ޚަބަރު
ޑިޕޮސިޓްއަށް ގެނައި ބަދަލާ ގުޅިގެން ކުރިން ޑައުންޕޭމަންޓް ދެއްކި ފަރާތްތަކުގެ ޑިޕޮސިޓް ކުލިން އެޖަސްޓުކުރަނީ
ފަހި ދިރިއުޅުން ފްލެޓްތައް ފޮޓޯ: ދި މޯލްޑިވްސް ޖަރނަލް
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލެ 2 ގައި އިމާރާތް ކޮށްފައިވާ 4،000 ފްލެޓުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކޮށް، މިހާރު ދައްކަން ޖެހޭ މިންވަރު ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ އާންމުކުރައްވައިފަ އެވެ.
ހުޅުމާލޭ 2 ވަނަ ފިހަވަހީ ގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި، އެ ފްލެޓުތަކުގެ ކުއްޔާއި ސެކިއުރިޓީ ޑިޕޮސިޓް ކުޑަކުރިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާނު ކުރައްވައިފަ އެވެ. އެ މަނިކުފާނު މިގޮތަށް ނިންމެވީ އެ ފްލެޓްތަކަށް ނަގާ ޑިޕޮސިޓާއި ސޯޝަލް އެހެން ސްކީމްތަކާ އަޅާބަލާއިރު ކުލި ބޮޑުކަމަށް އާއްމުންގެ ފަރާތުން ލިބުނު ޝަކުވާތަކާ ގުޅިގެންނެވެ.
މި ބަދަލާއެކު، ކުރިން ޑިޕޮސިޓް ފައިސާ ބޮޑުކޮޮށް ދައްކާފައިވާ ފަރާތްތަކަށް ޑިޕޮޒިޓްގެ ގޮތުގައި ނަގާ ފައިސާގެ އަދަދު ދަށްކޮށް، އިތުރަށް ދައްކާފައިވާ ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލި ނެގުމަށް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވެއެވެ.
މި ބަދަލުތަކުގެ ތެރެއިން، ތިން ކޮޓަރީގެ އެޕާޓްމެންޓްތަކަށް ކުރިން 25,000 (ފަންސަވީސް ހާސް) ރުފިޔާގެ ސެކިއުރިޓީ ޑިޕޮޒިޓެއް ދައްކާފައިވާ ފަރާތްތަކުން، މިހާރު ދައްކަން ޖެހޭ އަދަދަށް ބަދަލު އައިސްފައިވާތީ، އެ ފަރާތްތަކުން 8,500 (އަށް ހާސް ފަސްސަތޭކަ) ރުފިޔާ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބަހައްޓައި، ބާކީ ހުރި ފައިސާ ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި އެޑްޖަސްޓް ކުރެވޭނެއެވެ.
އަދި، ދެ ކޮޓަރީގެ އެޕާޓްމެންޓްތަކަށް ކުރިން 15,000 (ފަނަރަ ހާސް) ރުފިޔާގެ ޑިޕޮޒިޓެއް ދައްކާފައިވާ ފަރާތްތަކުން، 6,000 (ހަހާސް) ރުފިޔާ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި ބެހެއްޓުމަށްފަހު، ބާކީ ހުރި ފައިސާވެސް ކުރިއަށް އޮތް މަސްތަކުގެ ކުލީގެ ގޮތުގައި ހަމަޖައްސާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
މި އުސޫލީ ބަދަލުގެ ސަބަބުން، ކުރިން ގިނަ އަދަދަކުން ޑައުންޕޭމަންޓް ދައްކާފައިވާ އެތައް ހާސް ރައްޔިތުންނަށް ފައިސާގެ ގޮތުން ލުޔެއް ލިބިގެންދާނެއެވެ. ޚާއްސަކޮށް، ބޯހިޔާވަހިކަމުގެ ދަތިކަމުގައި ތިބި އާންމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތައް ކުޑަކުރުމަށް މި ބަދަލުތައް މުހިންމު ދައުރެއް އަދާކުރާނެ ކަމަށް ބެލެވެއެވެ. މިގޮތަށް ޑިޕޮޒިޓްގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ، ގެދޮރުވެރިކަމުގެ ދަތިކަން ހައްލުކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް، ރައްޔިތުންނަށް ދިރިއުޅުމުގެ ލުއިފަސޭހަ ކަމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައެވެ.