ވިޔަފާރި

މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަސައްކަތަކަށް ބަޔަކު ހޯދަނީ

މާލޭގެ ވިޔަފާރި ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކުރުމާ ގުޅޭ މަސައްކަތަކަށް ބަޔަކު ހޯދަނީ

މާލޭގެ ވިޔަފާރި ބަނދަރު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

20 ޑިސެމްބަރު 2025، 06:10

20 ޑިސެމްބަރު 2025، 06:10

މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް ތިލަފުށީގައި ކީވޯލެއް ތަރައްޤީކުރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

މިއީ ތިލަފުށީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ "ލޯކަލް ހާބަރ ރިލީފް ޕްރޮޖެކްޓް"ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިޔަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ އެމްޕީއެލްގެ މާސްޓަރޕްލޭންގެ ދަށުން މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށާއި، ބޮޑެތި އުޅަނދުފަހަރަށްވެސް ބަނދަރުކުރެވޭނެފަދަ ޒަމާނީ ބަނދަރެއް ތަރައްޤީކުރުމުގެ މަޤްސަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މާލޭގެ ވިޔަފާރި ބަނދަރުގެ ދަތިކަމުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. ރައީސުލްޖުމްހޫރިއްޔާ އެންމެ ފަހުން ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރުމުގައި ވެސް އެ ޝަކުވާ ވަނީ ވިޔަފާރިވެރިއަކު ހުށަހަޅާފައެވެ. އެގޮތުން ބޯޓެއް މާލެ އައުމަށްފަހު އެވަރެޖުކޮށް 4 ދުވަސް ބަނދަރާ ކައިރި ނުކުރެވި ހޭދަކުރަންޖެހޭކަން ހާމަކުރިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދާދިނުމަށް އެމްޕީއެލުން ވަނީ ތިލަފުށީގައި ރާއްޖޭގެ މައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައެވެ. 250 މިލިޔަން ޑޮލަރުގެ މި މަޝްރޫޢު ކުރިއަށްގެންދަނީ އެކި ފިޔަވައްސަށް ބަހާލައިގެންނެވެ.

އެގޮތުން މިހާރު އިޢުލާންކޮށްފައިވާ މަސައްކަތުގެ ސްކޯޕުގައި ހިމެނެނީ ތިލަފުށީގައި 100 މީޓަރުގެ އިންޓަރނޭޝަނަލް ކީވޯލް އެއް ޑިޒައިންކޮށް ތަރައްޤީކުރުމާއި، 650 މީޓަރުގެ ޑޮމެސްޓިކް ކީވޯލް އާއި ބޭސިން ޗެނަލްގެ ސަރވޭކޮށް، ޑީޓެއިލްޑް ޑިޒައިން ތައްޔާރުކުރުމުގެ މަސައްކަތެވެ. 

މި މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާއިރު، ތިލަފުށީގައި ހުސް ކޮންޓެއިނަރު ބެހެއްޓުމަށް ހެދި 60 މީޓަރުގެ ކީވޯލްގެ މަސައްކަތް ވަނީ ނިމިފައެވެ.

މިހާރު އިޢުލާންކޮށްފައިވާ 100 މީޓަރުގެ ކީވޯލް އަކީ ރާއްޖޭން ބޭރުން މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓު ފަހަރަށް ކައިރިކުރެވޭނެގޮތަށް ހަދާ ތަނެކެވެ. މި ކީވޯލްގެ ނިމޭއިރު ފުން މިނުގައި 14.3 މީޓަރު ހުންނާނެއެވެ.

މި މަސައްކަތްތައް ހިންގުމަށް އެމްޕީއެލް އިން ބީލަމަށް ހުޅުވާލާފައިވަނީ ދިވެހި އަދި ބައިނަލްއަޤްވާމީ ކޮންޓްރެކްޓަރުންނަށާއި، ޖޮއިންޓް ވެންޗަރތަކަށެވެ.

ރާއްޖޭގެ މައި ވިޔަފާރި ބަނދަރު ތިލަފުށީގައި ޤާއިމްކުރުމުގެ މަސައްކަތައް ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށާއި، ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކަށް 150 މިލިޔަނެއްހާ ޑޮލަރު ހޭދަވާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ. އަދި ވިޔަފާރި ބަނދަރު ތިލަފުށްޓަށް މުޅިން ބަދަލުކުރުމުގެ މަރުޙަލާތައް 10ވަރަކަށް އަހަރަށް ދެމިގެންދާ ކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން