Ads by Stelco

ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް އީމާން" ހުކުރު ދުވަހު ހުޅުވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "މަސްޖިދުލް އީމާން" ހުކުރު ދުވަހު ހުޅުވަނީ

މަސްޖިދުލް އީމާން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 ޑިސެމްބަރު 2025، 04:51

21 ޑިސެމްބަރު 2025، 04:51

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ "މަސްޖިދުލް އީމާން" އަންނަ ހުކުރު ދުވަހު ހުޅުވާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތަކުން ބިނާ ކުރި މަސްޖިދުލް އީމާން އަންނަ ހުކުރު ދުވަހު ހުކުރު ނަމާދާއެކު ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދާއިމީ މިސްކިތްތަކުގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން އިމާރާތްކޮށްފައިވާ މިސްކިތެކެވެ.

އަންނަ އަހަރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު 3 ނުވަތަ 4 މިސްކިތެއް ބިނާކޮށް ނިމޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވާއިރު، އެ މިސްކިތްތަކުގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ހުރީ ނިމުމުގެ އެންމެ ފަހު މަރުހަލާގައެވެ. ވަޒީރުގެ ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ވަގުތީ މިސްކިތްތައް އުވާލެވޭ ވަރަށް ދާއިމީ މިސްކިތްތައް ޤާއިމުކޮށް ނިންމުމަކީ އެ ވުޒާރާގެ އަމާޒެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކުރަމުންގެންދާ މިސްކިތްތަކުގެ ތެރެއިން 15 ވަރަކަށް މިސްކިތުގެ މަޝްރޫޢު ނިންމައި، ރަމަޟާންމަހުގެ ކުރިން ހުޅުވިގެންދާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އަލަށް ހުޅުވާ މިސްކިތްތަކުގެ ތެރޭގައި މާލޭގެ މިސްކިތަކާއި ހުޅުމާލެ ފޭސް 2 ގެ މިސްކިތްތައް ވެސް ހިމެނޭނެއެވެ. ހުޅުމާލެ ފޭސް 2 ގައި ދާއިމީ މިސްކިތް މަދުކަމުގެ ސަބަބުން ދިމާވެފައިވާ ދަތިކަން ޙައްލުކުރުމަށްޓަކައި އެތަނުގައި އިތުރު ދާއިމީ މިސްކިތްތަކެެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށްވެސް ވަނީ ތައްޔާރުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން