ޚަބަރު
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފި
ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރ ތައާރަފްކުރި ވީޑިއޯގެ ތެރެއިން ބައެއް ސްކްރީން ޝޮޓް
ހުޅުމާލެއަކީ ރައްކާތެރި ތަނަކަށް ހެދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ހަރުދަނާކުރުމަށް ޚާއްސަ ސީސީޓީވީ މޮނިޓަރިންގ ކޮމާންޑް ސެންޓަރެއް ގާއިމްކޮށްފިއެވެ. މި ސެންޓަރު ގާއިމްކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 9 ގައެވެ.
ފަރުދުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެޗްޑީސީން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގަމުން އަންނަ ކަންކަން މި ސެންޓަރުން ފެންނާނެކަމަށެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އާންމު ތަންތަނާއި، ޓަވަރުތަކުގެ ސެކިއުރިޓީ ބަލަހައްޓަން އެޗްޑީސީން ތަޢާރަފްކޮށްފައިވާ އެސްޓޭޓް ސެކިއުރިޓީގެ ޚިދުމަތުގެ ދަށުން، މި ސެންޓަރު ބަލަހައްޓާނީ އެ ކުންފުނީގެ މުވައްޒަފުންކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.
We are reforming our security to ensure safer and stronger protection for our island city #withHDC.
— Housing Development Corporation (@hdcmaldives) December 15, 2025
Stay tuned. #SaferHulhumalé #MyHulhumalé pic.twitter.com/33k3SCA4Kd
ހުޅުމާލޭގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޗްޑީސީން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަން ފާހަގަކޮށްލެވެއެވެ. މިގޮތުން، ދާދިފަހުން ތައާރަފުކުރި އެސްޓޭޓް ސެކިއުރިޓީ ޓީމުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ތަންތަން ބެލެހެއްޓުމުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްގެންދާނެއެވެ. މި ސެކިއުރިޓީ ޓީމުން މަސައްކަތް ކުރާނީ ހާއްސަ ޔުނީފޯމެއް އަޅައިގެންނެވެ.
މި ޚިދުމަތުގެ އެންމެ ބޮޑު އަމާޒަކީ ޒަމާނީ ފެންވަރަށް ސެކިއުރިޓީގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. އެގޮތުން، ސީސީޓީވީ ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ގައުމީ މިންގަނޑުތަކަށް ފެތޭގޮތަށް މި ޚިދުމަތް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓްތައް ކުރަމުންދާނެކަމަށް އެޗްޑީސީން ބުނެއެވެ.
މި ޚިދުމަތުގެ ދަށުން ހުޅުމާލޭގެ ހުރިހާ ފޭސްތަކެއްގައި ހިމެނޭ އިމާރާތްތަކުގެ އިތުރުން، އާންމުކޮށް ބޭނުންކުރާ ސަރަހައްދުތައްވެސް ބަލަހައްޓައި ރައްކާތެރިކަން ކަށަވަރުކުރާނެއެވެ. މީގެ ތެރޭގައި ވީނަރެސް ފްލެޓްސް ފަދަ ބޮޑެތި ޢިމާރާތްތައްވެސް ހިމެނެއެވެ. މި މަސައްކަތް ކުރިއަށްގެންދާއިރު، ކަމާބެހޭ ފަރާތްތަކާއެކު ގުޅިގެން، ޚާއްސަކޮށް ފުލުހުންގެ ޚިދުމަތާ ގުޅިގެން މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.