ޚަބަރު
ރ. އިނގުރައިދުއަށް ބޯކޮށް ވާރޭވެހި 15 ގެއަކަށް ގެއްލުންވެއްޖެ
ރ. އިނގުރައިދޫގައި ވާރޭވެހި ފެންބޮޑުވެފައި. ފޮޓޯ: އެންޑީއެމްއޭ
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރ. އިނގުރައިދުއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ 15 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެ އިނގުރައިދުއަށް ބޯކޮށް ވާރޭވެހި އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެން ވަދެފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 15 ވަރަކަށް ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ ރަށު ކައުންސިލުން އެ އޮތޯރިޓީއަށް މައުލޫމާތު ދީފައިވާ ކަމަށް ބަޔާންކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވެފައިވާ ކަމުގެ ރިޕޯޓްތައް މި އޮތޯރިޓީއަށް ދަނީ ލިބެމުންނެވެ. އެގޮތުން އިއްޔެ ރ. އިނގުރައިދޫއަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ގާތްގަނޑަކަށް 30 ގެއަކަށް ފެންވަދެ، އޭގެ… pic.twitter.com/2Sc6GESr5W
— NDMA Maldives (@NDMAmv) September 17, 2026
ގޭގެއަށް ފެން ވަނުން ހުއްޓުވުމަށްޓަކައި ވެލިބަސްތާ ޖެހުމާއި، ރަށުތެރޭގައި ބޮޑުވެފައިވާ ފެން ހިއްކުމުގެ މަސައްކަތް ކައުންސިލާއި، ރަށުގެ އެކިއެކި މުއައްސަސާތައް އަދި އާންމު ރައްޔިތުން ގުޅިގެން މިހާރުވެސް ކުރިއަށްގެންދާ ކަމަށް އެންޑީއެމްއޭއިން މަޢުލޫމާތު ދެއެވެ. މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވަމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ. އެގޮތުން އުތުރުގެ ރަށްތަކުގެ ތެރެއިން ރ. ރަސްމާދޫ، ރ. އިނގުރައިދޫ އަދި ޅ. ނައިފަރުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.