ޚަބަރު
"ހޯޕް އައިލެންޑް" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެ: ދާޚިލީ ވަޒީރު
ވަޒީރު އިޙްސާނު/ފޮޓޯ: ވުޒާރާ
"ހޯޕް އައިލެންޑް" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒިރު ވިދާޅުވީ، ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން ހޯޕް އައިލެންޑަށް އިންވެސްޓްކުރާނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. ހަމަ އެހެންމެ، އެ ފަރާތާއެކު ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ބައްދަލުވުންތައް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ، "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށް ނިންމާފައި އޮތް ނަމަވެސް މިހާރު އެތަން ތަރައްޤީކުރުމަށް ނިންމާފައި ވަނީ އުތުރު ތިލަފަޅުގައި ކަމަށެވެ. އުތުރު ތިލަފަޅުގައި ހޯޕް އައިލެންޑް ތަރައްޤީކުރަނީ 700 މީހުންގެ ޖާގަޔަށް ޚާއްޞަކޮށްގެންނެވެ. އެގޮތުން، އެތަނަށް ގެންދާ ކުދިންނާއި މުވައްޒަފުން ތިބުމަށް ޚާއްޞަ ޔުނިޓަކާއި ތަޢުލީމް ފޯރުކޮށްދިނުމަށާއި އެކި ތަމްރީންތައް ކުރިއަށްގެންދާނެ ސަރަޙައްދެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، އެކި ކަހަލަ ކުޅިވަރު ކުޅެވޭނެ ސަރަޙައްދަކާއި، ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭނެ ތަނެއް ވެސް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
އެ ބޭފުޅުން ނެގޯޝިއޭޓް އެ ކުރައްވަނީ ކްރޮސް ސަބްސިޑައިޒް ކުރާނެ ފަޅުތަކާއި ނުވަތަ ރަށަކާ ގުޅޭގޮތުން. އެ މަސައްކަތް އަޅުގަނޑު ޤަބޫލުކުރަނީ މި މަހުގެ ނިޔަލަށް ނިމޭނެ ކަމަށް. ހޯޕް އައިލެންޑުގެ ޢަމަލީ މަސައްކަތް މި ފެށޭ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިބަލަނީ. ހޯޕް އައިލެންޑް ވެގެންދާނީ ޤާނޫނުގައި ބުނާ ލޯންގް ޓާމް ކެއަރ ފެސިލިޓީއަށް.
ވަޒީރު ވިދާޅުވިއެވެ.
ހަމަ އެއާއެކު، މި މަޝްރޫޢުގެ ދަށުން އެތަނުގައި 700 މީހުންނަށް ނަމާދުކުރެވޭނެ މިސްކިތަކާއި، އެކި ކަހަލަ ހަފްލާތައް ބޭއްވުމަށް ޚާއްޞަ ސަރަޙައްދަކާއި، އެތަނަށް ގެންނަ ކުދިންނާ ބެލެނިވެރިންނަށް ބައްދަލުކުރުމަށް ޚާއްޞަ ސަރަޙައްދެއްވެސް ތަރައްޤީކުރާނެއެވެ. ހޯޕް އައިލެންޑް ތަރައްޤީކުރަނީ މި ހުރިހާ ޚިދުމަތްތައް ހިމެނޭހެން އަސާސީ ހުރިހާ ޚިދުމަތްތަކާއެކުގައެވެ. ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް އުތުރު ތިލަފަޅުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ. ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން 18 އަހަރު ވަންދެން އެތަނުގައި އުޅެވޭނެ އިންތިޒާމު ކުރެވޭނެކަމަށް ވަޒީރު ވިދާޅުވެއެވެ.
އެއަށްފަހު، ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.