ޚަބަރު
ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު ހައްޔަރުކޮށްފި
މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ފުލުހަކު މަސްތުވާތަކެއްޗާއެކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޑިސެންބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ދިލާސާގެ/ތ. ހިރިލަންދޫ، މުޙައްމަދު ނަވާޒް (25އ) ކަމަށެވެ.
އޭނާ ހައްޔަރުކޮށްފައި ވަނީ ޑިސެންބަރު 21 ވަނަ ދުވަހުގެ ހެނދުނު ވަގުތެއްގައި ތ. ވަންދޫ ބަނދަރު މަތިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މިމައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްއާއި އޭނާ ގެންގުޅުނު ތަކެތި ބަލައިފާސްކުރިއިރު، އޭނާއަތުގައި އޮތް ބެއަރއެއް ބެލިބެލުމުން ފަހާފަހުރިކަމަށް ފާހަގަކުރެވިގެން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. ހަމަ އެހެންމެ، އޭނާގެ ކުޑަކަމުދާތަކެތި ޓެސްޓްކުރުމުން މަަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މި މައްސަލާގައި ހައްޔަރުކޮށްފައިވާ މުޙައްމަދު ނަވާޒް އަކީ ފުލުހެއް ކަމަށެވެ. އަދި މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރުމާއެކު މުޙައްމަދު ނަވާޒް ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ. ނަވާޒްއަކީ 2021 ވަނަ އަހަރު ފުލުހުންގެ 33 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް، 2022 ވަނަ އަހަރު ކޮލިފައިޑް ޕޮލިސް އޮފިސަރަކަށް ވެފައިވާ ފުލުހެއްކަމަށް އެ ޚިދުމަތުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ނަވާޒްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމަށް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.