ޚަބަރު
ވަގަށް ނަގާފައިވާ އައުޓްބޯޑް އިންޖީނެއް ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފި
އިންޖީނު/ފޮޓޯ: ފުލުހުން
ހުޅުމާލޭގެ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައި ހުއްޓައި ވަގަށް ނަގާފައިވާ 140،000 ރުފިޔާގެ އަގުހުރި އައުޓްބޯޑް އިންޖީނެއް ފުލުހުން ހޯދައި، އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ޑިސެންބަރު މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭ ގެއެއްގެ ގްރައުންޑް ފްލޯގައި ބަހައްޓާފައިހުރި 140،000 ރުފިޔާގެ އަގުހުރި 40 ހޯސްޕަވަރުގެ އައުޓްބޯޑް އިންޖީނެއް ވަގަށް ނަގާފައިވާކަމުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހުޅުމާލެ ފޭސް 1 ޕޮލިސްގެ ޕެޓްރޯލް އެންޑް ރެެސްޕޮންސް އާއި އިންވެސްޓިގޭޝަންގައި މަސައްކަތްކުރާ ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މި އިންޖީނު ހޯދާފައިވަނީ، މިމައްސަލައިގެ ތަޙުޤީގަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޑިސެންބަރު މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުންނަ ބައު ދަގަނޑު ކިރާ ތަނެއް ބަލައިފާސްކޮށްގެން ކަމަށެވެ. އެގޮތުން، އެތަން ބަލައިފާސްކުރިއިރު، އިންޖީނު ބައެއް ބައިތައްވެސް ފެނިފައިވާ ކަމަށާއި، ވަގަށް ނަގާފައިވާ އިންޖީނު ހޯދާފައިވަނީ ބައު ދަނގަޑުގެ ގޮތުގައި ނުއަގުގައި 1083 ރުފިޔާއަށް ވިއްކާލާފައިވަނިކޮށްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި އިންޖީނު މިހާރު ވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާއިރު، މި މައްސަލަ ހުޅުމާލެ 1 ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ.