ޚަބަރު
ފުވައްމުލައް ސިޓީގައި ޤާއިމްކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި
މަސްކިރަނީ/ފޮޓޯ: ވުޒާރާ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ޤާއިމްކުރި މަސް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމާ ހުޅުވައިފިއެވެ.
ފުވައްމުލައް ސިޓީގައި ޤާއިމްކުރި މަސް ޕްރޮސެސިންގ ފެސިލިޓީގެ މަސައްކަތް ނިންމާ މިހާރު ވަނީ ޚިދުމަތް ދޭން ފަށައިފައެވެ. އެގޮތުން، ޞިއްޙީގޮތުން އެންމެ ރައްކާތެރި މިންގަނޑުގައި ޚިދުމަތްދެވޭގޮތަށް ޤާއިމްކޮށްފައިވާ މި ފެސިލިޓީއަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ވެސް ދީފައެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ފެސިލިޓީގެ ސަބަބުން ފުވައްމުލަކު ރައްޔިތުންނަށް ރައްކާތެރިގޮތުގައި މަސް ބަންދުކޮށް އިތުބާރު ހިފޭ އުފެއްދުންތަކެއްގެ ގޮތުގައި ލިބި މަސްވެރިކަމުން އެދެވޭ ނަފާއެއް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ. ހަމަ އެހެންމެ، ފުވައްމުލަކުގައި ޤާއިމްކުރި މަސް ޕްރޮސެސްކުރާ ފެސިލިޓީން ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ޕްރޮސެސްކޮށްފައި ހުންނަ މަސް ގަންނަން ލިބޭނެ އިންތިޒާމުވެސް ހަމަޖެހިގެން ދާނެ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީސް ކޮމްޕެނީ (މިފްކޯ) އިން ފުވައްމުލައް ސިޓީގައި ގާއިމްކުރި ފިޝް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި. މި ކަމަށްޓަކާ ފުވައްމުލަކުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުހައްމަދު މުއްތަލިބް އެވެ. pic.twitter.com/iIQgxVot05
— Ministry of Fisheries and Ocean Resources (@MFORmv) December 21, 2025
މީގެ އިތުރުން، މިދިޔަ އޮގަސްޓު މަހުން ފެށިގެން މިފްކޯއިން ވަނީ ފުވައްމުލައް ސިޓީ އިން މަސް ގަންނަން ފަށާފައެވެ. މިފްކޯއިން ފުވައްމުލަކުން މަސް ގަންނަން ފަށާފައިވާއިރު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ސީދާ އައްޑޫއަތޮޅުން މަސް އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްކެއް ކުރަމުންނެވެ. އެގޮތުން، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިފްކޯއިން ވަނީ ކޮށްފައެވެ.