ޚަބަރު
ސްޓޮކްހޯމް ކޮންވެންޝަން އަލުން ދިރާސާކޮށް މުރާޖާކުރުމުގެ 2 ވަނަ ބައްދަލުވުން ބާއްވައިފި
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ރާއްޖޭގައި ދިގުދެމިހުންނަ މުޑުދާރުކުރަނިވި މާއްދާތައް (ޕަރސިސްޓެންޓް އޯގަނިކް ޕޮލިއުޓެންޓްސް - ޕޮޕްސް) ކޮންޓްރޯލް ކުރުމާ ބެހޭގޮތުން ހެދިފައިވާ ސްޓޮކްހޯމް ކޮންވެންޝަންގެ ޤައުމީ ޢަމަލީ ތަފްޞީލު (ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން - އެން.އައި.ޕީ) އަލުން ދިރާސާކޮށް މުރާޖާކުރުމުގެ މަޝްރޫޢުގެ ދަށުން ބޭއްވުނު 2 ވަނަ ނޭޝަނަލް ކޯޑިނޭޝަން މެކޭނިޒަމް (އެން.ސީ.އެމް) ބައްދަލުވުން ބާއްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ މާލޭގައި، ރާއްޖޭގެ ކަމާބެހޭ މުއައްސަސާތަކުގެ އިސްވެރިންނާއި ތަޖުރިބާކާރުންގެ ބައިވެރިވުމާއެކުގައެވެ.
ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގެ ބޭނުމަކީ މަޝްރޫޢުގެ މިހާރުގެ ކުރިއެރުންތައް ދިރާސާކޮށް، 2026 ވަނަ އަހަރަށް ކަނޑައަޅާފައިވާ މަސައްކަތު ތާވަލަށް ތާއީދު ކުރުން ކަމަށެވެ. މީގެ އިތުރުން، ރާއްޖޭގައި ކެމިކަލްސް އާއި ކުނި މެނޭޖް ކުރުމުގެ ނިޒާމު ހަރުދަނާކޮށް، ޤާބިލުކަން އިތުރުކުރުމުގެ މަޝްރޫޢު (އިންސްޓިޓިއުޝަނަލް ސްޓްރެންތެނިންގ އެންޑް ކެޕޭސިޓީ ބިލްޑިންގ ފޯ ދަ ސައުންޑް މެނޭޖްމަންޓް އޮފް ކެމިކަލްސް އެންޑް ވޭސްޓްސް އިން ދަ މޯލްޑިވްސް ޕްރޮޖެކްޓް) ގެ 2 ވަނަ ޕްރޮޖެކްޓް ސްޓިއަރިންގ ކޮމިޓީ ބައްދަލުވުންވެސް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުންތަކުގައި، ސްޓޮކްހޯމް ކޮންވެންޝަނުގެ ދަށުން ރާއްޖެއިން ޢަމަލުކުރަމުންދާ ގޮތްތަކާއި، ޕޮޕްސްގެ ނުރައްކާތަކުން ތިމާވެއްޓާއި އިންސާނުންގެ ޞިއްޙަަތު ރައްކާތެރިކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، ކެމިކަލްސް އާއި ކުނި ރައްކާތެރިކަމާއެކު މެނޭޖް ކުރުމަށްޓަކައި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، މުއައްސަސީ ޤާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުން ވެސް މަޢުލޫމާތު ބަދަލުކުރެވިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ދެ މަޝްރޫޢަކީ ވެސް ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވަރަށް މުހިންމު ދެ މަޝްރޫޢަށްވީއރު، މި ބައްދަލުވުންތަކުގައި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލަށް ތާއީދު ކުރުމާއެކު، މި މަޝްރޫޢުތައް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކަމާ ގުޅުންހުރި ފަރާތްތަކުން ވަނީ އެއްބަސްވެފަ އެވެ.