ޚަބަރު
އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ ގެއްލުނީ މޫދަށް ކަމަށް ބެލެވޭ: ކައުންސިލް
އުކުޅަހުން ގެއްލިގެން ހޯދާ ރަޝިޔާ ފަތުރުވެރިޔާ.
ފަރުދުން
18 ޑިސެމްބަރު 2025، 02:19
18 ޑިސެމްބަރު 2025، 02:19
އއ. އުކުޅަހުން ގެއްލިގެން ހޯދަމުން އަންނަ ރަޝިޔާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ މޫދަށް ގެއްލުނީ ކަމަށް ބެލެވޭ ކަމަށް، އެ ރަށު ކައުންސިލުން އަދު ބުނެފިއެވެ.
އުކުޅަހުން ގެއްލިގެން ހޯދަން އެ ރަށު ކައުންސިލުން އިއްޔެ އިޢުލާންކުރީ، އެ ރަށުގެ ގެސްޓްހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސްޓޫސް"ގައި ހުރި 48 އަހަރުގެ ފިރިހެން މީހެކެވެ.
އިއްޔެ ހެނދުނު އެ ރަށުން ފުރުމަށް ހަމަޖެހިފައިވީ އެ ފަތުރުވެރިޔާ އެންމެ ފަހުން ފެނުނީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރުގެ ވަޤުތެއްގައެވެ. އޭނާގެ މޯބައިލް ފޯނާއި އެހެން ހުރިހާ ސާމާނެއް ގެސްޓްހައުސްގައި އޭނާ ހުރި ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ހާމަކުރިއެވެ.
އުކުޅަހު ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވި ގޮތުގައި، އެކަނި އުކުޅަހަށް ގޮސްގެން އުޅޭ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އަދިވެސް އަންނަނީ ކުރަމުންނެވެ. ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް ކަމަށާއި، ނަމަވެސް އެ ކަން އަދި ޔަޤީން ނުވާ ކަމަށް ކައުންސިލު ރައީސް ޝައުކަތު ވިދާޅުވިއެވެ. ނަމަވެސް، އެއްވެސް އުޅަނދެއްގައި އެ މީހާ އުކުޅަހުން ފުރައިގެން ނުދާ ކަން ކަށަވަރުވެފައިވާ ކަމަށް ޝައުކަތު ވިދާޅުވިއެވެ.
ހެކިތައް ބޮޑަށް ލިބިފައި ހުރީ އެ ގޮތަށް. އޭނާ ގެންގުޅުނު ކަމަށް ބެލެވޭ މޫދަށް އެރޭ ތުވާއްޔާއި އެހެން ބައެއް އެއްޗެހި ފެނިފައި ހުރީ މޫދު ކައިރި، ބީޗުން.
އއ. އުކުޅަހު ކައުންސިލު ރައީސް، ޝައުތަކު އިބްރާހީމް
ކައުންސިލު ރައީސް ޝައުކަތު ލަފާކުރައްވާ ގޮތުގައި، އެ ފަތުރުވެރިޔާ ގެއްލުނީ އަންގާރަ ނުވަތަ ބުދަ ދުވަހުގައެވެ. އެ ދެ ދުވަހަކީ ވެސް އެ ރަށް ހިމެނޭ ސަރަޙައްދަށް މޫސުން ރަނގަޅު ދެ ދުވަސް ކަމަށް ޝައުކަތު ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވެސް އަންނަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އޭނާއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެ ނަމަ، ލަ ޕާމަ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކުގެ ނަންބަރު 9553510އަށް ގުޅުމަށް ކައުންސިލުން ވަނީ އެދިފައެވެ.