ޚަބަރު
109 އަހަރަށް ޖަލަށް: ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޙުކުމް ޝިފާއުއަށް
ޝިފާއު، މިއަދުގެ އަޑުއެހުމުގައި.
ފަރުދުން
18 ޑިސެމްބަރު 2025، 04:09
18 ޑިސެމްބަރު 2025، 04:09
ޞައްޙަ ނޫން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ.)ތަކެއް ފޮނުވައިގެން ބޭރު ކުންފުނިތަކަކަށް އޮޅުވައިލައިގެން ގިނަ ޢަދަދެއްގެ މުދާ ހޯދި ޙުސައިން ޝިފާއު 109 އަހަރަށް ޖަލަށްލައި، 7 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އަދު ޙުކުމްކޮށްފިއެވެ.
ނުޞައްޙަ ޓީ.ޓީ.ތަކެއް އެކި ފަރާތްތަކަށް ފޮނުވައިގެން، 1.9 މިލިއަން ރުފިޔާގެ މުދާ ހޯދި މައްސަލައިގައި ޝިފާއު 2023ވަނަ އަހަރު ހައްޔަރުކޮށް، އޭނާގެ މައްޗަށް 23 ދަޢުވާއެއް ދައުލަތުން ވަނީ އުފުލައިފައެވެ. އެއީ: ޞައްޙަ ނޫން ލިޔުމެއް ދިނުމުގެ 9 ދަޢުވާއަކާއި، މަކަރާއި ޙީލަތް ބޭނުންކުރުމުގެ 7 ދަޢުވާއަކާއި، މަނީ ލޯންޑްރިންގެ 7 ދަޢުވާއެކެވެ. އެ ހުރިހައި ދަޢުވާތަކެއް އޭނާގެ މައްޗަށް ސާބިތުވާ ކަމަށް މީގެ ކުރީން އޮތީ ކަނޑައަޅައިފައެވެ.
އެ ދަޢުވާތަކަށް އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި މަޖިލިހުގައި، މައްސަލަ ބެއްލެވި ޤާޟީ ޢަލީ ނަދީމް ވަކިވަކީން އިއްވެވި ޖަލު ޙުކުމްތަކުގެ ޖުމްލަ މުއްދަތަކީ 109 އަހަރެވެ. މީގެ އިތުރުން، 7 މިލިޔަން ރުފިޔާގެ ޖޫރިމަނާއެއް ދެއްކުމަށް ވެސް އޭނާއަށް ވަނީ އަމުރުކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރާއްޖޭގައި އެކަކުގެ މައްޗަށް މިހައިތަނަށް އިއްވި އެންމެ ދިގު ޖަލު ޙުކުމެވެ. އެއީ މަނީ ލޯންޑްރިންގެ ދަޢުވާތަކުގައި 70 އަހަރުގެ ޖަލު ޙުކުމަކާއި، މަކަރާއި ޙީލަތް ބޭނުންކޮށްގެން އޮޅުވައިލުމުގެ ދަޢުވާތަކުގައި 30 އަހަރުގެ ޖަލު ޙުކުމަކާއި، ޞައްޙަ ނޫން ލިޔުންތައް ބޭނުންކުރުމުގެ ދަޢުވާތަކުގައި 9 އަހަރުގެ ޖަލު ޙުކުމެކެވެ.
ޝިފާއު ޖަލަށްލުމަށް ނިޔާކުރެއްވުމުގެ އިތުރުން، އޭނާ އޮޅުވާލައިގެން ހޯދި މުދާތަކުގެ ބަދަލު ފައިސާ 6 މަސް ދުވަސް ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ޤާޟީ ނަދީމް އެންގެވިއެވެ. އަދި 7 މިލިއަން ރުފިޔާގެ ޖޫރިމަނާ އެއް އަހަރު ތެރޭގައި ދައުލަތަށް ދައްކަން ޖެހޭ ކަމަށް ވެސް ޤާޟީގެ ޙުކުމްގައި ވެއެވެ.
އަދަބު ކަނޑައެޅުމުގެ ކުރީން އަދަބާ ބެހޭ ގޮތުން ވާހަކަދެއްކުމަށް މިއަދު ބޭއްވި މަޖިލިހުގައި ޝިފާއުގެ އެދުމަކަށް ވީ، ޖަލު ޙުކުމުގެ ކޮންމެވެސް މުއްދަތެއް ގޭ ބަންދަށް ބަދަލުކޮށްދިނުމެވެ.
އޭނާގެ ޤާނޫނީ ވަކީލް ވިދާޅުވީ، ޝިފާއުއަކީ "ޒިންމާދާރު" މީހެއް ކަމަށާއި، އަދި އެ މައްސަލައިގެ ފަހުން އޭނާގެ އިތުރު ރެކޯޑެއް ނެތް ކަމަށެވެ. އަދި ޝިފާއުއަކީ ޢާއިލާއެއް ބަލަމުންދާ މީހަކަށް ވާތީ، އެ ކަންކަމަށް ރިޢާޔަތްކުރުމަށް ވަކީލް އެދިވަޑައިގެންފައިވެއެވެ.
ޝިފާއު ބުނީ، އޭނާ ގެއްލުން ދިން ފަރާތްތަކަށް ފައިސާ އަނބުރާ ދެވޭނީ، ބަންދުން މިނިވަންވެ ހުރެގެން ކަމަށެވެ. ވީމާ، ދެވެން އޮތް އެންމެ ލުއި އަދަބެއް ދިނުމަށް އޭނާ ވަނީ އެދިފައެވެ.
ފާހަގަކޮށްލަން ޖެހޭ ގޮތުގައި، ޝިފާއުއަށް ލުއި އަދަބެއް ދޭން ދައުލަތުން އޭނާއާ އެކު އިޢުތިރާފުގެ އެއްބަސްވުމެއް ކުރީން ވަނީ ހަދައިފައެވެ. ނަމަވެސް، އެ އެއްބަސްވުމަކީ އެ މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްނުކޮށް ހަދައިފައިވާ އެއްބަސްވުމަކަށް ވާތީ، އެ އެއްބަސްވުން ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމައިފައެވެ.