Ads by Stelco

ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރާއެކު ރަސްމާލެ މަޝްރޫޢު ހަލުވިކޮށް ދުވާލަކު ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ

ދުނިޔޭގެ އެންމެ ބޮޑު ޑްރެޖަރާއެކު ރަސްމާލެ މަޝްރޫޢު ހަލުވިކޮށް ދުވާލަކު ހެކްޓަރަކަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ

ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޑިސެމްބަރު 2025، 04:18

19 ޑިސެމްބަރު 2025، 04:18

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ކުރިއަށްގެންދާ މިފަދަ އެންމެ ބޮޑު މަޝްރޫޢު، ރަސްމާލެ އިކޯސިޓީ ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި މަޝްރޫޢުއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބޯހިޔާވަހިކަމުގެ ތަޞައްވުރުގެ ތެރެއިން ފަށައި، ފުށިދިއްގަރު ފަޅު ހިއްކައިގެން ކުރިއަށްގެންދާ  މަސައްކަތެކެވެ. ސަރުކާރުގެ އަމާޒަކީ އަންނަ އަހަރުގެ މާރިޗު މަހަށް މި މަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމެވެ.

ރަސްމާލެ ތަރައްޤީ ކުރުމުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ. ފަށައިގަނެވުނުފަހުން އެކި ސަބަބުތަކާއި ހުރަސްތަކާހުރެ މަސައްކަތް ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވި ނަމަވެސް، ސަރުކާރުން މިކަން ހައްލުކޮށް، މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދަނީ 12 ސަރަޙައްދަކަށް ބަހާލައިގެން ތިން ފަރާތަކުންނެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަސައްކަތް އަވަސްކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ގެނައި ދެ ޑްރެޖަރާއެކު މަސައްކަތް ހަލުވިވެފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އެންމެ ފަހުން، މި މަސައްކަތަށް އިތުރު ބާރެއް ގެނެސްފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕަރ ޑްރޭޖަރ ކަމަށްވާ "ކްރިސްޓޮބަލް ކޮލޮން" މި މަޝްރޫޢުގައި ބޭނުންކުރަން ފެށުމުންނެވެ. މި ޑްރެޖަރ މަސައްކަތް ފަށާފައިވަނީ މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މަސައްކަތް ފެށިތާ 18 ދުވަސްވީއިރު، އެ ޑްރެޖަރ މަސައްކަތް ކުރަމުންދާ ސައިޓުން 23 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މި ސައިޓުގައި ޖުމްލަ 137.5 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

މި ރޭޓަށް ބަލާއިރު، ދުވާލަކު ހެކްޓަރަކަށްވުރެ ބޮޑު ސަރަހައްދެއް ބިން ހިއްކިގެންދާކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ. އިތުރު ގޮންޖެހުމެއް ކުރިމަތިނުވާނަމަ، ސަރުކާރުން މިހާރު ލަފާކޮށްފައިވާ ޓައިމްލައިނަށް މަޝްރޫޢު އެއްކޮށް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށްވެސް އެމްއޭސީއެލްއިން ވިދާޅުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހުގެ ތެރޭގައި މައްޗަންގޯޅީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެފައިވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗު މަހަށް ނިމޭނެކަމަށެވެ. މީގެ އިތުރުން، އެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތައްވެސް ބިން ހިއްކާ ނިމޭއިރު ކަނޑައަޅާ ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. ރަސްމާލެއިން ޖުމްލަ 25,000 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، ފުރަތަމަ ބުރުގައި 15,000 ގޯއްޗަށް މިހާރު ވަނީ ޢިއުލާންކޮށްފައެވެ.

ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު، ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މާސްޓަރ ޕްލޭނެއް އެކުލަވައިލުމަށް މާލީ ކަންކަމާ ބެހޭ ވުޒާރާއިން ވަނީ ކޮންސަލްޓެންޓެއް ހޯދުމަށް އިޢުލާންކޮށްފައެވެ. މި ކޮންސަލްޓެންސީގެ މައިގަނޑު މަޤްޞަދަކީ ވެރިކަން ކުރާ ރަށް މާލެއާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުމެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން