Ads by Farudhun

ޚަބަރު

ސީ.އެސް.ސީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ސީ.އެސް.ސީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ސީ.އެސް.ސީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ 8 ވަނަ ބައްދަލުވުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

26 ނޮވެމްބަރު 2026، 12:00

26 ނޮވެމްބަރު 2026، 12:00

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީ.އެސް.ސީ) ގެ 8 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުން މިއަދު ދިވެހިރާއްޖޭގައި ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑް ރިސޯޓުގައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ސަރަހައްދީ ސަލާމަތާ ގުޅުންހުރި އިސްކަންދޭ މުހިންމު ކަންކަމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިއްސާވާ އަދި އަލަށް އުފެދެމުންދާ ތަފާތު ނުރައްކާތަކާ ކުރިމަތިލުމުގައި ޤައުމުތަކުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ވަރުގަދަކުރުމެވެ. މި ބައްދަލުވުން މިއަހަރު ރާއްޖޭގައި ބާއްވާފައިވަނީ މިދިޔަ އަހަރު އިންޑިއާގައި ބޭއްވުނު 7 ވަނަ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުންގެ ބައްދަލުވުމުގައި ނިންމި ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވް އަކީ އިންޑިއާ، ދިވެހިރާއްޖެ، މޮރިޝަސް، ސްރީލަންކާ، ބަންގްލަދޭޝް، އަދި ސީޝެލްސް ހިމެނޭހެން އުފައްދާފައިވާ ސަރަހައްދީ ސަލާމަތީ އެއްބާރުލުން ދިނުމުގެ މުހިންމު މަންސައެކެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި ދިވެހިރާއްޖެއާއި އިންޑިއާގެ އިތުރުން ސްރީލަންކާ އަދި ބަންގްލަދޭޝްގެ މަތީ ފަންތީގެ ވަފުދުތަކުން ބައިވެރިވެފައިވެއެވެ. މީގެއިތުރުން، ދައުވަތު އެރުވިގެން އޮސްޓްރޭލިއާ އަދި މެލޭޝިއާގެ ވަފުދުތަކުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

މި ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ޙަސަން ރަޝީދު ވަނީ ސަރަހައްދީ ސަލާމަތަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން، ޤާނޫނާ ޚިލާފަށް، ރިޕޯޓުނުކޮށް، އަދި ރެގިއުލޭޓް ނުކުރެވި ކުރާ މަސްވެރިކަމާއި، ޓެރަރިޒަމާއި، ހަރުކަށި ފިކުރުގެ އިތުރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކަކީ މެންބަރު ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮލަމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ ދަށުން އެއްބާރުލުން ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު ފަސް ތަނބެއްގެ މައްޗަށެވެ. އެއީ:

  • މެރިޓައިމް ސޭފްޓީ އެންޑް ސެކިއުރިޓީ (ކަނޑުދަތުރުފަތުރުގެ ރައްކާތެރިކަން)
  • ކައުންޓަރ ޓެރަރިޒަމް އެންޑް ރެޑިކަލައިޒޭޝަން (ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުން)
  • ޓްރެފިކިންގ އާއި ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމްއާ ދެކޮޅަށް މަސައްކަތްކުރުން
  • ސައިބަރ ސެކިއުރިޓީ އެންޑް ދަ ޕްރޮޓެކްޝަން އޮފް ކްރިޓިކަލް އިންފްރާސްޓްރަކްޗަރ (ސައިބަރ ސަލާމަތާއި މުހިންމު ވަސީލަތްތައް ހިމާޔަތްކުރުން)
  • ހިއުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓަރ ރިލީފް (އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމަށް ދެވޭ އެހީ) 

މި ބައްދަލުވުން ނިންމާލުމުގެ ގޮތުން، ދިވެހިރާއްޖެ ހިމެނޭހެން ބައިވެރިވި މެންބަރު ޤައުމުތަކުން ވަނީ، މަޝްވަރާތަކުގައި އެއްބަސްވެވުނު މުހިންމު ކަންކަން ހިމަނައިގެން ގުޅިފައިވާ ބަޔާނެއް ނެރެފައެވެ. އަދި ކޮންކްލޭވްގެ ފަސް ތަނބު ކުރިއެރުވުމަށާއި، ޞުލްޙަވެރި، ރައްކާތެރި އަދި ވިލުންތެރި އިންޑިއާ ކަނޑުގެ ސަރަޙައްދެއް ބިނާކުރުމަށްޓަކައި އެންމެހައި ޤައުމުތައް ގުޅިގެން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ނިންމިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450