރަމްޕް ނުހިއްތަވައެވެ.

އެމެރިކާގައި އުޅޭ ފަލަސްޠީނު އަދި ސޫރިޔާ މީހުންގެ ޢަދަދަކީ ނިސްބަތުން ވަރަށް ވެސް މަދު ޢަދަދެކެވެ. އަދި އެ ފަދަ މީހުންގެ ފަރާތުން އެ ޤައުމުގައި އުނދަގޫތައް ކުރިމަތިވެފައެއް ވެސް ނުވެއެވެ. އެއާ ދިމާ އިދިކޮޅަށް، އެ ދެ ޤައުމަށް ނިސްބަތްވާ މީހުންނަށް އެމެރިކާ ރައްޔިތުންގެ ފަރާތުން ޢުންޞުރިއްޔަތުގެ ޢަމަލުތައް ކުރިމަތިވަމުން ދެއެވެ. އެމެރިކާގެ ފަހުގެ ތަފާސްޙިސާބުތަކުން ދައްކާ ގޮތުގައި، އެމެރިކާގައި ދިރިއުޅެނީ ފަލަސްޠީނަށް ނިސްބަތްވާ ގާންގަނޑަކަށް 16،000 މީހުންނެވެ. އެއީ އެމެރިކާގެ އާބާދީގެ ނިސްބަތުން އެންމެ 0.05 އިންސައްތައެވެ. އަދި އެ ޤައުމުގައި އުޅޭ ސޫރިޔާއަށް ނިސްބަތްވާ މީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 20،000އެވެ. އެއީ އެމެރިކާގެ އާބާދީގެ ނިސްބަތުން އެންމެ 0.06 އެވެ. 

ފަލަސްޠީނާއި ސޫރިޔާގެ އިތުރުން، އެމެރިކާއަށް އެތެރެވުން މަނާކޮށްފައިވާ ޤައުމުތަކުގެ ލިސްޓުގައި ޓްރަމްޕް ހިމެނުއްވި އެހެނިހެން ޤައުމުތަކަކީ: ބުރްކިނާ ފާސޯ، މާލީ، ނައިޖަރ، ދެކުނު ސޫދާން، އަދި ލާއޯސްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން